Roadha Mihaaru

އެންމެ މުހިންމު ކުޅުންތެރިން ވެސް ބެންޗުން މެޗު ފަށައިފާނެ: ޒަބީ

އެންމެ މުހިންމު ކުޅުންތެރިން ބެންޗުން ވެސް މެޗު ފަށައިފާނެ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒަބީ އަލޮންސޯ ބުނެފި އެވެ.

މުހިންމު ކުޅުންތެރިން ބެންޗުން ވެސް ފަށައިފާނެ: ޒަބީ
ހުސެއިން ހަބީބް
ހުސެއިން ހަބީބް

25 އޯގަސްޓް 2025

އެންމެ މުހިންމު ކުޅުންތެރިން ބެންޗުން ވެސް މެޗު ފަށައިފާނެ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒަބީ އަލޮންސޯ ބުނެފި އެވެ.

ރެއާލް އޮވިއޭޑޯއާ ދެކޮޅަށް، އާދިއްތަ ދުވަހުގެ ރޭ ރެއާލުން ކުޅުނު މެޗުގައި އެންމެ ބޮޑު ތަފާތެއް ދެއްކީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ވިނީޝިއުސް ޖޫނިއާ އެވެ.

ޓީމުގެ ދެވަނަ ލަނޑުޖެހުމަށް ކިލިޔަން އެމްބާޕޭ އަށް ފުރުސަތު ތަނަވަސްކޮށް ދީ އަދި މެޗުގެ ފަހު ވަގުތުގައި ރެއާލްގެ ތިންވަނަ ލަނޑު ޖެހީ ދެވަނަ ހާފުގައި ކުޅެން ނުކުތް ވިނީ އެވެ.

ވިނީޝިއުސް ކުޅޭ ވައަތު ފަޅި އަށް، މެޗުގައި ފުރަތަމަ 11 އިން ފުރުސަތު ދިނީ ރޮޑްރިގޯ ހޮއިސް އެވެ. މެޗުގެ 63 ވަނަ މިނެޓްގައި ވިނީ ކުޅެން ނުކުތީ ރޮޑްރިގޯގެ ބަދަލުގަ އެވެ.

ރޮޑްރިގޯ އަށް މެންޗެސްޓާ ސިޓީން ޝައުގުވެރި ވެ އެވެ. ރޭގެ މެޗާ ހަމައަށް ޒަބީ ކޯޗު ކަމުގައި ރޮޑްރިގޯ އަށް ކުޅެން ލިބުނީ މަދު ވަގުތުކޮޅެކެވެ.

ޒަބީ ބުނީ މި ވަގުތު ޓީމުގައި ތިބި ހުރިހާ ކުޅުންތެރިންގެ ބޭނުން އޭނާ ހިފާނެ ކަމަށެވެ. ރޮޑްރިގޯ އަށް ދިން ފުރުސަތުގައި އޭނާ ވެސް ރަނގަޅު ކުޅުމެއް ދެއްކި ކަމަށް ކުރީގެ މިޑްފީލްޑަރު ޒަބީ ބުންޏެވެ.

"ފުރަތަމަ 11 ގައި ކުޅެން ނުކުތް ކުޅުންތެރިންނާއި ބެންޗުން އެރި ކުޅުންތެރިން ދެއްކި ކުޅުމާ މެދު ވެސް އަހަރެމެން ހިތްހަމަޖެހޭ. ކޮންމެ ކުޅުންތެރިޔަކަށް ވެސް ވަރަށް ގިނަ މެޗުތައް ކުޅެން ލިބޭނެ،" ބެޔާ ލެވަކޫސަންގައި ކާމިޔާބު ހޯދި ކޯޗު ބުންޏެވެ.

އޭނާ ބުނީ ކޮންމެ މެޗަކަށް ވެސް ޓީމު އެކުލަވާލަނީ އެ މެޗަކާ ގުޅޭ ގޮތުން ކަމަށެވެ. އެހެންވެ ކޮންމެ ކުޅުންތެރިޔަކު ވެސް އަދާކުރަން ޖެހޭ ދައުރަށް ތައްޔާރަށް ތިބެންޖެހޭ ކަމަށް ޒަބީ ބުންޏެވެ.

"އަހަރެމެން ބޭނުން ހުރިހާ ކުޅުންތެރިން ވެސް މުހިންމުކަން އިހްސާސްކޮށް ދޭން. ކުޅުންތެރިޔާ ތައްޔާރުވެ ހުންނަން ޖެހޭނެ ފުރަތަމަ 11 އިން ފަށަން. ނޫނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުންނަން. ނޫނީ އަނެއް މެޗަށް ތައްޔާރުވެގެން ހުންނަން،" ޒަބީ ބުންޏެވެ.

"ބައެއް ފަހަރު މުހިންމު ޖެހޭނެ ފުރަތަމަ 11 އިން ފަށަން. އަދި އެއީ ވަރަށް މުހިންމުވުން. ބައެއް ފަހަރު މަދު ވަގުތު ކޮޅެއްގައި ކުޅެން ޖެހިދާނެ. އަދީ އެއީ ވެސް ވަރަށް މުހިންމު ކުޅުންތެރިޔެއް. ވިނީޝިއުސްގެ ފަރާތުން ފެނުނީ އެކަން. މުޅި ސީޒަނުގައި ދާނީ އެހެން."

ޑިފެންޑަރު ޓްރެންޓް އެލެގްޒެންޑާ އާނޯލްޑްގެ ބަދަލުގައި ރޭ ފުރަތަމަ 11 ގައި ކުޅުނީ ކެޕްޓަން ޑެނީ ކާވަހާލް އެވެ. ޓްރެންޓަށް ލިބުނީ ފަހު ތިން މިނެޓެވެ. ރެއާލުން އަލަށް ސޮއި ކުރުވި ފްރެންކޯ މަސްޓަންޓުއޯނޯ ވަނީ ރެއާލްގައި ފުރަތަމަ 11 ގައި މުޅިން އަލަށް ކުޅެން ނުކުމެފަ އެވެ.