Roadha Mihaaru
މިހާތަނަށް 39 މަރު، 64 ޕަސެންޓް ވެކްސިން ނުޖަހާ

މަސް ދެ ބައި ވިއިރު ކޮވިޑުގެ 39 މަރު، 64 ޕަސެންޓް މީހުން ވެކްސިން ނުޖަހާ

20 މެއި 2021

މި މޭ މަސް ދެބައިވިއިރު، ކޮވިޑު-19 ގައި ރާއްޖޭގައި މަރުވި 39 މީހުންގެ ތެރެއިން 64 ޕަސެންޓް މީހުން ވެކްސިން ނުޖަހާ ކަމަށް އެ ބައްޔާ ގުޅޭ ކަންކަމުގައި ހެލްތު މިނިސްޓަރަށް ލަފާދޭ، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި މޭ މަސް ދެބައިވިއިރު، ކޮވިޑު-19 ގައި ރާއްޖޭގައި މަރުވި 39 މީހުންގެ ތެރެއިން 64 ޕަސެންޓް މީހުން ވެކްސިން ނުޖަހާ ކަމަށް އެ ބައްޔާ ގުޅޭ ކަންކަމުގައި ހެލްތު މިނިސްޓަރަށް ލަފާދޭ، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ރޭ ބުނެފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި މީޑީއާ ބްރީފިންގައި، ރާއްޖޭގައި ހުންނެވި ހަމައެކަނި ޕީޑިއޮޓްރިކް އިންފެކްޝަސް ކޮންޓްރޯލްގެ އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ވެކްސިން ޖެހި ކަމަށް ބަލަނީ އެ ޑޯޒެއް ޖަހާތާ 14 ދުވަސް ފަހުން ކަމަށެވެ.

އޭގެ ތެރެއިން މި މަހު މަރުވި މީހުންގެ ތެރެއިން 64 ޕަސެންޓް މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާއިރު 20 ޕަސެންޓް މީހުންނަކީ ވެކްސިންގެ އެއް ޑޯޒަށް ފަހު 14 ދުވަސް ވެފައިވާ މީހުންނެވެ. ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވަނީ މަރުވި މީހުންގެ ތެރެއިން 12 ޕަސެންޓް މީހުން އެކަންޏެވެ.

ރާއްޖޭގައި ކޮވިޑު ފެތުރެން ފެށިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އިއްޔެ އަކީ އެ ބަލީގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އިއްޔެ ރޭގެ ދަންވަރު 12:00 އިން ފެށިގެން އިއްޔެ ހަތް މީހަކު މަރުވެފައި ވެ އެވެ.

މަރުވި މީހުންގެ 80 ޕަސެންޓަކީ އުމުރުން 60 އަހަރުން މަތީގެ މީހުންނެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން 17 ޕަސެންޓަކީ އެ އަށް ވުރެ ހަގު މީހުންނެވެ.

ޑރ. ނަޒްލާ ވިދާޅުވީ އައިސީޔޫގައި އެޑްމިޓުކޮށްގެން މި ވަގުތު ވެސް އުމުރުން 40 އަހަރުން ދަށުގެ 35 ޕަސެންޓް މީހުންނަށް ފަރުވާދޭ ކަމަށެވެ.

"...ޒުވާނަކަށް ވިޔަސް ބޮޑަށް ބަލިވެއްޖިއްޔާ އެ ތަކުލީފު ހަމަ ވަރަށް ގިނަ ދުވަހަށް އުފުލަން ޖެހިދާނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭގެ އާބާދީގެ 60 ޕަސެންޓް މީހުން ވެކްސިން ޖަހާފައިވާ ކަމަށެވެ. މިހާތަނަށް 304،394 މީހުން ވެކްސިނންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު ދެ ޑޯޒް ފުރިހަމަކޮށްފައިވަނީ 149،435 މީހުންނެވެ.