Roadha Mihaaru

އަރާމުކުރަން 72 ގަޑިއިރު ނުލިބެންޏާ ރެއާލުން ދެން ނުކުޅޭނަން: އަންޗެލޮޓީ

ދެ މެޗު ދެމެދުން އަރާމުކުރަން 72 ގަޑިއިރު ނުލިބެންޏާ އިތުރު މެޗަކަށް ރެއާލް މެޑްރިޑުން ނުނުކުންނާނެ ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

"72 ގަޑިއިރު ނުލިބި ރެއާލުން ދެން ނުކުޅޭނަން"
ހުސެއިން ހަބީބް
ހުސެއިން ހަބީބް

16 މާޗް 2025

ދެ މެޗު ދެމެދުން އަރާމުކުރަން 72 ގަޑިއިރު ނުލިބެންޏާ އިތުރު މެޗަކަށް ރެއާލް މެޑްރިޑުން ނުނުކުންނާނެ ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ސްޕެނިޝް ލީގުގައި ރޭ ވިޔަރެއާލް އަތުން 2-1 އިން ރެއާލް މޮޅުވި މެޗުގައި އެ ޓީމަށް އަރާމުކުރަން ލިބުނީ 66 ގަޑިއިރެވެ. އެއީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު 120 މިނެޓްގެ މެޗަށް ފަހު އަރާމުކުރަން ލިބުނު ވަގުތެވެ.

ރެއާލްގެ ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑަށް ވަރުބަލިކަން ފެނުނު މެޗުގައި އެ ޓީމަށް ވިޔަރެއާލް އަތުން މޮޅު ވެވުނީ ކިރިކިރިޔާ އެވެ. އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ކިލިޔަން އެމްބާޕޭ އެވެ.

އަންޗެލޮޓީ ބުނީ އެހާ އުނދަގޫ މެޗެއްގައި ވެސް ރެއާލް ކުޅުންތެރިން ނެރުނު ހިތްވަރަށް ފަހުރުވެރިވާ ކަމަށެވެ.

"އިދިކޮޅު ޓީމު ވަރަށް ވަރުގަދަ. މިހާ އުނދަގޫ މެޗަކަށް ކުޅުންތެރިން ކުރި މަސައްކަތަށް އަހަރެން އެ ކުޅުންތެރިންނަށް ސާބަސް ދެން،" އަންޗެލޮޓީ ބުންޏެވެ.

އޭނާ ބުނީ ވިޔަރެއާލްގެ މެޗު ފަސްކޮށް ދިނުމަށް ދެ ފަހަރެއްގެ މަތިން އޭނާގެ ކްލަބުން އެދުނު ނަމަވެސް ލަލީގާއިން އެކަމަށް އިޖާބައެއް ދީފައި ނުވާ ކަމަށެވެ.

"އަހަންނަށް ހީވާ ގޮތުގައި މިއީ 72 ގަޑިއިރަށް ވުރެ މަދުން އަރާމު ކުރަން ވަގުތު ލިބިގެން އަހަރެމެން ކުޅޭނެ ފަހު މެޗުހެން. ދެ މެޗު ދޭތެރެއިން އަރާމުކުރަން އިތުރު ވަގުތެއް ނުލިބި އަހަރެމެން ދެން އިތުރަކަށް ނުކުޅޭނަން. އަހަރެމެން ދެ ފަހަރެއްގެ މަތިން އެދުނިން މެޗު ފަސްކޮށްދިނުމަށް އެކަމަކު އެކަން ހަމައެއް ނުޖެހުނު،" އަންޗެލޮޓީ ބުންޏެވެ.

އަންޗެލޮޓީގެ އެ ވާހަކަ އަށް ލަލީލާގެ ރައީސް ހާވިއާ ޓެބާސް ވަނީ ރައްދު ދީފަ އެވެ. ސްޕެއިންގެ ކުޅިވަރު ނޫސް "މާކާ" އަށް ޓެބާސް ވިދާޅުވީ މެޗު ފަސްކޮށްދޭން ރެއާލުން އެދިފައި ނުވާ ކަމަށެވެ.