Roadha Mihaaru
މުޅި ގައުމު ވަނީ ވޮލަންޓިއަރުންނަށް ދަރާފައި: ރައީސް

ހުޅުމާލޭ ކޮވިޑް ފެސިލިޓީގެ ވޮލަންޓިއަރުންނަށް މުޅި ގައުމު ވަނީ ދަރާފައި: ރައީސް

18 ޖޫން 2021

ކޮވިޑް-19 ގެ މި ނާޒުކް ހާލަތުގައި މުޅި ގައުމު ވަނީ ވޮލަންޓިއަރުންނަށް ދަރާފައި ކަމަށް ވިދާޅުވެ، އެ މީހުންގެ އަގު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަޒަން ކުރައްވައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކޮވިޑް-19 ގެ މި ނާޒުކް ހާލަތުގައި މުޅި ގައުމު ވަނީ ވޮލަންޓިއަރުންނަށް ދަރާފައި ކަމަށް ވިދާޅުވެ، އެ މީހުންގެ އަގު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަޒަން ކުރައްވައިފި އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ކޮވިޑް ބަލީގައި ހާލު ބޮޑުވާ މީހުން އެޑްމިޓް ކުރުމަށް ހުޅުމާލޭގައި ގާއިމު ކޮށްފައިވާ ކޮވިޑް ފެސިލިޓީގެ ވޮލަންޓިއަރުންނަށް ޝުކުރު އަދާކުރައްވައި ކުރެއްވި ޓުވީޓެއްގަ އެވެ.

މީގެ ދެ މަހެއްހާ ދުވަސް ކުރިން ރާއްޖޭގައި، ހާއްސަކޮށް މާލޭ ސަރަހައްދުގައި ވަރަށް ބޮޑަށް ކޮވިޑް ފެތުރެން ފެށުމުން ހުޅުމާލޭ ކޮވިޑް ފެސިލިޓީ އަށް ވަނީ ގިނަ އަދަދަކަށް ވޮލަންޓިއަރުން ނަގައިފަ އެވެ.

ރައީސް ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ކޮވިޑްގެ އެންމެ އުނދަގޫ މި ދަނޑިވަޅުގައި އެ ބަލީގެ މީހުންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރި މަސައްކަތްތަކުގައި ވޮލަންޓިއަރުން ވަރަށް ބުރަކޮށް އުޅެފައިވާ ކަމަށާއި އެ މީހުންނަށް މުޅި ގައުމު ދަރާފައިވާ ކަމަށެވެ.

ރައީސް ގެ ޓުވީޓް

ހުޅުމާލޭ ކޮވިޑް ފެސިލިޓީ ބަލަހައްޓާ ހުޅުމާލޭ ހޮސްޕިޓަލުން "މިހާރު" އަށް ބުނީ، ވޮލެންޓިއަރުން ނަގަމުން ދިޔައީ ފެސިލިޓީ އަށް ބަލި މީހުން ގެންނަ ވަަރަށް ބަލާފައި ކަމަށެވެ. މިހާރު ކޭސްތައް ދަށްވެ، ފެސިލިޓީއަށް ގެންނަ މީހުންގެ އަދަދު ދަށްވާތީ ވޮލެންޓިއަރުން މަސައްކަތުން ދޫކުރަމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ފާއިތުވި ތިން ދުވަހު ވެސް ރާއްޖޭގެ ކޮވިޑް ކޭސްތައް ހުރީ 200-300 ދެމެދުގަ އެވެ. އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު އެކްޓިވް ކޭސްތައް އުޅެނީ 7،000 އިން ދަށުގަ އެވެ. މިވަގުތު ހޮސްޕިޓަލުތަކުގައި ފަރުވާ ދެނީ 67 މީހަކަށެވެ.

ބަލި ފެތުރުން ކޮންޓްރޯލު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް 314،755 މީހުންނަށް ވަނީ ކޮވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. ދެވަނަ ޑޯޒް ޖަހާފައި ވަނީ 181،118 މީހުންނަށެވެ.