Roadha Mihaaru
ޑެންގީ އާއި ޗިކުންގުންޔާ ޖެހުނު އަދަދު މައްޗަށް

ޑެންގީ އާއި ޗިކުންގުންޔާ ޖެހުނު މީހުންގެ އަދަދު މައްޗަށް

22 މެއި 2019

މަދިރީގެ ޒަރިއްޔާއިން ފެތުރޭ ދެ ރޯގާ ކަމަށްވާ ޑެންގީ އާއި ޗިކުންގުންޔާ ޖެހުނު މީހުން ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އިތުރުވެފައިވާ ކަމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ހިސާބުތަކުން ދައްކައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މަދިރީގެ ޒަރިއްޔާއިން ފެތުރޭ ދެ ރޯގާ ކަމަށްވާ ޑެންގީ އާއި ޗިކުންގުންޔާ ޖެހުނު މީހުން ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އިތުރުވެފައިވާ ކަމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ހިސާބުތަކުން ދައްކައިފި އެވެ.

ކޮންމެ އަންގާރަ ދުވަހަކު އެޗްޕީއޭއިން ހާމަ ކުރާ ތަފާސްހިސާބުތަކަށް ބަލާއިރު ޗިކުންގުންޔާ ޖެހިގެން މިދިޔަ ހަފްތާގެ އަންގާރަ ދުވަހާ ހަމައަށް މި އަހަރު 926 މީހުން ފަރުވާ ހޯދާފައިވާއިރު އިއްޔެގެ ނިޔަލަށް މި އަހަރުގެ މިހާތަނަށް ފަރުވާ ހޯދި މީހުންގެ އަދަދު ވަނީ 1064 އަށް އިތުރު ވެފަ އެވެ. ހަފްތާއެއްގެ ތެރޭގައި އެބަލި ޖެހުނު މީހުންގެ އަދަދު މި ވަނީ 138 އިތުރު ވެފަ އެވެ.

މިމަހުގެ މިހާތަނަށް ޗިކުންގުންޔާ ޖެހިގެން އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ މާލެއިންނެވެ. އެއީ 377 މީހުންނެވެ. މިދިޔަ ހަފްތާގެ އަންގާރަ ދުވަހާ ހަމައަށް އެ އަދަދު ހުރީ 375 ގަ އެވެ. ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އެންމެ ބާރަށް އެ ބަލި ފެތުރިފައި ވަނީ ރ. އަތޮޅުގަ އެވެ. މިދިޔަ ހަފްތާގެ ތެރޭގައި އެ އަތޮޅުން ވަނީ އެ ބަލި ޖެހިގެން 112 މީހުން ފަރުވާ ހޯދައިފަ އެވެ.

ޗިކުންގުންޔާ ޖެހުނު ކުޑަ ދެ ކުއްޖެއްގެ ސިކުނޑި އިންފެކްޓް ވެގެން އައިޖީއެމްއެޗުގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. މިދިޔަ ހަފްތާގައި އެޑްމިޓް ކުރި އެ ދެ ކުދިންގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

ޗިކުންގުންޔާގެ އަލާމާތްތައް

• ގަދަޔަށް ހުންއައުން • ބޮލުގައި ރިއްސުން • ހުޅުހުޅުގައި ރިއްސުން • ގައިން ބިހިނެގުން • ވަރުބަލިވުން އިތުރުވުން • މޭނުބައިކުރުމާއި ހޮޑުލެވުން • ކާހިތްނުވުން ކަހަލަ ކަންތައްތައް

މި ބަލީގެ އަލާމާތްތައް ފެނިއްޖެ ނަމަ ވީހާ ވެސް އަވަހަށް ޑޮކްޓަރަށް ދައްކަން އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.

ޑެންގީ ޖެހިގެން މިދިޔަ ހަފްތާގެ އަންގާރަ ދުވަހާ ހަމައަށް މި އަހަރު، 2102 މީހުން ފަރުވާ ހޯދާފައިވާއިރު އިއްޔެގެ ނިޔަލަށް މި އަހަރުގެ މިހާތަނަށް ވަނީ އެ ބަލި ޖެހިގެން 2207 މީހުން ފަރުވާ ހޯދައިފަ އެވެ. އެހެންކަމުން ހަފްތާއެއްގެ ތެރޭގައި ޑެންގީ ޖެހުނު މީހުންގެ އަދަދު ވަނީ 105 އަށް އިތުރު ވެފަ އެވެ.

މި މަހު އެންމެ ގިނައިން ޑެންގީ ޖެހިގެން ރިޕޯޓް ކޮށްފައި ވަނީ ހދ. އަތޮޅާއި ނ. އަތޮޅުގެ އިތުރުން ރ. އަތޮޅާއި ބ. އަތޮޅުންނެވެ. ހދ. އަތޮޅުން މި މަހު މިހާތަނަށް 44 މީހަކު ޑެންގީ ޖެހިގެން ފަރުވާ ހޯދާފައިވާއިރު ނ. އަތޮޅުން ވަނީ 36 މީހަކު ފަރުވާ ހޯދައިފަ އެވެ. އަދި ރ. އަތޮޅުން 36 މީހަކު ފަރުވާ ހޯދާފައިވާއިރު ބ. އަތޮޅުން ވަނީ 34 މީހަކު ފަރުވާ ހޯދައިފަ އެވެ.

ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާ އެކު ހުން އައުމާއި ބޮލާއި ލޮލުގައި ރިއްސުން އަދި ހަމުގައި ކުދި ރަތް ބިހި ނެގުން ހިމެނެ އެވެ.

ޑެންގީ ހުމުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް

- ގެ އާއި ގޯތި ތެރޭގައި ހުންނަ، ފެން ހަރުލާ ތަންތަނާއި ތަކެތި ހަފުތާއަކު އެއް ފަހަރު ނައްތާލުން ނުވަތަ ހުސްކުރުން

- މަގުމައްޗާއި ގޯތިތެރެ އާއި ވައިގޮޅި ފަދަ ތަންތަނަށް ކުނި ނޭޅުން، ޑަސްބިން ފަދަ ތަކެތި މަތި ބަންދުކޮށްފައި ބެހެއްޓުން

- މަދިރިން ރައްކާތެރިވުމަށް ހަށިގަނޑު ނިވައި ކުރުމާއި މަދިރި ލޯޝަނާއި ސްޕްރޭ ފަދަ ތަކެތި ބޭނުން ކުރުން

- ގެއަށް މަދިރި ވަނަ ނުދިނުމަށް، އިރުއޮއްސޭ ވަގުތާއި އިރުއަރާ ވަގުތު ދޮރުތައް ލައްޕާފައި ބެހެއްޓުން