Roadha Mihaaru
ޑެންގޫ ހުން ޖެހިގެން ފުރަތަމަ ހަތަރު ދުވަހު 40 ކޭސް

ޑެންގޫ ހުން ޖެހިގެން ފުރަތަމަ ހަތަރު ދުވަހު 40 އަދި ޗިކުންގުންޔާގައި 58 ކޭސް

06 މެއި 2024

ޑެންގޫ ހުން ޖެހިގެން މި މަހުގެ ފުރަތަމަ ހަތަރު ދުވަހު 40 އަދި ޗިކުންގުންޔާ ޖެހިގެން އެ މުއްދަތުގެ ތެރޭގައި 58 މީހުން ރިޕޯޓުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޑެންގޫ ހުން ޖެހިގެން މި މަހުގެ ފުރަތަމަ ހަތަރު ދުވަހު 40 އަދި ޗިކުންގުންޔާ ޖެހިގެން އެ މުއްދަތުގެ ތެރޭގައި 58 މީހުން ރިޕޯޓުކޮށްފި އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ބާރަށް ފެތުރެމުންދާ ޑެންގޫ ހުމާއި ޗިކުންގުންޔާގެ މައުލޫމާތު ހިއްސާކޮށް، އެޗްޕީއޭއިން މިރޭ ބުނީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ޑެންގޫ ޖެހިގެން 660 މީހަކު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެ މުއްދަތުގެ ތެރޭގައި 239 މީހަކަށް ޑެންގޫ ހުން ޖެހިފައިވެ އެވެ. އަދި މި މެއި މަހުގެ ފުރަތަމަ ހަތަރު ދުވަހު އެކަނި ވެސް 40 މީހަކަށް ހުން ޖެހިފައިވާ ކަމަށް ބުންޏެވެ.

އެ މައުލޫމާތުތަކަށް ބަލާއިރު، ޑެންގޫ ޖެހިގެން އެންމެ ގިނަ މީހުން ރިޕޯޓުކޮށްފައިވަނީ ހުޅުމާލެއިންނެވެ. އެ ތަނުން 142 އަދި ބަލިވެގެން މާލެއިން 47 މީހަކު ޑޮކްޓަރަށް ދައްކާފައިވެ އެވެ. ތިން ވަނައަށް އެންމެ ގިނަ މީހުންނަށް ހުން ޖެހިފައިވަނީ ކ. އަތޮޅުންނެވެ.

އެޗްޕީއޭއިން ބުނީ ޗިކުންގުންޔާ ޖެހިގެން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ރާއްޖެއިން 240 މީހުން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ 28 އިން ފެށިގެން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށެވެ.

އެ މުއްދަތުގެ ތެރޭގައި ޗިކަންގުންޔާގެ 117 ކޭސް އަދި މި މަހުގެ ފުރަތަމަ ހަތަރު ދުވަހު 58 މީހުންނަށް ބަލި ޖެހިގެން ރިޕޯޓުކޮށްފައިވެ އެވެ.

ޗިކުންގުންޔާ އެންމެ ގިނައީ މާލޭގަ އެވެ. އެއީ 193 ކޭސް އެވެ. ހުޅުމާލޭގައި އެ ބަލި ޖެހިގެން 40 މީހުން ރިޕޯޓުކޮށްފައިވެ އެވެ.

ޑެންގޫއިން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް

- ވައި ވެއްދުމަށް ހަދާފައި ހުންނަ ގޮޅި، ފެންލައިޓު، ކުޑަދޮރު ފަދަ ތަންތަނުގައި މަދިރި ދާ ޖެހުން

- މަދިރި ހެފުނަ ނުދިނުމަށްޓަކައި ހަށިގަނޑު ބޮޑަށް ނިވާވާނެ ކަހަލަ ހެދުން ލުން

- މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން/ސްޕްރޭ ބޭނުން ކުރުން

- މަދިރި އާލާވާ ގޮތަށް ފެން ހަރުލާފައި ހުންނަ ތަންތަން ނައްތާލުން

ޗިކުންގުންޔާއިން ރައްކާތެރިވާން އެޅިދާނެ ފިޔަވަޅުތައް

- މަދިރި އާލާވާ ތަންތަނާއި ތަކެތި ނައްތާލުން

- މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން/ސްޕްރޭ ބޭނުންކުރުން

- ވީހާ ވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް އަންނައުނު ލުން

- މަދިރި ގިނަވާ ވަގުތު ދޮރާއި ކުޑަދޮރު ލައްވާފައި ބެހެއްޓުން

މަދިރި އެންމެ ގިނަވަނީ ހެނދުނާއި ހަވީރުގެ ވަގުތުގަ އެވެ. އެޗްޕީއޭއިން ވަނީ މަދިރި ހެފެމުން ހުރިހާ ވަގުތެއްގައި ވެސް ރައްކާތެރިވުމަށް އިލްތިމާސްކޮށްފަ އެވެ.