Roadha Mihaaru
ސާވޭއަކަށް ނިލަންދުއަށް ދިޔަ މީހަކު ޕޮޒިޓިވް ވެއްޖެ

ސާވޭއަކަށް ނިލަންދު އަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

27 ޖެނުއަރީ 2021

އެންވަޔަރުމެންޓު މިނިސްޓްރީގެ ސާވޭއަކަށް، ފ. ނިލަންދު އަށް ދިޔަ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އެންވަޔަރުމެންޓު މިނިސްޓްރީގެ ސާވޭއަކަށް، ފ. ނިލަންދު އަށް ދިޔަ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހާއްސަ ހުއްދައިގެ ދަށުން، މި މަހުގެ 21 ވަނަ ދުވަހު ނިލަންދުއަށް ދިޔަ ޓީމެއްގައި ހިމެނޭ މުވައްޒަފަށް ބަަލި ޖެހުނުކަން އެންގީ މިއަދެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ، ހަތަރު ދުވަސް ފަހުން މަސައްކަތް ނިންމައި އެނބުރި މާލެ އައި ފަހުންނެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ އާދިއްތަ ދުވަހު މުވައްޒަފު މާލެ ދިޔަ ތަނުން، ބަލީގެ އަލާމާތްތައް ހުރުމުން ހަމަ އެ ދުވަހު އޭނާ ވަނީ ޓެސްޓު ހަދައިފަ އެވެ. އެކަމަކު ނަތީޖާ ލިބުނީ ހަތަރު ދުވަސް ފަހުން، މިއަދު އެވެ.

ނިލަންދޫގެ ވޭސްޓް މެނޭޖްމަންޓު ސެންޓަރާ ބެހޭ ސާވޭއެއް ހެދުމަށް އެ ރަށަށް ދިޔަ ހަތަރު މީހުންގެ ޑައިރެކްޓް ކޮންޓެކްޓުން އަދި ސެކަންޑަރީ ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ، ނިލަންދޫގެ 30ހަކަށް މީހުން ވަނީ ކަރަންޓީނުކޮށްފަ އެވެ.

ބަލި ޖެހުނު މީހާގެ ކޮންޓެކްޓެއްގެ ގޮތުގައި ހިމެނިގެން، މިހާރު ކަރަންޓީނުގައި ހުންނެވި އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލް ވިދާޅުވީ، މަސައްކަތް ކުރުމަށް ސާވޭގެ ޓީމުން މުޅި ރަށުގައި ހަރަކާތްތެރިވި ކަމަށެވެ. އެކަމަކު އެޗްޕީއޭގެ އުސޫލުގައި އޮންނަނީ، މަސައްކަތް ނިންމުމަށް ފަހު އެނބުރި އެ މީހުން ދިރިއުޅޭ ތަނަކަށް ދިޔުން ކަމަށާއި ނަމަވެސް ޓީމުގައި ހިމެނޭ މީހުން، ކުޅެން ރަށުގެ ދަނޑަށް ވެސް ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ބޭފުޅުން އެ ވަނީ އުސޫލާ ހިލާފުވެފައި. ބަލި ޖެހުނު މީހާ ވެސް ބެޑްމިންޓަން ކުޅެން ދަނޑަށް ދިޔަ،" ޖަލީލް ވިދާޅުވި އެވެ.

"އެ މީހުން ދާހާ ތަނެއް އަޅުގަނޑުމެންނަކަށް ނުބެލޭނެ. އެ މީހުން ވެސް އެބަޖެހޭ އަމިއްލަ ޒިންމާ ނަގަން،"

އޭނާ ވިދާޅުވީ ބަލި އޮތްތަނަކުން، ސަރުކާރުން މީހުން މިގޮތަށް ރަށްރަށަށް ފޮނުވަން ޖެހޭނީ ޓެސްޓު ހެއްދުމަށް ފަހުގައި ކަމަށާއި އެހެން ނޫން ނަމަ، ބަލި އިތުރު ރަށްރަށުގައި ވެސް ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އުސޫލުތަކާ ހިލާފުވާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

މާލޭގެ އިތުރުން ގއ. ދެއްވަދޫ އާއި މ. ކޮޅުފުށީގައި މިހާރު ދަނީ ކޮވިޑް-19 ފެތުރެމުންނެވެ. އަދި މާލޭން ބަލި ޖެހޭ މީހުންގެ އަދަދު ވެސް މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.