23 މެއި 2017
ބައްޔެއް ހުރިކަން ނޭނގި ނުވަތަ ދުރާލާ ސިއްހީ އިންޒާރެއް ނުލިބި ޒުވާން އުމުރުގައި މީހުން މަރުވާ ހާދިސާތައް ފަހަކަށް އައިސް ދަނީ ތަކުރާރުވަމުންނެވެ. ފުޓްބޯޅަ ކުޅެން ގޮސް ހުއްޓާ ކުއްލިއަކަށް މަރުވެގެން ދަނޑުމައްޗަށް ވެއްޓިދާނެ އެވެ. ހެނދުނު ނިދާ ނުހޭލައިގެން ބަލާ އިރު މަރުވެފައި އޮވެދާނެ އެވެ. މިފަދަ ހާދިސާތަކަކީ، ދިވެހިންގެ ތެރޭގައި ބަލިތައް އާއްމުވެފައިވާ މިންވަރާއި މިހާރުގެ ދިރިއުޅުމުގެ އާދަތަކަށް ބަލާ އިރު، އެންމެންނަށް ވެސް ނުރައްކަލުގެ އިންޒާރެކެވެ.
ބައްޔެއް ހުރިކަން ނޭނގި ނުވަތަ ދުރާލާ ސިއްހީ އިންޒާރެއް ނުލިބި ޒުވާން އުމުރުގައި މީހުން މަރުވާ ހާދިސާތައް ފަހަކަށް އައިސް ދަނީ ތަކުރާރުވަމުންނެވެ. ފުޓްބޯޅަ ކުޅެން ގޮސް ހުއްޓާ ކުއްލިއަކަށް މަރުވެގެން ދަނޑުމައްޗަށް ވެއްޓިދާނެ އެވެ. ހެނދުނު ނިދާ ނުހޭލައިގެން ބަލާ އިރު މަރުވެފައި އޮވެދާނެ އެވެ. މިފަދަ ހާދިސާތަކަކީ، ދިވެހިންގެ ތެރޭގައި ބަލިތައް އާއްމުވެފައިވާ މިންވަރާއި މިހާރުގެ ދިރިއުޅުމުގެ އާދަތަކަށް ބަލާ އިރު، އެންމެންނަށް ވެސް ނުރައްކަލުގެ އިންޒާރެކެވެ.
ރާއްޖޭގައި (އެކްސިޑެންޓްތަކާއި މީހުން މެރުން ނުހިމަނައި) ގުދުރަތީ ގޮތުން މީހުން މަރުވާ މައިގަނޑު ސަބަބަކީ ގައިން ގަޔަށް ނާރާ ބަލިތަކެވެ. އެއީ ދިރިއުޅުމުގެ ވައްޓަފާޅި އަށް އައިސްފައިވާ ނޭދެވޭ ބަދަލުތަކާއި ސިއްހީ ނުރަނގަޅު އާދަތަކާ ސީދާ ގުޅިފައިވާ މައްސަލަތަކެއްކަން ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރައްވަ އެވެ.
"ޚާއްސަކޮށް ހާޓް އެޓޭކް އާއި ސްޓްރޯކް ޖެހޭ އުމުރު ދަނީ ހަގުވަމުން،" އެޕިޑެމިއޮލޮޖިސްޓެއް ކަމަށްވާ ޑރ. އައިޝަތު އަރޫނާ ވިދާޅުވި އެވެ.
"މިސާލަކަށް، މި އަހަރު އައިޖީއެމްއެޗުގައި އަޅުގަނޑާ ދިމާވި، އުމުރުން 33 އަހަރުގައި ފުލް ބްލޯން ސްޓްރޯކެއް ޖެހުނު ކޭސްއެއް އަދި އެހެން ޑޮކްޓަރަކަށް ދިމާވި އުމުރުން ފަންސަވީހަކަށް އަހަރުގައި ހާޓް އެޓޭކެއް ޖެހުނު ކޭސްއެއް."
ޑަބްލިޔުއެޗްއޯ އިން ލިބެން ހުރި ތަފާސްހިސާބުތަކަށް ބަލާ އިރު ރާއްޖޭގައި މީހުން މަރުވާ ސަބަބުތަކުގެ 81 ޕަސެންޓަކީ ގައިން ގަޔަށް ނާރާ ބަލިތަކެވެ. އަދި އެފަދަ މައިގަނޑު ހަތަރު ބަލީގައި، (ހިތާއި ލޭ ހޮޅިތަކުގެ ބަލިތަކާއި ނޭވާލާ ނިޒާމުގެ ބަލިތަކާއި ކެންސަރާއި ހަކުރުބަލި) މާ އަވަހަށް (އުމުރުން 30 އަހަރާއި 70 އަހަރާ ދެމެދު) މަރުވުމުގެ ފުރުސަތު 16 ޕަސެންޓަށް އަރަ އެވެ.
"ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވަމުން މި ދަނީ. މީގައި މައިގަނޑު ތިން ސަބަބެއް އެބަ ހިމެނޭ. އެއީ ދުންފަތުގެ އިސްތިއުމާލުކުރުން، ހެލިފެލިވެ އުޅުން ކުޑަވުން އަދި ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުން މަދުވެފައި އެނަޖީ ޑްރިންކް ކަހަލަ ގެއްލުން ހުރި އެއްޗެހި ބޭނުންކުރުން އާއްމުވުން،" ޑރ. އަރޫނާ ފާހަގަކުރެއްވި އެވެ.
އައިޖީއެމްއެޗްގަައި ހިތުގެ ބަލިތަކަށް ފަރުވާ ދިނުމަށް ގާއިމުކޮށްފައިވާ ކެތުލެބުގައި ދެ މީހަކު އެޑްމިޓްކޮށްފައި: ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވުމުގެ ނުރައްކާ ބޮޑު. ފޮޓޯ: ނިޝާން އަލީ/ މިހާރު
މިދިޔަ އަހަރު ގްރޭޑް އެކެއްގެ ދަރިވަރުންގެ ހެލްތު ސްކްރީންކުރި ދިރާސާގައި އެއްކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ބެލެނިވެރިންގެ 43 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލުކުރެ އެވެ. ޑރ. އަރުނާ ފާހަގަކުރައްވާ ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ ކުއްލިއަކަށް ހިތް ހުއްޓިގެން މަރުވުމުގެ ފުރުސަތު ބޮޑުވާ ކަމެއްކަން ދިރާސާތަކުން އެނގެ އެވެ. އަދި އޭގެ ތެރޭގައި، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާއި ނުސީދާކޮށް ދުމުގެ އަސަރުކުރާ މީހުން ވެސް ހިމެނެ އެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމުގެ އަގު ފުރާނަ އިން އަދާކުރަން ޖެހިދާނެ ކަން އެންމެ ބޮޑަށް ގަބޫލުކުރައްވާ އެއް ބޭފުޅަކަށް އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވާނެ އެވެ. އަބަދުވެސް ދުންފަތާ ދެކޮޅަށް ވަކާލާތުކުރައްވާ އައްފާލްގެ ހަތަރު ރައްޓެއްސަކު ޒުވާން އުމުރުގައި ދާދި ފަހުން މަރުވެފައި ވަނީ ކުއްލި ގޮތްގޮތަށެވެ. މަރުވުމާ ހަމައަށް ވެސް، އެއިން މީހެއްގެ ސިއްހީ މައްސަލައެއް ހުރި ކަމެއް އެނގިފައި ނުވާ އިރު، އެ އެންމެންނަކީ ވެސް ފުލުފުލުން ސިނގިރޭޓް ބޮމުން ގެންދިޔަ މީހުން ކަން އައްފާލް ފާހަގަކުރެއްވި އެވެ.
"މި ހަތަރު މީހުންގެ އުމުރު އުޅެނީ 39 އަހަރުން ފެށިގެން 52 އަހަރާ ދެމެދު. އެންމެން ވެސް ޒުވާން އުމުރުގައި ކުއްލިއަކަށް މަރުވެގެން އެ ދިޔައީ އާއިލާތަކެއް ދޫކޮށްފައި. އެ މީހުން ސިނގިރޭޓް ބުއި ގޮތް އަޅުގަނޑަށް ހުރީ ފެނިފައި،" ޓޮބެކޯ ކޮންޓްރޯލް ބޯޑުގެ މެމްބަރުކަން ވެސް ކުރައްވާ އަފްއާލް ވިދާާޅުވި އެވެ.
ސިއްހީ ދާއިރާގައި އުޅުއްވާތީ އާއި އަމިއްލަ ޝައުގުވެރިކަމުގެ ގޮތުން މިފަދަ ކަންކަން ބައްލަވައި ދިރާސާކުރެއްވުމަކީ އަފްއާލް އާދަކޮށް ކުރައްވާ ކަމެކެވެ. ހަމައެކަނި ދުންފަތުގެ މައްސަލައެއް ނޫނެވެ. ގިނައިން އެނަޖީ ޑްރިންކް ބޭނުންކުރުން ފަދަ ކަންކަން ވެސް އޭނާ ފާހަގަކުރައްވަ އެވެ.
އޭޑީކޭ އިން ބޭއްވި ކޮންފަރެންސެއްގައި އަފްއާލް ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ހުސެން ވަހީދު/ މިހާރު
"އުމުރުން އެންމެ 29 އަހަރުގައި ކިޑްނީ ފެއިލް ވެގެން މި ވަގުތު ރާއްޖެ އިން ބޭރުން ފަރުވާ ހޯދަމުން އަންނަ ޒުވާން ފިރިހެންކުއްޖަކު ވެސް އެބަ އުޅޭ. އޭނައަކީ އާދަވެގެން ކޮންމެ ދުވަހަކު ހެނދުނު މަދުވެގެން ދެ ދަޅު އެނަޖީ ޑްރިންކް ބޮމުން އައި މީހެއް،" އަފްއާލް ވިދާޅުވި އެވެ.
ތަރައްގީއާ އެކު ދިރިއުޅުމުގެ ވައްޓަފާޅިއަށާއި ކެއިންބުއިމަށް އައި ބަދަލުތަކުގެ ގެއްލުން ވަރަށް ބޮޑެވެ. އެ ކަންކަމާ މެދު ވިސްނާ ނުލެވުނީމަ އެވެ. މިއީ ހެލިފެލިވެ އުޅެން ފަށަންވީ ވަގުތެވެ. ހަށިގަނޑަށް ގެއްލުން ހުރި އެއްޗެއްސާ ދުރުވެ ފައިދާ ހުރި ކާނާ އަށް މަރުހަބާ ކިޔަންވީ ވަގުތެވެ. އެކަމަކު މި ކަމުގައި ހޭލުންތެރިކަމާއި އެހީތެރިކަން އާއްމުންނަށް ބޭނުންވެ އެވެ. އެ ޒިންމާ އޮތީ ސަރުކާރަށެވެ. ސިއްހީ ދާއިރާ އަށެވެ.
"މިފަދަ މީހުންނަށް އެހީވުމުގައި ސިއްހީ ނިޒާމު ފެއިލްވެފައިވާ ތަން ދެކޭކަށް އަޅުގަނޑަކަށް ކުޅަދާނައެއް ނޫން،" ކިޑްނީ ފެއިލްވި ޒުވާނާ އާއި ކުއްލިއަކަށް މަރުވެދިޔަ ރަހުމަތްތެރިންނާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އަފްއާލް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ކުރެވޭނެ ވަރަށް ގިނަ ކަންކަން އެބަހުރި. އެކަމަކު އަޅުގަނޑުމެން މި ކަންކަމަށް މި ދެނީ ބީރު ކަންފަތެއް، ކަނު ލޮލެއް."
ސްމޯކިންއޭރިއާގައި ހުރި މީހަކަށް ހާޓްއެޓޭކެއް ޖެހި މަރު
4 ހާޓް އެޓޭކާއި ސްޓްރޯކެއް ޖެހި، ދަރިފުޅާއެކު މަރު
ކެފޭތަކުގަ ސިނގިރޭޓުބުއިން ޑޮކްޓަރުންގެ ކަންބޮޑުވުމަކަށް
ކުއްލި މަރުތަކުގެ ސަބަބު ހޯދޭތަ؟
ކުއްލި މަރުތަކުގެ ފަހަތުގައި ކޮން ކަމެއް؟
ހަކުރުބަލި، ލޭމައްޗަށް ދިއުމުގެ ބައްޔަށް ބޮޑު ހޭދައެއް
މި މަހު 19 މީހަކަށް އިންފްލުއެންޒާ، އެއް މަރު!
ކޮވިޑް ޖެހިގެން މިދިޔަ ހަފުތާގައި ދެ މީހަކު މަރުވެއްޖެ
ލެޔާއި ހަކުރާއި ކޮލެސްޓްރޯލް މާ މަތި، ނަތީޖާ ބިރުވެރި
ކޮވިޑް ޖެހުނު ނަމަ ހާޓް އެޓޭކެއްގެ ފުރުސަތު ބޮޑު