Roadha Mihaaru
މާބަނޑު މީހަކަށް ކޮވިޑް ޖެހިގެން އައިސީޔޫގައި

މާބަނޑު މީހަކަށް ކޮވިޑް ޖެހިގެން އައިސީޔޫގައި ފަރުވާ ދެނީ

30 މެއި 2021

ކޮވިޑް-19 ޖެހިގެން ހާލު ސީރިއަސްވި މާބަނޑު މީހަކަށް، ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކޮވިޑް-19 ޖެހިގެން ހާލު ސީރިއަސްވި މާބަނޑު މީހަކަށް، ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

އާއިލާއިން ބުނާގޮތުން، އޭޑީކޭ ހޮސްޕިޓަލުގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރާ، އުމުރުން 24 އަހަރުގެ ޒުވާނާ އަށް ބަލި ޖެހުނީ ބަނޑަށް ހަތް މަހުގަ އެވެ.

އެ އަންހެންމީހާއާ އާއިލީ ގޮތުން ގާތް، އަދި އޭނާގެ ރަށް ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު މިއަދު ވިދާޅުވީ، ކޮއްކޮ އަށް ކޮވިޑް ޖެހުނީ މީގެ އަށްވަރަކަށް ދުވަސް ކުރިންނެވެ. ފުރަތަމަ 2-3 ދުވަހު ހާލު ރަނގަޅުވި ނަމަވެސް، ފަހުން ހާލު ގޯސްވާން ފެށުމުން، ތިން ވަނަ ދުވަހު ހޮސްޕިޓަލަށް ގެންދިޔައީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޒުވާނާ އައިސީޔޫގައި ފަރުވާ ދެމުން އަންނަތާ މިއީ ފަސް ވަނަ ދުވަހެވެ.

"ހޮސްޕިޓަލަށް ގެންދިޔައިރު ހާލު ވަރަށް ސީރިއަސް. އެކަމަކު މިހާރު މަޑުމަޑުން ރަނގަޅުވަމުން އަންނަނީ،" އަލީ ވިދާޅުވި އެވެ.

ކޮވިޑް ބަލި ޖެހޭ މާބަނޑު މީހުން އިތުރުވެފައި ވާއިރު، ހާލު ބޮޑުވެގެން ފަރުވާ ދޭންޖެހޭ މީހުން ވެސް މިހާރު ގިނަ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

ކޮވިޑް ޖެހޭ މާބަނޑު މީހުންގެ ހާލު ބޮޑުވެ، މަންމަގެ އިތުރުން ބަނޑުގައި އޮންނަ ދަރިފުޅަށް ވެސް ނޭދެވޭ އަސަރުކުރާ ކުރާއިރު، ދުވަސް ނުފުރާ ވިހާ މިންވަރު އިތުރު ކަމަށް ވެސް ޑޮކްޓަރުން ބުނެ އެވެ. އޭގެ އިތުރުން، މާބަނޑު މީހާއަކީ 35 އަހަރުން މަތީގެ މީހަކަށް ވެފައި، މާބަނޑުވުމުގެ ކުރިން ހަކުރު ބަލި ނުވަތަ ހިތުގެ ބަލި ހުރި މީހެއް ނަމަ ބަލި ޖެހިއްޖެ ނަމަ ރިސްކު ވަރަށް ބޮޑެވެ.