ރެއާލް މެޑްރިޑަކީ ހުއްޓުވަން އުނދަގޫ ޓީމަކަށް ހަދާނެ ކަމަށް އާ ކޯޗު ޒަބީ އަލޮންސޯ ބުނެފި އެވެ.
26 މެއި 2025
ރެއާލް މެޑްރިޑަކީ ހުއްޓުވަން އުނދަގޫ ޓީމަކަށް ހަދާނެ ކަމަށް އާ ކޯޗު ޒަބީ އަލޮންސޯ ބުނެފި އެވެ.
ރެއާލްގެ ކޯޗުގެ ގޮތުގައި އޭނާ ތައާރަފު ކުރުމަށް ބޭއްވި ހަފުލާފައި އެ ކްލަބްގެ ކުރީގެ މިޑްފީލްޑަރު ބުނީ އެ ޓީމަށް ހައްގުވާވަރުގެ ކާމިޔާބު ހޯދޭނެ މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ ޔަގީންކަން އޭނާ އަށް އެބައޮތް ކަމަށެވެ.
މި ސީޒަން ރެއާލުން ނިންމާލީ ބޮޑު މުބާރާތެއްގެ އެއްވެސް ތައްޓެއްގައި އަތް ނުލެވި އެވެ. މިދިޔަ އަހަރު އެ ޓީމުން ހޯދި ޔޫއެފާ ޗެމްޕިއަންސް ލީގާއި ލަލީގާގެ ތަށި ވެސް ދިފާއު ނުކުރެވުނެވެ. ސްޕެނިޝް ކަޕްގެ ފައިނަލުގައި ބަލިވީ ވާދަވެރި ބާސެލޯނޯ އަތުންނެވެ.
މިދިޔަ ދެ ސީޒަނުގައި ރެއާލް އަށް ކޯޗުކޮށް ދިން ކާލޯ އަންޗެލޮޓީ ވަނީ އެ ކްލަބް ދޫކޮށްލުމަށް ފަހު ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވެފަ އެވެ.
ރެއާލް އާއި ބެޔާން މިޔުނިކްގައި އޭނާ އަށް ކޯޗުކޮށް ދިން އަންޗެލޮޓީ އަށް އަލޮންސޯ ވަނީ ތައުރީފްކޮށްފަ އެވެ. އޭނާ ބުނީ އަންޗެލޮޓީގެ މަގާމު އޭނާ އަށް ރަނގަޅަށް ފޫބެއްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އާއި އެ ކްލަބްގެ އާ ކޯޗު ޒަބީ އަލޮންސޯ
"އަހަރެމެންގެ ޓީމުގައި ވަރަށް މޮޅު ކުޅުންތެރިން އެބަތިބި. މި ވަގުތަށް ވެސް ވަރަށް ރަނގަޅު ޓީމެއް އެބައޮތް. އަދި މުސްތަގުބަލުގައި ވެސް ކާމިޔާބު ހާސިލްކުރެވޭނެ ވަރަށް ގާބިލު ޓީމެއް އެބައޮތް. މިކަމުގެ ސަބަބުން މިތަނަށް އައުމަށް ހިތްވަރު ލިބެނީ ވެސް. އެ ހުރިހާ ކުޅުންތެރިންގެ ތެރިންގެ ފަރާތުން ވެސް އެންމެ މަތީ ފެންވަރު ނެރެ، މޮޅު ޓީމެއް އުފައްދައިދެވިދާނެ ކަމަށް ގަބޫލުކޮށްގެން،" ތައާރަފު ހަފުލާގައި އަލޮންސޯ ބުންޏެވެ.
"މި ހުރިހާ ޔޫރަޕިއަން ތަށިތަކަކާ އަދި މިހާ ގިނަ އަހަރުތަކެއްގެ ތެރޭގައި ހޯދި ހުރިހާ ކާމިޔާބީތަކަށް ހައްގުވާ މިންވަރުގެ ކަންތައްތަކެއް އަހަރެމެންނަށް ހާސިލް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް."
ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބައިވެރިވި ތައާރަފް ހަފުލާ އަށް ފަހު ނޫސްވެރިންނާ ވެސް އަލޮންސޯ ބައްދަލު ކުރި އެވެ.
ކިލިޔަން އެމްބާޕޭ އާއި ވިނީޝިއުސް ޖޫނިއާ ބޭނުންކޮށްގެން އޭނާ ގްމް ރާވާނެ ގޮތާ ބެހޭގޮތުން ނޫސްވެރިން ސުވާލު ކުރި އެވެ.
އޭނާ ބުނީ އެމްބާޕޭ އާއި ވިނީޝިއުސްގެ ކޮމްބިނޭޝަން އެންމެ މަތީ ދަރަޖައިގެ ނެރޭނެ ގޮތުގެ ވިސްނުންތައް އޭނާގެ އެބަހުރި ކަމަށެވެ. އަދި ޖޫޑެ ބެލިންހަމްގެ ދައުރު މިހާރަށް ވުރެ ޓީމުގައި ފުޅާ ކުރަން ބޭނުންވާކަމަށް ކުރީގެ މިޑްފީލްޑަރު ބުންޏެވެ.
"އަހަރެމެންގެ ނަސީބަކީ އެފެންވަރުގެ ކުޅުންތެރިންތަކެއް ތިބުން. ކިލިޔަން [އެމްބާޕޭ' އާއި ވިނިޝިއަސް އެކަންޏެއް ވެސް ނޫން. އެ ދެ ކުޅުންތެރިންނަކީ މެޗު ބަދަލުކޮށްލެވޭނެ ދެ ކުޅުންތެރިން. އެ ކުޅުންތެރިންގެ ގާބިލުކަން އެންމެ މަތީ ދަރަޖައިގައި ނެރެން އެބަ ޖެހޭ. އަހަރެމެންގެ ޕްލޭންތަކެއް އެބަހުރި، އަހަރެމެން ސަމާލުކަން ދޭނީ އެކަމަށް. އެއީ މިދަނޑިވަޅުގައި އަހަރެންގެ ޒިންމާއެއް."
މިދިޔަ ތިން ސީޒަނުގައި ބަޔާ ލެވަކޫސަންގައި ކާމިޔާބު މަސައްކަތެއް ކުރި އަލޮންސޯ ރެއާލްއާ އެކު ސޮއި ކުރީ ތިން އަހަރުގެ އެއްބަސްވުމެއްގަ އެވެ. މިދިޔަ އަހަރުގެ ބުންޑެސް ލީގާ އާއި ޖަރުމަނު ކަޕްގެ ޗެމްޕިއަންކަން ލެވަކޫސަނަށް ހޯދައި ދިން ކޯޗު ބުނީ ރެއާލްގެ ކުޅުމަކީ މީހުންނަށް ހިތްހަމަޖެހުން ލިބޭފަދަ ކުޅުމެއް ކުޅޭ ޓީމަކަށް ހަދަން ބޭނުންވާ ކަމަށެވެ.
"ސްޓޭޑިއަމަށް އަންނަ ކޮންމެ މީހަކަށް ވެސް އުފާވެރި ވަގުތުކޮޅެއް ހޯދައި ދެވޭނެ ކުޅުމެއް ކުޅޭ ޓީމެއް ބިނާ ކުރަން ބޭނުން. ޓީވީން ބަލާ މީހުން ފަހްރުވެރިވެ 'އެއީ އަހަރެންގެ ރެއާލް މެޑްރިޑް' އޭ ބުނާނެ ވަރުގެ ޓީމެއް ބިނާ ކުރަން ބޭނުން. އެކަން ހާސިލް ކުރެވިއްޖެނަމަ، އަހަރެމެން ވެގެންދާނީ ނުހުއްޓުވޭނެ ފަދަ ބާރަކަށް،" އުމުރުން 43 އަހަރުގެ އަލަންސޯ ބުންޏެވެ.
އަލޮންސޯ މާޔޫސެއް ނުވޭ، އޭނާ ހުރީ އުއްމީދުގައި
ރެއާލްގެ ކޯޗުކަމަށް ލެޖެންޑް އަލޮންސޯ ހަމަޖައްސައިފި
ރެއާލްއާ ހަވާލުވާ އަލޮންސޯއަށް އަންޗެލޮޓީގެ ތައުަރީފު
އަލޮންސޯ ޓީމު ދޫކޮށްލާތީ ލެވަކޫސަންގެ ރާޑަރު ޓެންހާގަށް
ރެއާލްއާ ދެމެދު އޮތީ ވަރުގަދަ ގުޅުމެއް: އަލޮންސޯ
އޮލޮންސޯގެ ފުރަތަމަ މެޗު ސައުދީ ޓީމާ އެއްވަރުވެއްޖެ
ދެ ލެޖެންޑުންނަށް ރެއާލުން އަލްވަދާއު ކިޔައިފި
އަންޗެލޮޓީ؛ 100 އަހަރަށްފަހު ބްރެޒިލަށް ބޭރު ކޯޗެއް
ރެއާލް ކްލަބް ވޯލްޑް ކަޕަށް ދާނީ އޮލޮންސޯއާ އެކު
ބްރެޒިލަށް އަންޗެލޮޓީ ދޫކޮށްލަން ރެއާލުން އެއްބަސް