26 މެއި 2021
ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވިޔަސް ސިއްހީ އެހީތެރިން ލިބުމުގެ ދަތިކަން ފިޔަވައި އިތުރު އެއްވެސް ދަތިކަމެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވިޔަސް ސިއްހީ އެހީތެރިން ލިބުމުގެ ދަތިކަން ފިޔަވައި އިތުރު އެއްވެސް ދަތިކަމެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
ފަރުވާ ލިބުމުގައި ލަސްތަކެއް ހުރި ކަމަށް ބުނެ އާންމުން ކުރާ ޝަކުވާ އިތުރުވެފައި ވުމާއި ކޮވިޑް ބަލީގައި މިހާރު ގިނަ ބަޔަކު މަރުވަނީ އެކަށީގެންވާ ވަރަށް ފަރުވާ ނުދެވިގެންތޯ "މިހާރު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ބަލި މީހުންނަށް ފަރުވާދޭން ބޭނުންވާ ވަރަށް ސިއްހީ ސާމަނު އެއްވެސް ދަތިކަމެއް ނެތި ލިބެން އެބަހުރި ކަމަށެވެ.
މި ވަގުތު އޮތް ހަމައެކަނި ދަތިކަމަކީ އެ މަނިކުފާނު ވިދާޅުވިގޮތުގައި، ބަލި މީހުންނަށް ފަރުވާދޭން އެކަށީގެންވާ ވަރަށް ޑޮކްޓަރުންނާއި ނަރުހުންނާއި އިތުރު ސިއްހީ ހިދުމަތްތެރިން ނެތުމެވެ.
"އަޅުގަނޑުމެންގެ ފެސިލިޓީތައް އެބަހުރި. ވެންޓިލޭޓަރު ވެސް އެބަހުރި. އޮކްސިޖަން ވެސް އިރާދަކުރެއްވިޔާ އެބަހުރި. އެހެން ނަމަވެސް މީހުންގެ [ސިއްހީ ހިދުމަތްތެރިންގެ] ދަތިކަން މި އުޅެނީ،" އެ ދަތިކަން ހައްލު ކުރަން މަސައްކަތްޕުޅު ކުރައްވާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މިހާރު ތިބީ 116 ނަރުހެކެވެ. އެއީ ކޮންމެ 10 މީހަކަށް ނަރުހެކެވެ.
ރައީސް ވިދާޅުވީ، ނަރުސްކަން ކިޔަވާ 144 ދަރިވަރުންގެ ތެރެއިން 14 ދަރިވަރަކު ހުޅުމާލެ މެޑިކަލް ފެސިލިޓީއާ އިއްޔެ ގުޅިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އިތުރު 15 ދަރިވަރަކު ވެސް ގުޅޭނެ ކަމަށް ވިދާޅުވި އެވެ.
ބަލި މީހުނަށް ދޭ ހިދުމަތްތައް ރަނގަޅު ކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން 62 މީހަކާއި ބަލި މީހުންގެ އާއިލާތަކަށް ގުޅޭ އިންތިޒާމު ހަމަޖެއްސުމަށް 31 މީހުންގެ ކޯލް ސެންޓަރެއް ވެސް ގާއިމްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޖެންޑާ މިނިސްޓްރީގެ ފަރާތުން ބަލި މީހުނަށް ނަފުސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް 20 މީހުންގެ ޓީމެއް ވެސް ގޮސްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސާއެކު ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޕީޑިއޮޓްރިކް އިންފެކްޝަން އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ވެސް ވިދާޅުވީ ފަރުވާ ދިނުމުގައި ދަތިތަކެއް ހުރިކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން ވެސް ގަބޫލުކުރަން ހަމަ ވަރަށް ދަތިތަކާ އެބަ ކުރިމަތިވޭ ހުޅުމާލެ ފެސިލިޓީގައި ވެސް. ހާއްސަކޮށް އެ ތަނުގައި ނަރުހުން މަދުވީމާ، ޕޭޝަންޓުންނާ އަޅާބަލާއިރު،" ކޮވިޑާ ގުޅޭ ކަންކަމުގައި ހެލްތު މިނިސްޓަރަށް ފަންނީ ލަފާދޭ ޓީމުގައި ހިމެނޭ ޑރ. ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ހުޅުމާލެ ފެސިލިޓީގެ އައިސީޔޫ މިހާރު ވަނީ ފުރިފަ އެވެ. އެއީ 11 އެނދެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ މުސްތަފާ ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
"މި ގޮތަށް ދަނީ ނަމަ އަޅުގަނޑުމެން މީހުން މަރުވާ ރޭޓު މި އަށް ވުރެ މަތިވުމުގެ ފުރުސަތު އަތުވެދާނެ. ތި ވިދާޅުވިހެން ހަމަ އަޅާނުލެވި ހިނގައިދާނެ،" މިހާރު މީހުން މަރުވާ ރޭޓު ހުރީ 0.3 ޕަސެންޓުގައި ކަން ފާހަގަކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވި އެވެ.
ކޮވިޑްގެ ހާލަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތަކާއި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން އަޅަން ނިންމައިފައިވާ އާ ފިޔަވަޅުތަކާ ބެހޭގޮތުން ރައީސް ރޭ ވާހަކަފުޅު ދެއްކެވި އެވެ. ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެ، ސަރުކާރުން ވަނީ މިއަދުން ފެށިގެން އާ ފިޔަވަޅުތަކެއް އަޅަން ނިންމައިފަ އެވެ.
ރާއްޖޭގައި ކޮވިޑް ކޭސްތައް މިހާރު ކޮންމެ ދުވަހަކު އުޅެނީ 1،000 އިން މަތީގަ އެވެ. އެކްޓީވް ކޭސްތަކުގެ އަދަދު ވެސް 20،000 އިން މައްޗަށް ވަނީ ގޮސްފަ އެވެ. މި ބަލީގައި މަރުވި މީހުން އަދަދު ވެސް މިހާރު ވަނީ 144 އަށް އަރައިފަ އެވެ.
"ބަލި މީހުންނަށް އަޅާނުލެވި މަރުވާ ރޭޓް އިތުރުވެދާނެ"
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި
ލުއިތަކާ އެކު ވެސް ކޮވިޑް މައިތިރި؛ ސަބަބަކީ ކޮބާ؟
އެންމެންނަށް ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމެއް ފަށަނީ
ބޮޑެތި ލުއިތަކެއް ދޭން ސަރުކާރުން ނިންމައިފި
ލުއި ނުދެވެނީ ވެކްސިން ފުރިހަމަ ނުވާތީ: ނަސީމް
މުޅި ގައުމު ވަނީ ވޮލަންޓިއަރުންނަށް ދަރާފައި: ރައީސް
ނޫސްވެރިންގެ ހޫނު ސުވާލުތަކާއި ރައީސްގެ ދިފާއު
ބިލުތަކުން ބޮޑު ލުޔެއް ދޭން ސަރުކާރުން ނިންމައިފި
މިހާތަނަށް 39 މަރު، 64 ޕަސެންޓް ވެކްސިން ނުޖަހާ