Roadha Mihaaru

ޒުވާނުންނަށް ހާޓްއެޓޭކް ޖެހުން އިތުރުވާތީ ޑޮކްޓަރެއްގެ ކަންބޮޑުވުމާއި ސަބަބުތައް

ޒުވާނުންނަށް ހާޓްއެޓޭކް ޖެހުމަކީ މީގެ ކުރިން އެހާ އާންމު ކަމެއް ނޫނެވެ. އެކަމަކު، ސްރީ ލަންކާގެ ތަޖުރިބާކާރު ހިތުގެ ޑޮކްޓަރު ގޯޓާބަޔާ ރަނަސިންހު ލަންކާގެ ޑެއިލީމިރާ ނޫހުގައި މިދިޔަ ބުރާސްފަތި ދުވަހު އާއްމު ކުރެއްވި ލިޔުމެއްގައި ޒުވާނުންނަށް ހާޓް އެޓޭކް ޖެހުން އިތުރުވަމުން ދާތީ ކަންބޮޑުވުމާ އެކު އިންޒާރުތަކެއް ވަނީ ދެއްވައިފަ އެވެ.

ޒުވާނުންގެ ހާޓްއެޓޭކް އިތުރުވާތީ ޑޮކްޓަރުގެ ކަންބޮޑުވުން
އާސިމާ ނިޒާރު
އާސިމާ ނިޒާރު

08 ޖޫން 2025

ޒުވާނުންނަށް ހާޓްއެޓޭކް ޖެހުމަކީ މީގެ ކުރިން އެހާ އާންމު ކަމެއް ނޫނެވެ. އެކަމަކު، ސްރީ ލަންކާގެ ތަޖުރިބާކާރު ހިތުގެ ޑޮކްޓަރު ގޯޓާބަޔާ ރަނަސިންހު ލަންކާގެ ޑެއިލީމިރާ ނޫހުގައި މިދިޔަ ބުރާސްފަތި ދުވަހު އާއްމު ކުރެއްވި ލިޔުމެއްގައި ޒުވާނުންނަށް ހާޓް އެޓޭކް ޖެހުން އިތުރުވަމުން ދާތީ ކަންބޮޑުވުމާ އެކު އިންޒާރުތަކެއް ވަނީ ދެއްވައިފަ އެވެ.

ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި 25 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ޑޮކްޓަރު ވިދާޅުވިގޮތުގައި މީގެ ކުރިން 40 އަހަރުން ދަށުގެ މީހުންނަށް ހާޓްއެޓޭކް ޖެހުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.

ޑޮކްޓަރު ރަނަސިންހު ވިދާޅުވި ގޮތުގައި ސްރީ ލަންކާ އަދި ދެކުނު އޭޝިއާގެ އެހެން ގައުމުތަކުގައި ޒުވާނުންނަށް ހާޓްއެޓޭކް ޖެހޭ އަދަދު ކަންބޮޑުވާ މިންވަރަކަށް މިހާރު އިތުރުވެއްޖެ އެވެ.

ޑޮކްޓަރު ވިދާޅުވި ގޮތުގައި އުމުރުގެ 20 ގެ ފަހުކޮޅު ނުވަތަ 30 ގެ ކުރީކޮޅު ގުނަމުންދާ މީހުންނަށް ހާޓްއެޓޭކު ޖެހިގެން ފަރުވާ ހޯދަން އަންނަ މީހުންނާ ކޮންމެ މަހަކު ވެސް އޭނާއާ ދިމާވެ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ، އެ ލިޔުމުގައި ބުނާގޮތުން، ހާޓްއެޓޭކަށް މަގުފަހިވާ ކަންތައްތައް ކަމަށްވާ ބަރުދަން އިތުރުވުން ނުވަތަ އާއިލާގައި ވެސް އެފަދަ ކަމެއް ތަޖުރިބާކުރި ބަޔަކު ނެތް މީހުންނެވެ.

"އަޅުގަނޑުގެ ޕްރޮފެޝަނަލް ނަޒަރުގައި، މިކަން ދިމާވާ މައިގަނޑު ސަބަބަކީ ދިރިއުޅުމުގެ ޒަމާނީ ވައްޓަފާޅި އިހުތިޔާރު ކުރުން. ހާއްސަކޮށް ސިއްހަތަށް ނުރަނގަޅު ކެއުމާއި ހެލިފެލިވެ ނޫޅުމާއި ސްޓްރެސްގައި ގިނަ ދުވަހު އުޅުން އަދި ހަމަ ނިދި ނުލިބުން. މިކަންކަމަކީ ހަމައެކަނި "ނުބައި އާދަތަކެއް" ކަމުގައި މިހާރު ނުބެލެވޭ،" ލަންކާގެ ސަރުކާރު ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ޑޮކްޓަރު ވިދާޅުވި އެވެ.

"އެއީ ދުޅަވުމާއި އޮކްސިޑޭޓިވް ގެއްލުމާއި ކޮރޯނަރީ އާޓްރީތަކުގައި މާ އަވަހަށް 'ޕްލޭކް' އުފެދެން ވެސް މެދުވެރިވާ ކަންތައްތައް."

ހިތުގެ ބަލީގެ ތަޖުރިބާކާރު ޑޮކްޓަރު، ޑރ. ގޯޓާބަޔާ.

ހިތުގެ ބަލީގެ ތަޖުރިބާކާރު ޑޮކްޓަރު، ޑރ. ގޯޓާބަޔާ.

ޑޮކްޓަރު ވިދާޅުވީ ހިތުގެ ބަލިތައް ޖެހުމުގައި ޑައިޓާ ގުޅިފައިވާ ރިސްކުތައް ވެސް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި؛

1- ދޯބުރާލި ހަކުރު

މާގިނައިން ހަކުރު އެކުލެވޭ އެއްޗެހި ކެއުމުން އިންސިއުލިން ރެސިސްޓެންސް އާއި މެޓަބޮލިކް ސިންޑްރޯމް އަދި ލޭހޮޅިތަކުގެ އެންޑޮތެލިއަލް ލައިނިންއަށް ގެއްލުންވެ އެވެ. ޓައިޕް 2 ހަކުރު ބަލީގެ މައްސަލަތައް އިތުރުވަމުން ދާއިރު، ޒުވާނުންގެ ފަރާތުން ވެސް އެ ޓްރެންޑު ފެންނަ ކަމަށް އެ ލިޔުމުގައި ބުންޏެވެ.

2. ސީޑް ތެޔޮ (އިންޑަސްޓްރިއަލް ވެޖިޓަބަލް އޮއިލްސް)

ޕްރޮސެސްޑް އަދި ފާސްޓް ފުޑްސް ގިނައިން ކައްކާފައި ހުންނަނީ ސަންފްލާވާ، ކެނޯލާ، ސޯޔާބިން، ކޯން އަދި ޕާމް އޮއިލް ފަދަ ތެޔޮތަކުގަ އެވެ. އެ ތެލުގައި އޮމެގާ-6 ޕޮލިއަންސެޗުރޭޓެޑް ފެޓީ އެސިޑްސް ގިނަ އަދަދަކަށް އެކުލެވެ އެވެ. އޭގެ ސަބަބުން، ތެޔޮގަނޑު ހޫނުވުމުން މީހާއަށް އަސަރުތައް ކުރަން ފަށަ އެވެ.

އެ ބާވަތުގެ ތެލަށް ވުރެ ކާށި ތެލާއި ޒައިތޫނި ތެލަކީ ހިތުގެ ދުޅަހެޔޮކަމަށް ފައިދާ ހުރި އެއްޗެއްކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

3. އަލްޓްރާ ޕްރޮސެސްޑް ފުޑްސް

ޕެކެޓްކޮށްފައި ހުންނަ ކެއުންތައް ތައްޔާރުކުރަނީ ދޯބުރާލި ހަކުރު ނުވަތަ ސީޑް ތެޔޮ އަދި ބައެއް ފަހަރު އެ ދެ ބާވަތް ވެސް ހިމަނައިގެންނެވެ. އެ އެއްޗެހީގެ ރަހަތައް ކިތަންމެ މީރުވިއަސް، އެ ކެއުމުން ހިތުގެ ނިޒާމަށް ގެއްލުން ލިބެ އެވެ.

ޒަމާނަށް އައި ބަދަލުތަކާ އެކު ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކަކީ، ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިވެފައިވާ ކަމެއްކަމަށް އެ ލިޔުމުގައި ބުނެފައިވެ އެވެ. އޭގެ ތެރޭގައި ގިނަ ޒުވާނުންނަކީ ހެލިފެލިވެ ނޫޅޭ ބައެއް ކަމަށާއި ސްކްރީންތަކުގެ ކައިރީ ގިނަ ވަގުތު ހޭދަކުރުމާއި ދަތުރުފަތުރުކުރުން ނުވަތަ މަސައްކަތުގައި ގިނަ ވަގުތު ހޭދަވުމުން ޖިސްމާނީ ހަރަކާތްތައް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ބުންޏެވެ.

އެހެންވެ، ޑޮކްޓަރު ވަނީ މަދުވެގެން ހަފުތާއަކު ފަސް ދުވަހު، ކޮންމެ ދުވަހަކު 40 މިނެޓަށް ކަސްރަތުކުރުމަށް އެދިފަ އެވެ.

"ކޮންމެހެން ޖިމް މެމްބަޝިޕެއް އޮންނާކަށް ނުޖެހޭނެ. ހިނގުމަކީ ހިތުގެ ދުޅަހެޔޮކަމަށް އެންމެ ފަސޭހަ އަދި އެންމެ ހަރުދަނާ އެއް ކަންތައް. ފެތުމާއި ބައިސިއިކަލް ދުއްވުން ނުވަތަ ނެށުން ފަދަ ކަސްރަތުތައް ވެސް ރަނގަޅުވާނެ." އޭނާ ވިދާޅުވި އެވެ.

އެކަންކަމުގެ އިތުރުން، ރަނގަޅަށް ނިދި ނުލިބުމަކީ ހިތުގެ މައްސަލަތަކަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވާ ކަމެކެވެ. ކޮންމެ ރެއަކު ވެސް މަދުވެގެން ހަތް ގަޑިއިރު ނިދި ހަމަކުރުމަށް އެދިވަޑައިގެން، ޑޮކްޓަރު ވިދާޅުވީ އެއީ "ލަގްޒަރީ" ކަމެއް ނޫން ކަމަށެވެ.

"މެޑިކަލް ރިކުއަމަންޓެއް އެއީ...ހިތުގެ ބަލިތަކަކީ މިހާރު ހަމައެކަނި މައިންބަފައިންނަށް ދިމާވާ މައްސަލައެއް ނޫން. މިއީ މިހާރު ޒުވާނުންގެ ކަންބޮޑުވުމެއް. އިހުމާލުވެ، އަޅާނުލާ ހުރެއްޖެނަމަ ހާޓްއެޓޭކްގައި މަރުވުމުގެ ފުރުސަތު އެބައޮތް،"

"އަވަހަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ބަދަލުތަކުގެ ސަބަބުން ވަރަށް ބޮޑު އަސަރެއް ކުރާނެ. މީގެ ތެރެއިން ގިނަ ރިސްކް ފެކްޓާތަކަކީ ސީރިއަސް ނުރައްކަލެއް ކުރިމަތިވުމުގެ ކުރިން ބަދަލުކުރެވިދާނެ ކަންތައްތައް." އޭނާ ވިދާޅުވި އެވެ.

ތަޖުރިބާކާރު ޑޮކްޓަރު 40 އަހަރުން ދަށުގެ މީހުންނަށް ދެއްވި ލަފާ؛

- ދޯބުރާލި ހަކުރު އަދި ޕްރޮސެސްޑް ކާބޯހައިޑްރޭޓްސް ކެއުން މަދުކުރުން

- ސީޑް އޮއިލްއިން ދުރުވެ، އޭގެ ބަދަލުގައި ކޮކޮނަޓް އޮއިލް ނުވަތަ ޒައިތޫނި ތެޔޮ ބޭނުންކުރުން

- އަލްޓްރާ ޕްރޮސެސްޑް ކާނާ ކެއުމުން ހުއްޓާލުން

- ކޮންމެ ދުވަހަކު ކަސްރަތުކުރުން

- ކޮންމެ ރެއަކު 7-8 ގަޑިއިރުގެ ނިދުން

- އާދަޔާ ހިލާފަށް ވަރުބަލިވުމާއި ހިތުގެ ތެޅުން އަވަސްވުމާއި މެއަށް އުނދަގޫވާ ނަމަ އަވަހަށް ފަރުވާ ހޯދުން. ހާއްސަކޮށް އާއިލާގައި ސިއްހީ މައްސަލަތަކުގެ ތާރީހެއް އޮވެއްޖެ ނަމަ އުމުރުން 20 ގެ ފަހުކޮޅުން ފެށިގެން ގަވައިދުން މެޑިކަލް ޗެކަޕް ހެދުން