Roadha Mihaaru
މާސްކް އެޅުން ހޮންގްކޮންގްގައި އުވައިލަނީ

މާސްކް އެޅުން ތިން އަހަރަށް ފަހު ހޮންގްކޮންގުގައި އުވައިލަނީ

28 ފެބުރުއަރީ 2023

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އަނގަޔާއި ނޭފަތް ނިވައިވާ ގޮތަށް މާސްކު އަޅައިގެން އުޅުން މަޖުބޫރުކޮށްފައި އޮންނަތާ ގާތްގަނޑަކަށް ތިން އަހަރު ފަހުން، މާސްކް ނުއަޅައި އުޅުން ހުއްދަ ކުރުމަށް ނިންމައިފި ކަމަށް މިއަދު ހޮންގްކޮންގުން ބުނެފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އަނގަޔާއި ނޭފަތް ނިވައިވާ ގޮތަށް މާސްކު އަޅައިގެން އުޅުން މަޖުބޫރުކޮށްފައި އޮންނަތާ ގާތްގަނޑަކަށް ތިން އަހަރު ފަހުން، މާސްކް ނުއަޅައި އުޅުން ހުއްދަ ކުރުމަށް ނިންމައިފި ކަމަށް މިއަދު ހޮންގްކޮންގުން ބުނެފި އެވެ.

މާސްކް އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުން އެންމެ ފަހުން އުވައިލާ ބޮޑެތި ސަހަރުތަކުގެ ތެރޭގައި ހޮންކޮންގް ހިމެނޭނެ އެވެ. ޗައިނާގެ މައި ސަރުކާރުގެ ދަށުން އިދާރީ ގޮތުން ވަކި ވެރިކަމެއް ހިންގަމުން އަންނަ ހޮންގްކޮންގްގައި މާސްކް އެޅުން މަޖުބޫރުކުރީ، ޖުލައި 15، 2020 ގަ އެވެ.

އެކަން މަޖުބޫރު ކުރުމުގެ ފަހުން، އެކި ދުވަސްވަރު އެކަމަށް އެކި ބަދަލުތައް ގެނެސްފައިވެ އެވެ. އެ ގޮތުން، މާސްކް އަޅައިގެން އުޅުމަށް ބައެއް ދުވަސްވަރު ލުއިތައް ދިނުމަށް ފަހު، ބައެއް ދުވަސްވަރު އެކަން އިތުރަށް ހަރުކަށިކޮށް، އެ ނިންމުމާ ޚިލާފުވާ މީހުން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުން ވެސް ހިމެނެ އެވެ.

އާންމުން އެއްވެ އުޅޭ ކޮންމެ ތަނެއްގައި، އިމާރާތްތަކުގެ އެތެރޭގަ އާއި މަގުތަކާއި މައިދާންތަކާއި ޕާކްތަކާއި އާންމު ދަތުރުފަތުރުގެ އުޅަނދުތަކުގައި އުޅޭ އިރު، މާސްކް އެޅުން މަޖުބޫރު ކޮށްފައި އޮތް ދުވަސްވަރު، އެއާ ޚިލާފަށް އުޅޭ މީހުން 1000 ޑޮލަރުން ޖޫރިމަނާ ވެސް ކުރި އެވެ. އަދި ހާމަ ތަންތަނުގައި ކަސްރަތު ކުރަން ނުކުމެ އުޅޭއިރު މާސްކު އެޅުން ވެސް ބައެއް ދުވަސްވަރު މަޖުބޫރު ކުރި އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހޮންގްކޮންގްގެ ވެރިޔާ، ޗީފް އެގްޒެކެޓިވް ޖޯން ލީ މިއަދު ވިދާޅުވި ގޮތުގައި މާސްކު އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުން މުޅިން އުވައިލާނީ މާދަމާ އިން ފެށިގެންނެވެ. ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކާ ގުޅިގެން އިގްތިސާދީ ގޮތުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މުހިންމު މަސައްކަތްތަކެއް ފަށާފައިވާއިރު، "އަހަރެމެން މިހާރު އެނބުރި މިދަނީ ދިރިއުޅުމުގެ އާންމު ހާލަތުގެ ތެރެއަށް" ކަމަށް ވެސް ޖޯން ލީ ވިދާޅުވި އެވެ.

މާސްކު އެޅުމުގެ އިތުރުން، ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން، ހޮންކޮންގުން އެޅި ހަރުކަށި އެހެން ފިޔަވަޅުތައް ވެސް މީގެ މަސްތަކެއް ކުރިން ވަނީ އުވާލައިފަ އެވެ. އޭގެ ތެރެއިން، ބޭރުން އަންނަ މީހުން ހޮންގްކޮންގަށް އެތެރެ ވުމަށް ފަހު ސަރުކާރުން ކަނޑައަޅާ މުއްދަތަކަށް ކަރަންޓީނުވުން ވެސް، މީގެ މަސްތަކެއް ކުރިން ވަނީ އުވާލައިފަ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހޮންގްކޮންގްގެ ސިއްހަތާ ބެހޭ ވަޒީރު ލޯ މާއު-ޗުންގް ވިދާޅުވި ގޮތުގައި މާސްކު އެޅުން އުވައިލުމާ އެކު، ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް އުވައިލެވުނީ އެވެ.

"އަހަރެން މިހާރު މި އިންތިޒާރު ކުރަނީ، ކޮންމެ މީހެއްގެ މޫނުމަތިން ހިނިތުންވުމުގެ މަންޒަރު ފެންނާނެ ވަގުތަކަށް. އެހެން ނަމަވެސް، މާސްކް އެޅުމަށް ސަރުކާރުން ބާރުއަޅާ ބައެއް ތަންތަން އަދިވެސް އެބަހުރި. އޭގެ ތެރޭގައި މުސްކުޅިން ބަލަހައްޓާ މަރުކަޒުތަކާއި ހޮސްޕިޓަލްތައް ފަދަ، ބަލި ފެތުރުމުގެ ނުރައްކާ ބޮޑު ތަންތަން ހިމެނޭ،" ލޯ މާއު-ޗުންގް ވިދާޅުވި އެވެ.