Roadha Mihaaru
ފަހަތުން އަރައި އެތުލެޓިކޯ ބަލިކޮށް، ބާސާ ހަތަރަކަށް

ފަހަތުން އަރައި އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ ހަތަރު ވަނަ އަށް ޖެހިލައިފި

07 ފެބުރުއަރީ 2022

ބާސެލޯނާ (ފެބްރުއަރީ 7) - ސްޕެނިޝް ލަ ލީގާގައި ފަހަތުން އަރައި، އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ބާސެލޯނާ ލީގުގެ ހަތަރު ވަނައަށް ޖެހިލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބާސެލޯނާ (ފެބްރުއަރީ 7) - ސްޕެނިޝް ލަ ލީގާގައި ފަހަތުން އަރައި، އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ބާސެލޯނާ ލީގުގެ ހަތަރު ވަނައަށް ޖެހިލައިފި އެވެ.

ބާސާ އިން އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑް ބަލިކުރީ 4-2 އިންނެވެ.

މި މެޗުގައި، އެންމެ ފަހުގެ ޓްރާންސްފާ ބާޒާރުގައި ބާސާ އަށް ގެނައި ފެރާން ޓޮރޭޒް އާއި އެޑަމާ ޓްރައޯރޭ އަދި ޕިއޭ އެމެރިކް އޮބާމެޔަން ވެސް ކުޅުނެވެ. ޓޮރޭޒް މެޗު ފުރިހަމަ ކުރިއިރު، އޮބާމެޔަން ކުޅެން އެރީ ޓްރައޯރޭގެ ބަދަލުގައި 61 ވަނަ މިނިޓުގަ އެވެ.

ލުއިސް ސުއަރޭޒްގެ ޕާހަކުން އެތުލެޓިކޯ އަށް ލީޑް ނަގައިދިނީ އަށްވަނަ މިނިޓުގައި ޔަނިކް ކަރާސްކޯ އެވެ. އެކަމަކު، އޭގެ ދެ މިނިޓު ފަހުން ޑެނީ އަލްވޭސްގެ އެހީތެރިކަމާއެކު، ޖޯޑީ އަލްބާ ވަނީ ބާސެލޯނާ އަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. ޓްރައޯރޭ ނެގި ހުރަހަކުން ބޮލުން ގޯލް ޖަހައިގެން ޒުވާން މިޑްފީލްޑަރު ގަވީ ބާސާ އަށް ލީޑް ނަގައިދިން އިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ރޮނާލްޑް އަރަހުއޯ، ބާސާ އަށް ދެ ލަނޑުގެ ލީޑެއް ހޯދައި ދިނެވެ.

ދެވަނަ ހާފް ފެށިގެން ހަތަރުވަނަ މިނިޓުގައި ބާސެލޯނާގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ޑެނީ އަލްވޭސް އެވެ.

މިއީ 2016 ވަނަ އަހަރުގެ ކޮޕަ ޑެލް ރޭ ފައިނަލުގައި ޑެނީ އަލްވޭސް، ބާސެލޯނާ އަށް ލަނޑު ޖަހައިދިން ފަހުން، އޭނާ އެ ޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ގޯލެވެ. ބާސެލޯނާގެ ކޭމްޕް ނޫގައި އަލްވޭސް އެންމެ ފަހުން ގޯލެއް ޖެހީ 2014 ވަނަ އަހަރު ޗެމްޕިއަންސް ލީގްގެ ނޮކައުޓް ބުރުގައި މެންޗެސްޓާ ސިޓީއާ ކޮޅަށެވެ.

އެތުލެޓިކޯގެ ދެވަނަ ލަނޑު 58 ވަނަ މިނިޓުގައި ޖަހައިދިނީ ސުއަރޭޒް އެވެ. އޭގެ 10 މިނިޓު ފަހުން ބާސެލޯނާގެ އަލްވޭސް ކުރި ފައުލަކަށް އޭނާއަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.

މި ނަތީޖާއާއެކު ބާސެލޯނާ ވަނީ 22 މެޗުން 38 ޕޮއިންޓް ހަމަކޮށް، ލީގު ޓޭބަލްގެ ހަތަރު ވަނައަށް ޖެހިލައިފަ އެވެ. ބާސާ އަށް ވުރެ ދެ ޕޮއިންޓް މަދުން އޮތް އެތުލެޓިކޯ މެޑްރިޑް ވަނީ މިހާރު ފަސްވަނަ އަށް ވެއްޓިފަ އެވެ.

ލީގުގައި ރޭ ގްރަނާޑާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗު ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ވަނީ ޓޭބަލްގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މެޗުގެ 74 ވަނަ މިނިޓުގައި މާކޯ އަސެންސިއޯ ޖެހި ހަމައެކަނި ގޯލާ އެކު ރެއާލް މޮޅުވީ 1-0 އިންނެވެ.

ރެއާލް އެއްވަނައިގައި އޮތީ 23 މެޗު ކުޅެގެން 53 ޕޮއިންޓް ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން 47 ޕޮއިންޓާ އެކު ދެވަނައިގައި އޮތް ސެވިއްޔާ ވަނީ މި ހަފުތާގައި އޮސަސޫނާ އާ ކުޅެ 0-0 އިން އެއްވަރު ވެފަ އެވެ. ސެވިއްޔާ އަށް ވުރެ ހަތް ޕޮއިންޓް މަދުން ހޯދައިގެން ތިންވަނައިގައި އޮތް ރެއާލް ބެޓިސް ވަނީ ހަވަނައިގައި އޮތް ވިޔަރެއާލާ ކުޅެ 2-0 އިން ބަލިވެފަ އެވެ.