Roadha Mihaaru
ގައިންގަޔަށް އަރާ ބަލިތައް ރިޕޯޓުކުރުން މަދުވެއްޖެ

ލޮކްޑައުންގެ ނަތީޖާ؛ ގައިންގަޔަށް އަރާ ބަލިތައް ރިޕޯޓު ކުރާ އަދަދު ބޮޑުތަނުން ދަށަށް

20 މެއި 2020

ކޮވިޑް-19 އިން ރައްކާތެރިވުމަށް ލޮކްޑައުން ފަދަ ވަރުގަދަ ފިޔަވަޅުތައް އެޅުމުގެ ނަތީޖާ އަކީ ގައިންގަޔަށް އަރާ އެހެން ބަލިތައް ވެސް މި އަހަރުގެ މިހާތަނަށް ރިޕޯޓު ކޮށްފައިވާ މިންވަރު ރިކޯޑު އަދަދަކަށް ދަށްވުން ކަމަށް އެޗްޕީއޭ އިން ރޭ ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19 އިން ރައްކާތެރިވުމަށް ލޮކްޑައުން ފަދަ ވަރުގަދަ ފިޔަވަޅުތައް އެޅުމުގެ ނަތީޖާ އަކީ ގައިންގަޔަށް އަރާ އެހެން ބަލިތައް ވެސް މި އަހަރުގެ މިހާތަނަށް ރިޕޯޓު ކޮށްފައިވާ މިންވަރު ރިކޯޑު އަދަދަކަށް ދަށްވުން ކަމަށް އެޗްޕީއޭ އިން ރޭ ބުނެފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި އެޗްޕީއޭގެ އެޕިޑެމިލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް، ގައިންގަޔަށް އަރާ އެކި ބަލިތައް މި އަހަރުގެ މިހާތަނަށް ރިޕޯޓު ކޮށްފައިވާ މިންވަރާއި އެހެން އަހަރުތަކާ އަޅާބަލާއިރު ހުރި ފަރަގުތައް ހިއްސާ ކުރެއްވި އެވެ.

އެ ރިޕޯޓުތައް ދައްކާ ގޮތުން، މިދިޔަ ތިން އަހަރާ އަޅާބަލާއިރު ގައިންގަޔަށް އަރާ ބަލިތައް މި އަހަރުގެ މިހާތަނަށް ރިޕޯޓު ކޮށްފައިވާ މިންވަރު ވަރަށް ބޮޑުތަން ދަށެވެ. އެކި ކަހަލަ ރޯގާތަކާއި އެ ނޫން ވެސް ބަލިތައް ފެނުނަސް އެ ބަލިތައް ރިޕޯޓުކުރި އަދަދު ވަރަށް މަދު ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އާންމުކޮށް މި ކިޔާ ބޭސްލައިން ނުވަތަ ނޯމަލީ ގައުމެއްގައި ހުންނަ މިންވަރަށް ވުރެ ވެސް ބޮޑަށް، ވޭތުވެދިޔަ ތިން އަހަރަށް ބަލާއިރު ވެސް ދަށްކޮށް މި ފެންނަނީ،" އޭނާ ވިދާޅުވި އެވެ.

ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި، މިއީ ރޯދަމަސް ކަމަށް ވުމުން، ބޭރަށް ހިންގުން ފަދަ ބަލިތައް ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރު އާންމެވެ.

އޭނާ ވިދާޅުވީ މަދިރީގެ ސަބަބުން ފެތުރޭ ޑެންގޫ ފަދަ ބަލިތައް ވެސް މި ދުވަސްވަރު ވަރަށް ބޮޑަށް މަދު ކަަމަށެވެ.

މިފަދަ ނަތީޖާތައް ދައްކަނީ ސޯޝަލް ޑިސްޓެންސިން އާއި ބޭރުން ކެއުން މަދުކުރުމާއި ބޭރުތެރޭގައި ނޫޅުމުގެ އިތުރަށް، ސާފުތާހިރުކަމަށް އިސްކަން ދިނުމުން ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. އެކަމަކު، މި ނަތީޖާތައް ލިބުމުން އެ ކަންކަމަށް ފަރުވާކުޑަ ނުކުރުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.