Roadha Mihaaru

ރެއާލް އާއި މިލާން ހުރިހާ ގޮތަކުން ވެސް އެއްގޮތް: މޮޑްރިޗް

ރެއާލް މެޑްރިޑާއި އޭސީ މިލާން ހުރިހާ ގޮތަކުން ވެސް އެއްގޮތް ކަމަށް މިލާންގެ އާ ކުޅުންތެރިޔާ ލުކަ މޮޑްރިޗް ބުނެފި އެވެ.

މިލާނާއި ރެއާލް ހުރިހާ ގޮތަކުންވެސް އެއްގޮތް: މޮޑްރިޗް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

05 އޯގަސްޓް 2025

ރެއާލް މެޑްރިޑާއި އޭސީ މިލާން ހުރިހާ ގޮތަކުން ވެސް އެއްގޮތް ކަމަށް މިލާންގެ އާ ކުޅުންތެރިޔާ ލުކަ މޮޑްރިޗް ބުނެފި އެވެ.

ރެއާލް މެޑްރިޑްގައި 13 އަހަރު ހޭދަ ކުރުމަށް ފަހު ކްރޮއޭޝިއާގެ ކެޕްޓަން މިލާނަށް ބަދަލުވީ ހިލޭ ޓްރާންސްފާގަ އެވެ. ރެއާލްގެ މިހާރުގެ ކޯޗު ޒަބީ އޮލޮންސޯގެ ޕްލޭނުގައި މޮޑްރިޗް ނުހިމެނޭނެކަން އެންގުމުން އޭނާގެ ކޮންޓްރެކްޓް އާ ނުކުރަން ރެއާލުން ނިންމީ އެވެ.

މިލާނަށް ބަދަލުވެ ފުރަތަމަ ޕްރެސް ކޮންފަރެންސްގައި އިއްޔެ މޮޑްރިޗް ބުނީ އޭނާ ރެއާލަށް ބަދަލުވި އިރު މިލާން އާއި ރެއާލް އޮތީ ގާތްގަނޑަކަށް އެއް ހަމައެއްގައި ކަމަށެވެ.

"މިލާން އޮތީ ރެއާލް މެޑްރިޑާ އެއް ފެންވަރެއްގައި. އަހަރެން އައި ހިސާބުން ފެށިގެން، މި ކްލަބުގެ ބޮޑުކަން އަހަންނަށް ފާހަގަކުރެވުނީ، އެންމެ މަތީ ފަންތީގެ އޮގަނައަޒޭޝަނެއްގެ ގޮތުގައި އެބަ ހިންގާ. ފޯރިގަދަ ސަޕޯޓަރުންތަކެއް. ހިތްގައިމު ސްޓޭޑިއަމެއް، އަދި މުއްސަނދި ތާރީހެއް. ޔޫރަޕްގެ ހަތް ތަށިން ވަރަށް ގިނަ ވާހަކަތައް އެބަ ބުނެދޭ،" މޮޑްރިޗް ބުންޏެވެ.

އޭނާ ބުނީ މިލާނަށް ބަދަލުވާން ނިންމުމުގެ ކުރިން ރެއާލްގެ ކުރީގެ ކޯޗު ކާލޯ އަންޗެލޮޓީއާ ވާހަކަ ދެއްކި ކަމަށެވެ.

"މި ކްލަބްގެ ކުޅުންތެރިޔެއްގެ ގޮތުގައި އަދި ފަހުން ކޯޗެއްގެ ގޮތުގައި ވެސް އޭނާ އަހަންނަށް ހުރިހާ ވާހަކައެއް ކިޔައި ދިން،" މޮޑްރިޗް ބުންޏެވެ.

އަންނަ މަހު ނުވައެއްގައި އުމުރުން 40 އަހަރު ފުރޭ މިޑްފީލްޑަރު ބުނީ އަދިވެސް އޭނާ އަށް ވާދަވެރިކަމާ އެކު ކުޅެވޭނެ ކަމަށެވެ.

އޭނާ ބުނީ މިޑް ޓޭބަލުގައި އޮތުން އެ ކްލަބަށް ހައްގު ނުވާ ކަމަށެވެ. އަންނަ ސީޒަނުގައި ޔޫރަޕްގެ މުބަރާތަށް ވެސް އެ ޓީމު ކޮލިފައިވެފައެއް ނުވެ އެވެ.

"މެދުފަންތީގައި ނިންމާލާ ނުވަތަ ހަމައެކަނި ޗެމްޕިއަންސް ލީގަށް ކޮލިފައިވުން ބަލައެއް ނުގަނެވޭނެ. މިލާނާ މެދު އަހަރެންގެ ވިސްނުމަކީ ހިތްތިރިކަމާ އެކު ދެމިތިބެ އެންމެ މަތީ ފެންވަރުގެ ކުޅުން ދައްކައި. މި ކްލަބް އެންމެމަތީގައި ބާއްވަން އަހަރެމެން އަމިއްލައަށް ވެސް ބުރަކޮށް މަސައްކަތް ކުރުން،" ކްލަބް ކެރިއަގައި ކުޅުންތެރިޔަކު ހޯދާނެ ހުރިހާ ކާމިޔާބެއް ރެއާލްގައި ހޯދި މޮޑްރިޗް ބުންޏެވެ.

"އަހަންނަށް އަދިވެސް ވާދަވެރިކަމާ އެކު ކުޅެވޭނެ. އަހަރެން ބޭނުންވޭ އެކަން ޓީމަށް ދައްކައިދޭން."

އޭނާ ބުނީ އެންމެ ދަށް ޓާގެޓަކީ ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރު ކުރުން ކަމަށެވެ.

"އެކަމަކު މިލާނުން ޖެހޭނެ ތައްޓަށް ވާދަކުރަން. އެއީ އަހަރެންގެ އަމާޒަކީ. މިލާނުގައި މަސައްކަތް ކުރާ އެންމެންގެ އަމާޒަކަށް ވާނި އެ މަގުސަދު."

މިލާނުގެ މިހާރުގެ ކޯޗަކީ މެކްސް އެލެގްރީ އެވެ. މޮޑްރިޗްގެ ހިއްސާއާ އެކު ރެއާލުން 2017 ގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރީ އެލްގްރީ ކޯޗުކޮށްދިން ޔުވެންޓަސް ބަލި ކުރުމަށް ފަހު އެވެ.

މޮޑްރިޗް ބުނީ އެލެގްރީއަކީ ދުނިޔޭގެ އެންމެ މޮޅު ކޯޗުންގެ ލިސްޓްގައި ހިމެނޭ ކޯޗެއް ކަމަށެވެ. އޭނާގެ ދަށުން މަސައްކަތް ކުރަން ފުރުސަތު ލިބުމުން އުފާވާ ކަމަށް ތަޖުރިބާކާރު ކުޅުންތެރިޔާ ބުންޏެވެ.

މިލާނުގެ ޖޯޒީގައި މޮޑްރިޗް ކުޅޭ ފުރަތަމަ މެޗަކަށް ވާނީ އަންނަ ހޮނިހިރު ދުވަހު ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗެވެ.