Roadha Mihaaru

ފަހު މެޗުގައި ދެ ލެޖެންޑުންނަށް ރެއާލުން އަލްވަދާއު ކިޔައިފި

މި ސީޒަނުގައި އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑުން ކުޅުނު ފަހު މެޗުގައި ރޭ ރެއާލް ސޮސިއެޑާޑް އަތުން 2-0 އިން މޮޅުވި އިރު، އެ ކްލަބުން ދެ ލެޖެންޑުންނަށް އަލްވަދާއު ކިޔައިފި އެވެ.

ދެ ލެޖެންޑުންނަށް ރެއާލުން އަލްވަދާއު ކިޔައިފި
ހުސެއިން ހަބީބް
ހުސެއިން ހަބީބް

25 މެއި 2025

މި ސީޒަނުގައި އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑުން ކުޅުނު ފަހު މެޗުގައި ރޭ ރެއާލް ސޮސިއެޑާޑް އަތުން 2-0 އިން މޮޅުވި އިރު، އެ ކްލަބުން ދެ ލެޖެންޑުންނަށް އަލްވަދާއު ކިޔައިފި އެވެ.

ކެޕްޓަން ލޫކާ މޮޑްރިޗާއި، ކޯޗު ކާލޯ އަންޗެލޮޓީ މި ސީޒަނަށް ފަހު ކްލަބް ދޫކޮށްލާނެކަން ވަނީ އިއުލާން ކޮށްފަ އެވެ. އަންޗެލޮޓީ ހަވާލުވާނީ ބްރެޒިލްގެ ގައުމީ ޓީމާ އެވެ.

މޮޑްރިޗް ޓީމު ދޫކޮށްލަނީ އޭނާ އަށް އާ ކޮންޓްރެކްޓެއް ދޭން ރެއާލުން ބޭނުން ނުވުމުންނެވެ. އުމުރުން 39 އަހަރުގެ މިޑްފީލްޑަރުގެ ކޮންޓްރެކްޓް އަންނަ މަހު ހަމަ ވާނެ އެވެ.

އޭނާ ކްލަބްގައި މަޑުކުރަން ބޭނުން ވިޔަސް އެކަން ނުވީ ރެއާލްއާ ހަވާލުވާނެ ކަމަށް ބެލެވޭ ކޯޗު ޒަބީ އޮލޮންސޯގެ ޕްލޭންގައި މޮޑްރިޗް ނުހިމެނޭތީ އެވެ. އެކަމަކު އަންނަ މަހު ފަށާ ފީފާ ކްލަބް ވޯލްޑް ކަޕުގައި މޮޑްރިޗް ކުޅޭނެ އެވެ.

މެޗުގެ 10 ވަނަ މިނެޓްގައި ރެއާލްގެ ސަޕޯޓަރުން ވަނީ މޮޑްރިޗަށް އިހްތިރާމް އަދާކުރުމުގެ ގޮތުން އޭނާގެ ނަން ދަނޑުގައި ގުގުމާލާފަ އެވެ.

މެޗުގެ 87 ވަނަ މިނެޓްގައި މޮޑްރިޗް ބަދަލު ކުރަން ދަނޑުން ފައިބާން ދިޔައިރު ދެ ޓީމުގެ ކުޅުންތެރިން ވަނީ އޭނާ އަށް އިހްތިރާމް އަދާކުރުމުގެ ގޮތުން ދެ ފަރާތުގައި ސަފު ހަދައި އޭނާ އަށް އަލްވާދު ކިޔައިފަ އެވެ.

ރެއާލްގެ ސަޕޯޓަރުން ވަދާއީ އިހްތިރާމް އަދާކުރި އަނެއް ކުޅުންތެރިޔަކީ ވިންގާ ލޫކަސް ވަޒްކުއޭޒް އެވެ. އޭނާ ކްލަބް ދޫކޮށްލާކަން އަދި ރަސްމީކޮށް މިހާތަނަށް އިއުލާނެއް ނުކުރެ އެވެ. އެކަމަކު ޓްރާންސްފާ ހަބަރުތައް ބުނާ ގޮތުން މި ސީޒަނަކީ އޭނާ ވެސް ރެއާލްގައި ހޭދަ ކުރާނެ ފަހު ސީޒަނެވެ.

ލޫކަސް ވަޒްކޭޒް؛ އޭނާ ވެސް ކްލަބް ދޫކޮށްލާނެ ކަމަށް ވަނީ ބެލެވިފަ

ލޫކަސް ވަޒްކޭޒް؛ އޭނާ ވެސް ކްލަބް ދޫކޮށްލާނެ ކަމަށް ވަނީ ބެލެވިފަ

ރޭ ގެ މެޗަށް ފަހު ރެއާލް ސޮސިއެޑާޑްގެ ކޯޗު އިމަނޯލް އަލްގުއާސިލް ވެސް ވަނީ ރަސްމީކޮށް ޓީމު ދޫކޮށްލައިފަ އެވެ. ހަތް އަހަރު ސޮސިއެޑާޑްގައި ހޭދަ ކުރި ކޯޗު ވަނީ އެ ކްލަބްގައި ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ.

އޭނާގެ ކޯޗުކަމުގެ ދަށުން އެ ޓީމަށް ސްޕެނިޝް ކަޕް ކާމިޔާބުކޮށް ދިނެވެ. އަދި ވިދިވިދިގެން ފަސް ސީޒަނުގައި ޔޫރަޕްގެ މުބާރާތްތަކުން އެ ޓީމަށް ޖާގަ ހޯދައި ދިނެވެ.

މެޗުގައި ރެއާލްގެ ދެ ލަނޑު ވެސް ޖެހީ ކިލިޔަން އެމްބާޕޭ އެވެ. ލަލީގާގެ ފުރަތަމަ ސީޒަނުގައި 31 ގޯލް ޖަހައި އޭނާ ވަނީ ރަންބޫޓް ހޯދުމުގެ ރޭހުގެ އެންމެ ކުރީގަ އެވެ.

ލަނޑު ލިސްޓްގެ ދެ ވަނައިގައި އޮތް ރޮބަޓް ލެވަންޑޯސްކީ، އެމްބާޕޭގެ ލަނޑުގެ އަދަދާ އެއްވަރު ކުރަން ހަ ލަނޑު ޖަހަން ޖެހޭނެ އެވެ. ލެވަންޑޯސްކީގެ ބާސާގެ ފަހު މެޗުގައި މިއަދު ނުކުންނާނީ އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށެވެ.