Roadha Mihaaru
ހަތް އަހަރަށްފަހު އެތުލެޓިކޯ ލަ ލީގާ ކާމިޔާބު ކޮށްފި

ހަތް އަހަރަށް ފަހު ލަ ލީގާގެ ޗެމްޕިއަންކަން އެތުލެޓިކޯ ހޯދައިފި

23 މެއި 2021

ވަޔަޑޮލިޑް (22 މެއި) - ލީގުގެ ފަހު މެޗުގައި، ރެއާލް ވަޔަޑޮލިޑްގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ސްޕެނިޝް ލަ ލީގާގެ ޗެމްޕިއަންކަން އެތުލެޓިކޯ މެޑްރިޑުން ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ވަޔަޑޮލިޑް (22 މެއި) - ލީގުގެ ފަހު މެޗުގައި، ރެއާލް ވަޔަޑޮލިޑްގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ސްޕެނިޝް ލަ ލީގާގެ ޗެމްޕިއަންކަން އެތުލެޓިކޯ މެޑްރިޑުން ހޯދައިފި އެވެ.

ލީގުގެ ޗެމްޕިއަންކަން އެތުލެޓިކޯއިން އެންމެ ފަހުން ހޯދީ 2014 ވަނަ އަހަރު އެވެ. މިއީ އެ ޓީމުން ސްޕެއިން ލީގު ކާމިޔާބު ކުރި 11 ވަނަ ފަހަރެވެ.

މިއީ އެތުލެޓިކޯގެ ކޯޗުކަމާ އެއް ޓީމުގެ ކުރީގެ ކެޕްޓަން އާޖެންޓީނާގެ ޑިއޭގޯ ސިމިއޯނީ 2011 ވަނަ އަަހަރު ހަވާލުވި ފަހުން، އެ ކްލަބުން ކާމިޔާބުކުރި 8 ވަނަ ތައްޓެވެ. ސިމިއޯނީގެ އިރުޝާދުގެ ދަށުން އެތުލެޓިކޯ އިން ވަނީ ސްޕެނިޝް ލީގު ދެ ފަހަރު، ޔޫރޮޕާ ލީގު ދެ ފަހަރު، ސްޕެނިޝް ކަޕް އެއް ފަހަރު އަދި ޔޫއެފާ ސުޕަ ކަޕް ދެ ފަހަރު އަދި ސްޕެނިޝް ސުޕަ ކަޕް އެއް ފަހަރު ހޯދައިފަ އެވެ.

އެތުލެޓިކޯގެ ކޯޗް ޑިއޭގޯ ސިމިއޯނީ ކާމިޔާބަށް ފަހު އުުފާފާޅު ކުރަނީ

އެތުލެޓިކޯގެ ކޯޗް ޑިއޭގޯ ސިމިއޯނީ ކާމިޔާބަށް ފަހު އުުފާފާޅު ކުރަނީ

ލީގު ޗެމްޕިއަން އެތުލެޓިކޯ ހޯދީ ދެ ޕޮއިންޓްގެ ލީޑަކާއެކު އެވެ. ދެ ވަނައިގައި އޮތް ވާދަވެރި ރެއާލަށް ލީގު ލިބެން އޮތީ، އެތުލެޓިކޯ މެޗުން ބަލިވެ، ވިޔަރެއާލް ގެ މައްޗަށް މެޑްރިޑް ކާމިޔާބު ހޯދުމުންނެވެ. ވިޔަރެއާލްއާ ދެކޮޅަށް ކުޅުނު މެޗު ފަހު ވަގުތު ރެއާލް އިން ކާމިޔާބު ކުރި ނަމަވެސް، ވަޔަޑޮލިޑް އަތުން މޮޅުވެ އެތުލެޓިކޯ ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ އެވެ.

ވަޔަޑޮލިޑްގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ އެ ޓީމުންނެވެ. ރެއާލްގެ ޔޫތު ޓީމަށް ކުރިން ކުޅުނު އޮސްކާ ޕްލޭނޯ ވަޔަޑޮލިޑަށް ލީޑު ނަގައިދިނުމުން، މެޑްރިޑްގައި ވިޔަރެއާލް އާ ދެކޮޅަށް ކުޅެމުން ގެންދިޔަ ރެއާލްގެ ބެންޗުގައި ތިބި ކުޅުންތެރިން އުފާ ފާޅު ކުރި އެވެ. ނަމަވެސް އޭގެ ސިކުންތު ކޮޅެއް ފަހުން، ވިޔަރެއާލްގެ ޒުވާން ފޯވަޑް ޖެރެމީ ޕީނޯ، ރެއާލް ކޮޅަށް ލަނޑު ޖަހައި ވިޔަރެއާލަށް ލީޑު ނަގައި ދިނެވެ.

ސުއަރޭޒް

ސުއަރޭޒް

ވަޔަޑޮލިޑް އާއި އެތުލެޓިކޯ މެޗުގެ ދެ ވަނަ ހާފުގައި، އެތުލެޓިކޯ އިން ނަތީޖާ އަނބުރާލީ އޭންހަލް ކޮރެއާ އާއި ލުއިސް ސުއަރޭޒްގެ ލަނޑުތަކުންނެވެ. ބާސާއިން ކުޑަ އަގެއްގައި އެތުލެޓިކޯ އަށް ވިއްކާލި ސުއަރޭޒް އަކީ އެތުލެޓިކޯ އަށް ލީގު ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ލީގުގައި 21 ލަނޑު ޖަހައިފަ އެވެ.

ވިޔަރެއާލް އާ ދެކޮޅަށް ރެއާލްގެ ލަނޑުތައް ފަހު ވަގުތު ކާމިޔާބު ކުރީ ކަރީމް ބެންޒެމާ އާއި ލުކަ މޮޑްރިޗް އެވެ. މެޗުގެ ނަތީޖާ ރެއާލް އަށް ހަމަހަމަ ކޮށްދިން ލަނޑު ބެންޒެމާ ކާމިޔާބު ކުރީ 87 ވަނަ މިނެޓުގަ އެވެ. ރެއާލް މެޗުން މޮޅުވި ލަނޑު މޮޑްރިޗް ކާމިޔާބު ކުރީ އިތުރު ވަގުތުގެ ދެ ވަނަ މިނެޓްގަ އެވެ.

ކެޕްޓަން ލިއޮނެލް މެސީއަށް ޗުއްޓި ދިނުމަށް ފަހު ލީގުގެ ފަހު މެޗަށް ނިކުތް ބާސެލޯނާ އިން ވަނީ ފަހު ވަގުތު އެއިބާގެ މައްޗަށް 1-0 ން މޮޅުވެފަ އެވެ. ބާސާގެ ލަނޑު 81 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެންޓުއާން ގްރީޒްމަން އެވެ.