Roadha Mihaaru
ނަޝީދު ފޮނުއްވި މައްސަލަ ބޭރުކޮށްލީ ރަނގަޅަށް: ކޮމިޓީ

އިމްތިޔާޒް ކޮމިޓީއަށްް ނަޝީދު ފޮނުއްވި މައްސަލަ ބޭރުކޮށްލީ ރަނގަޅަށް: ކޮމިޓީ

13 ޖޫން 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ އިންކުއަރީއަށް ވަކިވަކި ސިފައިން ޖަވާބުދާރީ ނުވާނެ ކަމަށް ބުނެ، ޑިފެންސް މިނިސްޓްރީން ފޮނުވި ސިޓީއާ ގުޅިގެން މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ހުށަހެޅި މައްސަލަ ނުބަލަން ނިންމީ އުސޫލާ އެއްގޮތަށް ކަމަށް އެކޮމިޓީން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ އިންކުއަރީއަށް ވަކިވަކި ސިފައިން ޖަވާބުދާރީ ނުވާނެ ކަމަށް ބުނެ، ޑިފެންސް މިނިސްޓްރީން ފޮނުވި ސިޓީއާ ގުޅިގެން މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ހުށަހެޅި މައްސަލަ ނުބަލަން ނިންމީ އުސޫލާ އެއްގޮތަށް ކަމަށް އެކޮމިޓީން މިއަދު ބުނެފި އެވެ.

އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ މުގައްރިރު ޔާސިރު އަބްދުއް ލަތީފް މިއަދު ނެރުއްވި ބަޔާނެއްގައި ބުނީ ޑިފެންސް މިނިސްޓްރީގެ ނައިބަކު ސޮއިކުރައްވައި ފޮނުވި ސިޓީގެ މައްސަލައިގައި އިމްތިޔާޒް ކޮމިޓީން ގޮތެއް ނިންމީ އެކަން ނިންމި ބައްދަލުވުމުގައި މެމްބަރުން ހުށަހެޅުއްވި ހުށަހެޅުއްވުންތަކުގެ ތަރުތީބުން ވޯޓަށް އަހައިގެން ކަމަށެވެ. އެ ތަރުތީބުން އެންމެ ފުރަތަމަ އޮތީ އެ މައްސަލަ ކޮމިޓީން ނުބަލަން ހުށަހަޅައި ތާއީދު ލިބިފައި އޮތް ހުށަހެޅުމެއް ކަމަށާއި އެ ހުށަހެޅުން ފާސްކުރީ މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

"... މިކަމުގައި ވަަރަށް ގިނަ ގާނޫނީ މައްސަލަތައް ހުރުމުން މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބެލިދާނެ މައްސަލައެއް ކަމަށް ގަބޫލުނުކުރެވޭތީ މި މައްސަލަ ކޮމިޓީން ބޭރުކުރުމަށް ފެންނަ ކަމަށް ހުށަހެޅި ތާއީދު ލިބުނު ހުށަހެޅުން، އެވަގުތު ކޮމިޓީގައި ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވި އެވެ،" ބަޔާނުގައި ބުންޏެވެ.

ކޮމިޓީން ބުނީ އެ މައްސަލަ ނިންމި ބައްދަލުވުމަކީ ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ބައްދަލުުވުމެއް ކަމަށް ވާއިރު ކޮމިޓީގައި މެމްބަރުން ދިން ވޯޓުގެ ނަތީޖާގެ ސްކްރީންޝޮޓްތަކެއް ލީކްވެފައިވާ ކަމަށާއި އެހެންވެ ކޮމިޓީގެ ބައެއް މެމްބަރުންނަށް އުނދަގުލާއި ފުރައްސާރަ ކުރިމަތިވެފައިވާ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ވިޔަ ނުދިނުމަށް ޓަކައި ސިއްރު ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށް ނުގެންދަން ވެސް ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ބައްދަލުވުމެއް ސިއްރުކުރަން ނިންމާ ހިސާބުން އެ ބައްދަލުވުުމެއް ކުރިއަށް ގެންދާނީ ބަޔާނުގައި، ބުނިގޮތުގައި މަޖިލީހުގެ އިދާރާގަ އެވެ. މަޖިލީހުން މިއަދު ނެރުނު ބަޔާނުގައި ހާމަކޮށްފައިވާ މައުލޫމާތަކީ ބައްދަލުވުމާ ބެހޭ ގޮތުން ހާމަކުރަން ކޮމިޓީން ނިންމި މައުލޫމާތު ކަމަށް ވެސް ބުންޏެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅޭ ގޮތުން މަޖިލީހުން ކުރިއަށް ގެންދާ ޕާލަމެންޓްރީ އިންކުއަރީއަށް ވަކިވަކި ސިފައިން ޖަވާބުދާރީ ނުވާނެ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ފޮނުވި ސިޓީގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ހުސެން ޒަމީލެވެ. އޭނާގެ މައްސަލަ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބޭރުކޮށްލުމުން، ނަޝީދާއި އެމަނިކުފާނުގެ އަރިސްބޭފުޅުންގެ ފާޑުކިއުންތައް އެންމެ ބޮޑަށް އަމާޒުވީ އަލިފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) އަށެވެ.