Roadha Mihaaru
ސްވައިން ފްލޫ ޖެހޭ އަދަދު ބާރު ސްޕީޑުގައި މައްޗަށް

ސްވައިން ފްލޫއަށް ޕޮޒިޓިވްވާ އަދަދު ބާރު ސްޕީޑުގައި މައްޗަށް!

16 މާޗް 2017

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ސްވައިން ފްލޫ ޖެހުނު މީހުންގެ ޖުމްލަ އަދަދު 100 އަށް ވުރެ މަތިވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ސްވައިން ފްލޫ ޖެހުނު މީހުންގެ ޖުމްލަ އަދަދު 100 އަށް ވުރެ މަތިވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ސްވައިން ފްލޫ ފެތުރޭ މިންވަރާ ބެހޭ ގޮތުން އެޗްޕީއޭ އިން އިއްޔެ އާންމުކުރި ހިސާބުތަކާއި މިއަދު އާންމުކުރި ހިސާބުތަކަށް ބަލާއިރު އެއް ދުވަސް ތެރޭ އިތުރު 24 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. މިއީ މިދިޔަ ދެ އަހަރު ރާއްޖެއިން އެޗް1އެން1 އަށް ޕޮޒިޓިވްވި އަދަދާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. މިދިޔަ ދެ އަހަރު މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވް ވެފައި ވަނީ 16 މީހުންނެވެ.

އެޗްޕީއޭގެ ހިސާބުތަކުގައިވާ ގޮތުން، ސްވައިން ފްލޫ އަށް ޝައްކުކުރެވިގެން 335 މީހުން ވަނީ ޓެސްޓުކޮށްފަ އެވެ. އޭގެތެރެއިން 105 މީހަކު ވަނީ އެޗްވަންއެންވަން އަށް ޕޮޒިޓިވްވެފަ އެވެ. މިއީ، ޓެސްޓުކުރި މީހުންގެ 31 ޕަސެންޓެވެ. ސްވައިން ފްލޫގައި މިހާތަނަށް މަރުވީ، ދެ މީހުން ކަމަށް އެ ހިސާބުތަކުގައިވެ އެވެ.

އެއީ، މާޗް 4 ގައި އައިޖީއެމްއެޗުގައި މަރުވި 26 އަހަރުގެ ޒުވާން ފިރިހެނަކާއި އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް ރޭ މަރުވި 51 އަހަރުގެ އަންހެނެކެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި ހުމާއި ރޯގާގައި އިއްޔެ މާލެ އިން ޖުމްލަ 739 މީހުން ވަނީ ޑޮކްޓަރަށް ދައްކައިފަ އެވެ. އޭގެތެރެއިން އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ އަށް މީހުންނަށް ކަމަށް ވެސް އެތަނުން ބުންޏެވެ.

ނޭވާލާ ނިޒާމަށްޖެހޭ ބަލިތަކުގައި 1076 މީހުން އިއްޔެ ފަރުވާ ހޯދާފައިވާއިރު، އޭގެތެރެއިން އެޑްމިޓްކޮށްގެން 22 މީހަކަށް ފަރުވާދެމުން އަންނަ ކަމަށް އެޗްޕީއޭގެ ހިސާބުތަކުގައިވެ އެވެ.

އެ ހިސާބުތަކުން ދައްކާގޮތުގައި، ހުމުގައި އެންމެ ގިނައިން ފަރުވާ ހޯދާފައި ވަނީ ހދ. އަތޮޅާއި ލ. އަތޮޅުންނެވެ. ހުމާއި ރޯގާގައި ހދ. އަތޮޅުން 116 މީހުން ފަރުވާ ހޯދާފައިވާއިރު ލ. އަތޮޅުން 101 މީހުން ފަރުވާ ހޯދާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ރާއްޖޭގައި ހުމާއި އަރިދަފުސް ރޯގާ ޖެހޭ މީހުންގެ އެވްރެޖް ނިސްބަތަަކީ ހަފުތާއަކު 3،000 މީހުންނެވެ. ނަމަވެސް މި އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު މި ނިސްބަތް އިތުރުވާން ފެށި އެވެ. އެ ދުވަސްކޮޅުން ފެށިގެން އެވްރެޖް ގޮތެއްގައި ހަފުތާއަކު 5،000 އަށް ވުރެ ގިނަ މީހުންނަށް ހުމާއި އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ރިކޯޑްތަކުން ދައްކަ އެވެ.

ސްވައިން ފްލޫ ޖެހުމުން ނުރައްކާ އެންމެ ބޮޑީ އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނާއި އުމުރުން 65 އަހަރުން މަތީގެ މީހުންނާއި މާބަނޑު މީހުންނާއި ފުއްޕާމޭ، ހިތް، ފުރަމޭ، ލޭ، ނާވަސް ސިސްޓަމް، ނިއުރޯމަސްކިއުލާ ނުވަތަ މެޓަބޮލިކް މައްސަލަތައް ހުންނަ ބޮޑެތި މީހުންނާއި ކުޑަކުދިންނަށާއި ދިފާއީ ބާރު ދެރަ ކުޑަކުދިންނާއި މީހުންނަށް އަދި ދާއިމީކޮށް ފަރުވާ ހޯދަންޖެހޭ ބަލިތައް ހުންނަ މީހުންނަށެވެ.