Roadha Mihaaru
ލަންކާގައި ފުރަތަމަ ވެކްސިން ދިނީ ތިން ސިފައިންނަށް

ލަންކާގައި ފުރަތަމަ ވެކްސިން ދިނީ ސިފައިންގެ ތިން މީހުންނަށް

29 ޖެނުއަރީ 2021

ކޮލަމްބޯ (ޖެނުއަރީ 29) - ސްރީ ލަންކާގައި ކޮރޯނާވައިރަހަށް ވެކްސިން ދޭން މިއަދު ފެށިއިރު ފުރަތަމަ ވެކްސިން ދީފައި ވަނީ ކޮލަމްބޯގެ އާމީ ހޮސްޕިޓަލެއްގައި ތިން ސިފައިންނަށް ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ޖެނުއަރީ 29) - ސްރީ ލަންކާގައި ކޮރޯނާވައިރަހަށް ވެކްސިން ދޭން މިއަދު ފެށިއިރު ފުރަތަމަ ވެކްސިން ދީފައި ވަނީ ކޮލަމްބޯގެ އާމީ ހޮސްޕިޓަލެއްގައި ތިން ސިފައިންނަށް ކަމަށް އޮފިޝަލުން ބުނެފި އެވެ.

ސިއްހީ ދާއިރާގެ އޮފިޝަލުންގެ ތެރޭން ފުރަތަމަ ވެކްސިން ޖަހާފައި ވަނީ އިންފެކްޝަސް ޑިޒީޒް ހޮސްޕިޓަލް (އައިޑީއެޗް) ގެ ސީނިއާ ފިޒީޝަން ޑރ. އަނަންޑާ ވިޖެވިކްރަމާ އެވެ. ލަންކާ އިން ފުރަތަމަ ވެކްސިން ޖަހާ މީހުންގެ ތެރޭގައި ހިމެނެނީ ފްރަންޓްލައިންގައި މަސައްކަތް ކުރާ ހެލްތު ވޯކަރުންނާއި ފުލުހުންނާއި ސިފައިންނެވެ. ކޮލަމްބޯގެ ހަ ހޮސްޕިޓަލެއްގައި ވަނީ ކޮރޯނާވައިރަހުގެ ވެކްސިން ޕްރޮގްރާމް ފަށަން ނިންމައިފަ އެވެ.

ހެލްތު ސާވިސަސްގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ޑރ. ހެމަންތާ ހީރަތު ވިދާޅުވީ ކޮލަމްބޯ ނޭޝަނަލް ހޮސްޕިޓަލް، ކޮލަމްބޯ ސައުތު ޓީޗިން ހޮސްޕިޓަލް، ކޮލަމްބޯ ނޯތު ޓީޗިން ހޮސްޕިޓަލް، ހޮމަގަމާ ބޭސް ހޮސްޕިޓަލް، ކޮލަމްބޯ އީސްޓް ބޭސް ހޮސްޕިޓަލް އަދި އަންގޮޑާގެ އައިޑީއެޗުގެ ބައެއް ސްޓާފުންނަށް ވެކްސިން ދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ވެކްސިން ދޭން ފަށާއިރު މި ހޮސްޕިޓަލްތަކުގެ 25 ޕަސެންޓް ސްޓާފުންނަށް ވެކްސިން ދޭނެ ކަމަށެވެ.

އިންޑިއާ އިން އިއްޔެ ވަނީ ކޮވިޝީލްޑް ވެކްސިންގެ 500،000 ޑޯޒް ލަންކާ އަށް ހަދިޔާކޮށްފަ އެވެ.

އާބާދީގައި 21 މިލިއަން މީހުން ހިމެނޭ ސްރީ ލަންކާ އިން މިހާތަނަށް ވަނީ 61,980 މީހުން ޕޮޒިޓިވްވެ 297 މީހުން މަރުވެފަ އެވެ. ކޭސްތައް އިތުރުވާން ފެށީ އޮކްޓޯބަރު މަހުން ފެށިގެންނެވެ. އޮކްޓޯބަރު 13 އާ ހަމައަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ 3،300 އެވެ.