Roadha Mihaaru
ސްވައިން ފްލޫ ޖެހުނު އަންހެން މީހާގެ ދަރިފުޅު ބޭރަށް

ސްވައިން ފްލޫ ޖެހުނު އަންހެން މީހާގެ ދަރިފުޅު ބޭރަށް ގެންދަނީ

17 އެޕްރީލް 2017

ސްވައިން ފްލޫ ޖެހި، މަންމަގެ ހާލު ސީރިއަސް ވުމުން ސިޒޭރިއަން ހަދައިގެން ނެގި ތުއްތު ކުއްޖާ އިތުރު ފަރުވާ ދިނުމަށް ރާއްޖޭން ބޭރަށް ގެންދިޔުމަށް ނިންމައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ސްވައިން ފްލޫ ޖެހި، މަންމަގެ ހާލު ސީރިއަސް ވުމުން ސިޒޭރިއަން ހަދައިގެން ނެގި ތުއްތު ކުއްޖާ އިތުރު ފަރުވާ ދިނުމަށް ރާއްޖޭން ބޭރަށް ގެންދިޔުމަށް ނިންމައިފި އެވެ.

ށ. ފުނަދޫގައި ދިރިއުޅޭ އަންހެންމީހާގެ ބަނޑަށް ހަ މަހުގައި ދަރިފުޅު ނެގީ ސްވައިން ފްލޫގެ ސަބަބުން އަންހެން މީހާގެ ފުރާނައަށް ނުރައްކާވުމުން މިިދިޔަ މަހުގެ ކުރީކޮޅު އެވެ. އެކަމަކު އޭގެ ފަހުން ވެސް ދެމައިންގެ ހާލު ގޯސްވުމުގެ ގިނަ ދުވަސްތަކެއް ވާންދެން އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދޭން ޖެހުނެވެ.

ހޮސްޕިޓަލުގައި މަހަކަށް ވުރެ ގިނަ ދުވަހު ފަރުވާ ދިނުމަށް ފަހު އަންހެން މީހާ ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް ދަރިފުޅު އަދިވެސް އޮތީ އައިޖީއެމްއެޗުގެ ނާސަރީގަ އެވެ.

"އައިސީޔޫން ނެރުނު ނަމަވެސް ދަރިފުޅުގެ ހާލު އަދިވެސް ވަރަށް ސީރިއަސް. އެހެންވެ، މި މަސައްކަތް ކުރަނީ އަންނަ ހަފުތާ ކުރީކޮޅު ބޭރަށް ދެވޭތޯ،" ދަރިފުޅުގެ ބައްޕަ އަހުމަދު މުހައްމަދު ބުންޏެވެ.

އޭނާ ބުނިގޮތުގައި ބޭސް ފަރުވާއަށް އިންޑިއާއަށް ދިޔުމަށް މިހާރު ވަނީ އާސަންދަ ވެސް ހަމަޖެހިފަ އެވެ.

ސްވައިން ފްލޫ ޖެހިގެން އަންހެން މީހާ މާލެ ގެނައީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އެވެ.

ރާއްޖޭގައި މިދިޔަ ދެ މަސްތެރޭގައި ބާރު ސްޕީޑެއްގައި ސްވައިން ފްލޫ ފެތުރުނު އިރު އެ ބަލި ޖެހިގެން މާބަނޑު މީހަކާ އެކު ހަ މީހަކު މަރުވި އެވެ. އަދި ރޯގާ އަށް 546 މީހަކު ޓެސްޓްކުރިއިރު 199 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ.