Roadha Mihaaru
ހޮޑުލުމާއި ބޭރަށް ހިންގުމުގެ 3،000 ކޭސް

ހޮޑުލުމާއި ބޭރަށް ހިންގުމުގެ 3،000 އަށް ވުރެ ގިނަ ކޭސް

11 ޖެނުއަރީ 2022

މިދިޔަ ޑިސެމްބަރުމަހުގެ މެދުތެރެއިން ފެށިގެން މި މަހުގެ މިހާތަނަށް ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާ ޖެހިގެން 3،000 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިދިޔަ ޑިސެމްބަރުމަހުގެ މެދުތެރެއިން ފެށިގެން މި މަހުގެ މިހާތަނަށް ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާ ޖެހިގެން 3،000 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު އަނެއްކާވެސް ގޯސްވަމުން ދާތީ، ސަރުކާރުން ބޭއްވި މީޑިއާ ބްރީފިންގައި ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، ހޮޑުލުމާއި ބޭރަށް ހިންގުމުގެ ކޭސްތައް މި މަހުގެ ފުރަތަމަ ހަފުތާގައި ވަނީ ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

މިދިޔަ މަހުން ފެށިގެން މި މަހުގެ މިހާތަނަށް މި ބަލީގައި 3،491 މީހަކު ޑޮކްޓަރަށް ދައްކާފައިވެ އެވެ. އެއީ މިދިޔަ ތިން އަހަރާ އަޅާބަލާއިރު ވެސް އިތުރު އަދަދެކެވެ. އެންމެ ފަހުން މި ރޯގާ ޖެހިގެން ގިނަ ބަޔަކު ޑޮކްޓަރަށް ދައްކާފައި ވަނީ 2019 ގަ އެވެ. އެ އަހަރު 3،000 އަށް ވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވެ އެވެ.

އެޗްޕީއޭއިން މިއަދު އާންމުކުރި ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާގެ ތަފާސްހިސާބުތައް ފެންނަ ޗާޓެއް.--

އެޗްޕީއޭއިން މިއަދު އާންމުކުރި ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާގެ ތަފާސްހިސާބުތައް ފެންނަ ޗާޓެއް.--

ބަލި އެންމެ ގިނައީ މާލޭގައި

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާގެ ކޭސްތައް އެންމެ ގިނައީ މާލެ ސަރަހައްދުގަ އެވެ. މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އިން މިދިޔަ ޑިސެމްބަރު މަހު 1،208 މީހަކަށް ހޮޑުލުާއި ބޭރަށް ހިންގުން ޖެހުނުއިރު، މި މަހުގެ މިހާތަނަށް އެކަނިވެސް 2،935 ކޭހެއް ރިޕޯޓްކޮށްފައިވެ އެވެ.

މާލެ އަށް ފަހު ދެން ކޭސްތައް އެންމެ ގިނައީ ކ. އަތޮޅުގެ އެހެން ރަށްތަކުގަ އެވެ. އެއީ 198 ކޭހެވެ.

އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ބައެއް ކަހަލަ ބޭރަށް ހިންގުމުގެ ޖަރާސީމުތަކަކީ އޭގެ އިންކިއުބޭޝަން ޕީރިއަޑް ނުވަތަ ޖަރާސީމު ހަށިގަނޑަށް ވަންނަ ވަގުތު ވަރަށް އަވަސްވެ، އަލަމާތްތައް އަވަހަށް ފެންނަ އެއްޗެއް ކަމަށެވެ.

އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ޕްރެސްގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ޕްރެސްގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އެހެންވެ، މިވަގުތު ރާއްޖޭގައި މި އުޅެނީ ބޭރަށް ހިންގުމުގެ ރޯގާ ޖައްސާ "ނޯރޯވައިރަސް"އެއް ނުވަތަ ވަރަށް ބާރަށް ގައިންގަޔަށް ފެތުރޭ ޖަރާސީމެއް ކަމަށް ބެލޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނޯރޯ ވައިރަސްގެ ސަބަބުން ޖެހޭ ބޭރަށް ހިންގުމުގައި، ޖަރާސީމު ހަށިގަނޑަށް ވަންނަތާ ގާތްގަނޑަކަށް 12-14 ގަޑިއިރުގެ ތެރޭގައި އަލާމަތްތައް ފެންނަން ފަށާނެ. އަދި މި ބަލީގެ އަލާމަތް ވަރަށް އަވަހަށް ފިލައިގެން ވެސް ދޭ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

މި ބަލިން ރައްކާތެރިވުމަށް ގިނައިން އަތްދޮވުމަށާއި ސާފުތާހިރުކަމަށް ސަމާލުކަން ދިނުމާއި އަދި ހޮޑުލައި ބޭރަށް ހިންގާ ނަމަ، ލޮނު ޕެކެޓު ބުއިމަށް އޭނާ އިރުޝާދު ދެއްވި އެވެ.

މި ދުވަސްވަރު ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ވެސް ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ. މިދިޔަ އާދިއްތަ ދުވަހުގެ ހަވީރު 6 އިން އިއްޔެގެ ހަވީރު 6 އަށް އެކަނި ވެސް 400 އަށް ގިނަ ކޭސްތައް ފެނިފައިވެ އެވެ. އެޗްޕީއޭއިން މިއަދު ބުނީ ދުނިޔޭގައި މިހާރު ވަރަށް ބާރަށް ފެތުރެމުންދާ ކޮވިޑް ބަލީގެ އާ ވޭރިއަންޓް، އޮމިކްރޯންގެ ނުރައްކާ މުޅި ރާއްޖެ އަށް ފެތުރިދާނެ ކަމަށާއި ދެން އަންނަން އޮތް ރާޅަކީ އެއީ ކަމަށެވެ.