Roadha Mihaaru
މާބަނޑުމީހާ ހުން އައީ މާލެ އައިސް ހުއްޓާ: ކައުންސިލް

މާބަނޑުމީހާއަށް ހުން ޖެހުނީ މާލޭން ކަމަށް ބެލެވޭ: ކައުންސިލް

15 މާޗް 2017

ސްވައިން ފްލޫގެ ސަބުން ވަރަށް ސީރިއަސް ހާލަތެއްގައި އައިޖީއެމްއެޗުގައި މިހާރު އޮތް ށ. ފުނަދޫ މާބަނޑު މީހާއަށް އެ ހުން ޖެހުނީ މާލޭން ކަމަށް ބެލެވޭ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ސްވައިން ފްލޫގެ ސަބުން ވަރަށް ސީރިއަސް ހާލަތެއްގައި އައިޖީއެމްއެޗުގައި މިހާރު އޮތް ށ. ފުނަދޫ މާބަނޑު މީހާއަށް އެ ހުން ޖެހުނީ މާލޭން ކަމަށް ބެލެވޭ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

އައިސީޔޫގައި އޮތް އަންހެންމީހާ މާލެ ގެނައީ ކުޅުދުއްދުށީ ހޮސްޕިޓަލްގައި ދިން ފަރުވާ އިން ވެސް ރަނގަޅުނުވެ، ހާލު ގޯސްވާން ފެށުމުންނެވެ.

ބަނޑަށް ފަސް މަހުގައި ސިޒޭރިއަން ހެދުމަށް ފަހު ރޭ ވަނީ ދަރިފުޅު ނަގައިފަ އެވެ. އެކަމަކު ކުއްޖާގެ ހާލަތު ވެސް ވަރަށް ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މިއީ އޭނާގެ ތިން ވަނަ ދަރިފުޅެވެ.

ފުނަދޫ ކައުންސިލުން ބުނީ، ތ. މަޑިފުއްޓަށް އުފަން އެކަމަކު ފުނަދޫ މީހަކާ އިނދެގެން އުޅޭ، އަންހެން މީހާ ސްކޭން ހަދަން މީގެ މަހެއްހާ ދުވަސް ކުރިން މާލެ ދިޔަ ކަމަށާއި އޭރު ވެސް އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އެކަމަކު މާލޭގައި ހުން އައިސްގެން ހޮސްޕިޓަލަށް ދެއްކިކަން އެނގިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

އަންހެން މީހާ ބޮޑަށް ބަލިވީ އެނބުރި ފުނަދުއަށް ދިޔަ ފަހުންނެވެ.

"މިކޮޅަށް އައިތާ މާ ގިނަ ދުވަހެއް ނުވެ ހުން ގަދަވެގެން މި ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ހަފުތާއެއް ވަންދެން އެޑްމިޓްކޮށްފައި އޮތް. ދެން ހާލު ސީރިއަސް ވާން ފެށުމުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިޔައީ،" ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު އެނބުރި ފުނަދުއަށް ގެނައި ކަމަށެވެ. ނަމަވެސް އަނެއްކާވެސް ހާލު ދަށަށް ދާން ފެށުމުން ކުޅުދުއްފުއްޓަށް ގެންދިޔައީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުޅުދުއްފުށީ ހޮސްޕިޓަލުން ދެން ގެންދިޔައީ މާލެ. އޭރު ވެސް ހާލު ސީރިއަސް،" އަހުމަދު ވިދާޅުވި އެވެ.

އަންހެން މީހާއަށް ޖެހިފައިވަނީ ސްވައިން ފްލޫކަމަށް ކަމާ ބެހޭ އިދާރާތަކުން ބުނުމުން ފުނަދޫ ކައުންސިލުން ވަނީ އެ ރަށުގައި އޭނާގެ ފަރާތުން އެ ހުން ޖެހިދާނެ ކަމަށް މަގުފަހި ވެދާނެކަންކަން ބަލައިފަ އެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ފުނަދޫގައި އެފަދަ ހުމެއްގެ އަސަރު ފެންނަން ނެތް ކަމަށެވެ.

ފަސް މަހުގައި ސިޒޭރިއަން ހަދައިގެން އޭނާގެ ދަރިފުޅު ނެގީ، އަންހެންމީހާގެ ހާލަތު ދެރަކަމުން، ދަރިފުޅު ސަލާމަތްކުރެވޭތޯ އެވެ. އެކަމަކު މިވަގުތު ތުއްތު ކުއްޖާގެ ހާލު ވެސް ރަނގަޅެއް ނޫނެވެ.

"އެހެންވެ އަޅުގަނޑުމެންނަށް ބޮޑަށް ޔަގީން ކުރެވެނީ އޭނާއަށް ހުން ޖެހުނީ މާލޭން ކަމަށް،" އަހުމަދު ވިދާޅުވި އެވެ."ދަރިފުޅު އޮތީ އެންއައިސީޔޫގައި، ދެމައިންގެ ހާލު ވެސް ދެރަ،" އައިޖީއެމްއެޗުގެ އޮފިޝަލަކު ވިދާޅުވި އެވެ.

މިވަގުތު ރާއްޖޭގައި ފެތުރެމުން ދާ ހުންތަކުގެ ތެރެއިން ސުވައިން ފުލޫގައި މިވަގުތު އެންމެ ހާލު ސީރިއަސްވެފައި ވަނީ ވެސް އަންހެންމީހާގެ އެވެ. އެކަމަކު މި މަހު ހަތަރު ވަނަ ދުވަހު 26 އަހަރުގެ ޒުވާނަކު ސުވައިން ފުލޫގައި މަރުވެފައިވާ ކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން އިއުލާންކޮށްފަ އެވެ.