Roadha Mihaaru

ވިނީ އަށް ރެއާލުން ކުރާ އިތުބާރު ދަށަށް

ވިނީޝިއުސް ޖޫނިއާ އަށް ރެއާލް މެޑްރިޑުން ކުރާ އިތުބާރު ކުޑަ ވެއްޖެ އެވެ.

ވިނީ އަށް ރެއާލުން ކުރާ އިތުބާރު ދަށަށް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

10 އޯގަސްޓް 2025

ވިނީޝިއުސް ޖޫނިއާ އަށް ރެއާލް މެޑްރިޑުން ކުރާ އިތުބާރު ކުޑަ ވެއްޖެ އެވެ.

ވިނީއާ ގުޅުން އޮންނަ ބައެއް އޮފިޝަލުންނާ ހަވާލާދީ ދި އެތުލެޓިކް ނޫހުން ބުނީ ވިނީގެ ކުޅުން ދަށް ވެފައިވުމުން އެކަން ރަނގަޅު ކުރުމަށް އޭނާ އަށް އަންގާފައިވާ ކަމަށެވެ.

ރެއާލުން އޭނާގެ އެއްބަސްވުން އާ ކުރަން ހުށަހެޅުމުން، ވިނީ އާއި އޭނާގެ މަންދޫބުން ޑިމާންޑް ކުރީ ބޮޑު މުސާރަ އަކަށެވެ. އޭނަ ޑިމާންޑް ކުރަނީ ކިލިޔަން އެމްބާޕޭ އަށް ދޭ، މުސާރަ އަށް ވުރެ ވެސް ބޮޑު މުސާރަ އަކަށް ކަމަށް ސްޕެއިންގެ މީޑީއާތަކުން ބުންޏެވެ.

އެތުލެޓިކުން ބުނީ ވިނީގެ ދެ އެޖެންޓާއި އޭނާގެ ބައްޕައާ އެކު ރެއާލްގެ ޓްރޭނިން ސެންޓަރު ސިއޫޑާޑްގައި ރެއާލުގެ މަންދޫބުން ބައްދަލު ކުރި ކަމަށެވެ. ރެއާލުގެ މަންދޫބުން އެދުނީ ވިނީގެ ފަރާތުން މުސާރަގެ އަދަދާ މެދު ހިޔާލު ހުށަހެޅުމަށެވެ. އޭނާގެ މަންދޫބުން ހުށަހެޅީ ރެއާލުން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ދިން އަދަދާ ގާތްކުރާ ވަރުގެ މުސާރައެއް ކަމަށް މައުލޫމާތު އެނގޭ އޮފިޝަލުންނާ ހަވާލާދީ ދި އެތުލެޓިކުން ބުންޏެވެ.

އެކަމަކު މިހާރު ކުރީގެ ކުޅުން ވިނީ އަށް ނުދެއްކެ އެވެ. މީގެ އެއް އަހަރު ކުރިން ލަލީގާ އާއި ޔޫއެފާ ޗެމްޕިއަންސް ލީގު ރެއާލަށް ކާމިޔާބުކޮށް ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށް، ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުނެތެރިޔާގެ އެވޯޑް ވެސް ވިނީ ކާމިޔާބު ކުރި އެވެ. ނަމަވެސް މިދިޔަ ސީޒަނު އޭނާގެ ކުޅުން ދަށެވެ.

އެހެންވެ ރެއާލުން ވިނީ އަށް އެންގީ އޭނާގެ ކުޅުން އަލުން ރަނގަޅު ކުރުމަށެވެ. ރެއާލްގެ މިހާރުގެ ކޯޗު ޒަބީ އޮލޮންސޯގެ ކޯޗުކަމުގެދަށުން ފުރަތަމަ 11 އިން ފުރުސަތު ނުލިބުން ވެސް އެކަށީގެންވެ އެވެ.

މިދިޔަ މަހު ނިމިގެންދިޔަ ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ފުރަތަމަ 11 އިން އެންމެ ފުރަތަމަ ވިނީޝިއުސް ބާކީ ކުރި އެވެ. އެކަމަކު މެޗުގެ ކުރިން ޓްރެންޓް އެލެގްޒެންޑާ އާނޯލްޑަށް ލިބުނު އަނިޔާގެ ސަބަބުން ޒަބީގެ ޕްލޭން ބަދަލުކޮށް ކަނާތު ވިންގަށް ވިނީޝިއުސް ކުޅުވި އެވެ.

ވިނީ އާންމުކޮށް ކުޅޭ ވައާތު ފަޅީގައި ބްރަހީމް ޑިއާޒަށް ދިން ފުރުސަތުގައި އަލޮންސޯ ބޭނުންވާ ފެންވަރުގެ ކުޅުމެއް މޮރޮކޯގެ ފޯވާޑް ދެއްކުމުން ވިނީގެ ބަދަލުގައި އޭނާ އަށް އަލޮންސޯ ބަރާސޯވުމުގެ ފުރުސަތު ބޮޑެވެ.

މިދިޔަ ސީޒަނުގައި ރެއާލަށް ކިލިޔަން އެމްބާޕޭ ބަދަލުވުމުން ރެއާލުގެ ޕެނަލްޓީ ޖެހުމުގެ ލިސްޓްގައި ވިނީ އާއި އެމްބާޕޭ އޮތީ އެއް ހަމައެއްގަ އެވެ. އެއް ކުޅުންތެރިޔަކު އެއް މެޗުގައި ޕެނަލްޓީ ޖަހައިފިނަމަ ދެން ލިބޭ ފުރުސަތު ދެނީ އަނެއް ކުޅުންތެރިޔާ އަށެވެ. އަލޮންސޯ ވަނީ އެކަން ބަދަލުކޮށް ޕެނަލްޓީ ޖެހުމުގައި އެމްބާޕޭ އިސްކޮށްފަ އެވެ. އޭނާ ދަނޑުގައި ހުރެއްޖެނަމަ މެޗުގެ ވަގުތުގައި ލިބޭ ހުރިހާ ޕެނަލްޓީއެއް ޖަހަނީ އޭނާ އެވެ.