Roadha Mihaaru
ރެއާލް އެއްވަރުވެ ބާސެލޯނާއާ ދެމެދު ފަރަގު ބޮޑުވެއްޖެ

ރެއާލް އެއްވަރުވެ ބާސެލޯނާއާ ދެމެދު ފަރަގު ބޮޑުވެއްޖެ

30 ޖެނުއަރީ 2023

މެޑްރިޑް (ޖެނުއަރީ 30) - ސްޕެނިޝް ލީގުގައި ޗެމްޕިއަން ރެއާލް މެޑްރިޑުން ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ރޭ ކުޅުނު މެޗު 0-0 އިން އެއްވަރުވުމުން، ލީގު އެއް ވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ބޮޑުވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެޑްރިޑް (ޖެނުއަރީ 30) - ސްޕެނިޝް ލީގުގައި ޗެމްޕިއަން ރެއާލް މެޑްރިޑުން ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ރޭ ކުޅުނު މެޗު 0-0 އިން އެއްވަރުވުމުން، ލީގު އެއް ވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ބޮޑުވެއްޖެ އެވެ.

ރޭގެ މެޗު އެއްވަރު ވުމާ އެކު ބާސެލޯނާ އާއި ދެ ވަނައިގައި އޮތް ރެއާލާ ދެމެދު އޮތް ފަރަގު ވަނީ ފަސް ޕޮއިންޓަށް ބޮޑު ވެފަ އެވެ. ރެއާލަށް 18 މެޗުން 42 ޕޮއިންޓް ލިބިފައި ވާއިރު ބާސެލޯނާ އެއް ވަނައިގައި އޮތީ 47 ޕޮއިންޓް ހޯދައިގެންނެވެ.

އެއް މެޗު އިތުރަށް ކުޅެގެން 39 ޕޮއިންޓާ އެކު ތާވަލްގެ ތިންވަނައިގައި އޮތް ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލްގެ ވިނީޝިއަސް ޖޫނިއާ އަށް ވަނީ ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ނާކާމިޔާބު ވެފަ އެވެ. އަދި ޓޯނީ ކްރޫސް އާއި ކަރީމް ބެންޒެމާ އަށް ވެސް ވަނީ ގޯލު ޖަހަން ފުރުސަތު ލިބިފަ އެވެ.

މި މެޗުގައި ސޮސިއެޑާޑްގެ ގޯލްކީޕަރު އެލެކްސް ރެމިއޯ ވަނީ ރެއާލްގެ ހަމަލާތައް ހުއްޓުވަން މުހިއްމު ސޭވްތަކެއް ކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ ރެމިއޯ އެވެ.

އެއްވަރުވި ނަމަވެސް ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ޓީމުގެ ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށް ބުނެފަ އެވެ. އަންޗެލޮޓީ ދެކޭ ގޮތުގައި ރޭގެ މެޗަކީ ރެއާލުން މި ސީޒަނުގައި މިހާތަނަށް އެންމެ ރަނގަޅަށް ކުޅުނު އެއް މެޗެވެ.

"ނަތީޖާ ލަދުވެތި، އެއީ ވަރަށް ރަނގަޅަށް ކުޅެފައި މޮޅެއް ނުހޯދުނީމާ. ޖުމްލަކޮށް މޮޅު ގޭމެއް ކުޅެވުން. މި ސީޒަނުގައި މިހާތަނަށް އެންމެ ރަނގަޅު އެއް މެޗު މިއީ، އެކަމަކު ނަސީބު ނެތީ،" އަންޗެލޮޓީ ބުންޏެވެ.

ލީގުގެ ހަތަރު ވަނައިގައި އޮތީ ރެއާލްގެ ވާދަވެރި އެތުލެޓިކޯ މެޑްރިޑެވެ. އެތުލެޓިކޯ ވަނީ ރަށުން ބޭރުގައި ރޭ 1-0 އިން އޮސަސޫނާ ބަލިކޮށްފަ އެވެ. މެޗުގައި ޖެހި ހަމައެކަނި ލަނޑު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުލެން އަރައި ކާމިޔާބު ކޮށްދިނީ ސައުލް ނިގޭޒް އެވެ.

އެތުލެޓިކޯ ހަތަރު ވަނައިގައި އޮތީ 19 މެޗުން 34 ޕޮއިންޓް ހޯދައިގެންނެވެ.