Roadha Mihaaru
ލަންކާގައި ކޮވިޑް ވެކްސިން ކާޑު މަޖުބޫރު ކުރަނީ

ލަންކާގައި ކޮވިޑް ވެކްސިން ކާޑު މަޖުބޫރު ކުރަނީ

17 ފެބުރުއަރީ 2022

ސްރީ ލަންކާގައި އާންމު ތަންތަނަށް ވަދެ އުޅުމުގައި، ކޮވިޑުން ދިފާއުވުމުގެ ވެކްސިން ޖަހާފައިވާ ކަން އަންގައިދޭ ކާޑު ގެންގުޅުން މަޖުބޫރުކުރުމަށް، އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ސްރީ ލަންކާގައި އާންމު ތަންތަނަށް ވަދެ އުޅުމުގައި، ކޮވިޑުން ދިފާއުވުމުގެ ވެކްސިން ޖަހާފައިވާ ކަން އަންގައިދޭ ކާޑު ގެންގުޅުން މަޖުބޫރުކުރުމަށް، އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ސްރީ ލަންކާގެ ހެލްތު މިނިސްޓަރު ކެހެލިޔާ ރަމްބުކްވައްލާ، ނޫސްވެރިންނާ ބައްދަލުކުރައްވައި އިއްޔެ ވިދާޅުވީ އާންމު ތަންތަނަށް ވަދެ އުޅޭއިރު ވެކްސިން ކާޑު އޮތުން މަޖުބޫރުކުރުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ. އެ ނިންމުމަށް އަމަލުކުރަން ފެށުމުގެ ގޮތުން، "އާންމު ތަންތަން" ގާނޫނުގައި މާނަކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް ވެކްސިން ޖަހާފައިވާކަން ފަސޭހަ އިން ދެނެގަތުމަށްޓަކައި، އެކަމަށް ހާއްސަ މޯބައިލް އެޕްލިކޭޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތް އެ ގައުމުގެ ޓެކްނޮލޮޖީ މިނިސްޓްރީން މިހާރު އަންނަނީ ކުރަމުންނެވެ. ލަންކާ ސަރުކާރުން ނިންމާފައިވާ ގޮތުން، މެއި މަހުން ފެށިގެން އާންމު ތަންތަނަށް ވަންނަ ނަމަ، އެމީހަކީ ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހަކަށް ވާންޖެހޭނެ އެވެ.

އެކަން ކަށަވަރުކުރުމަށްޓަކައި، ކޮންމެ މީހެއްގެ މޯބައިލް ފޯނަށް އިންސްޓޯލް ކުރާ ހާއްސަ އެޕްލިކޭޝަނާއި ކިޔޫއާރް ކޯޑް މެދުވެރިކޮށް، އެ މީހާ ވެކްސިން ފުރިހަމަކޮށްފައިވާކަން ދެނެގަނެވޭނެ އެވެ. އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ފުރިހަމަކުރަމުން އަންނަ ކަމަށް، ލަންކާގެ ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.

ސްރީ ލަންކާގައި މިހާތަނަށް 631،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށް ރަސްމީ ހިސާބުތަކުން ދައްކަ އެވެ. އޭގެ ތެރެއިން މިހާތަނަށް 15،900 މީހުން މަރުވެފައިވާ އިރު، މިހާރު އެ ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު އުޅެނީ ގާތްގަނޑަކަށް 20،000 ގަ އެވެ.

ސްރީ ލަންކާގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް މިހާރު އަންނަނީ ލުއިތައް ދެމުންނެވެ. އެއާއެކު އިގްތިސާދީ ހަރަކާތްތައް އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ އިރު، ގައުމުގެ އިގްތިސާދު މިހާރު ވެސް އޮތީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ބޭރު ފައިސާ ލިބުން ދަތިވުމުގެ ސަބަބުން އިމްޕޯޓަށް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފަ އެވެ.