Roadha Mihaaru
ނަތީޖާ އަނބުރާލި ގޮތުން އަންޗެލޮޓީ ހައިރާންވެއްޖެ

ރެއާލް އިން ނަތީޖާ އަނބުރާލި ގޮތުން އަންޗެލޮޓީ ހައިރާންވެއްޖެ

18 އެޕްރީލް 2022

ސެވިއްޔާ (އޭޕްރީލް 18) - ސެވިއްޔާ އިން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، ދެވަނަ ހާފުގައި ރެއާލް މެޑްރިޑުން 3-2 އިން ނަތީޖާ އަނބުރާލި ގޮތުން އޭނާ ވެސް ހައިރާން ވެއްޖެ ކަމަށް، ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ސެވިއްޔާގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސެވިއްޔާގެ ލަނޑުތައް ޖެހީ އީވާން ރަކިޓިޗް އާއި އެރިކް ލަމޭލާ އެވެ. ރަކިޓިޗް ލަނޑު ޖެހީ ހިލޭ ޖެހުމަކުންނެވެ. ރެއާލް އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 82 ވަނަ މިނެޓްގައި ނަޗޯ ފެނާންޑޭޒް ޖެހި ލަނޑުންނެވެ. އޭގެ ކުރިން މެޗުގެ 50 ވަނަ މިނެޓްގައި ރޮޑްރިގޯ ގޮއިސް ވަނީ އެޓީމުގެ ފުރަތަމަ ލަނޑު ޖަހައިފަ އެވެ. ރެއާލް މެޗުން މޮޅުކޮށް ދިން ލަނޑު ކަރީމް ބެންޒެމާ ޖެހީ އިތުރު ވަގުތުގެ ދެވަނަ މިނެޓްގަ އެވެ.

އަންޗެލޮޓީ ބުނީ ފުރަތަމަ ހާފު އެހާ ރަނގަޅަށް ނުކުޅެވި، ދެވަނަ ހާފުގައި ޓީމުން ނަތީޖާ އަނބުރާލި ގޮތުން ހައިރާންވާ ކަމަށެވެ.

"ފުރަތަމަ ހާފު އަހަރެމެން ބޭނުންވާ ގޮތަކަށް ނުކުޅެވުނު. އެކަމަކު ދެވަނަ ހާފުގައި އަހަރެމެން ވަރަށް ރަނގަޅަށް ކުޅެ ނަތީޖާ އަނބުރާލި ގޮތުން އަހަރެން މިހުރީ ހައިރާން ވެފައި،" އަންޗެލޮޓީ ބުންޏެވެ.

ރެއާލްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ: އެޓީމު ވަނީ ސެވިއްޔާ ބަލިކޮށް ލީގު ހޯދުމާ ކައިިރިއަށް ޖެހިލާފައި. --- ފޮޓޯ: އޭއެފްޕީ

ރެއާލްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ: އެޓީމު ވަނީ ސެވިއްޔާ ބަލިކޮށް ލީގު ހޯދުމާ ކައިިރިއަށް ޖެހިލާފައި. --- ފޮޓޯ: އޭއެފްޕީ

"ހައިރާންވުން މިބަސް ނުވެދާނެ އެންމެ ރަނގަޅު ބަހަކަށް. ސަބަބަކީ މި ޓީމުގެ މަސައްކަތުގެ ރޭޓާއި ކުޅުންތެރިންގެ އަޒުމަކީ އަހަންނަށް އާ ކަމެއް ނޫން. މި ޓީމަށް ކޯޗުކޮށް ދެވޭތީ އަހަރެން ވަރަށް ފަހުރުވެރިވޭ."

ރެއާލް އެއްވަނައިގައި އޮތީ 15 ޕޮއިންޓްގެ ބޮޑު ލީޑަކާ އެކު އެވެ. އެޓީމުގެ ފަހަތުގައި އޮތް އަނެއް ތިން ޓީމަށް ވެސް ޕޮއިންޓް ލިބިފައި ވަނީ އެއްވަރަކަށެވެ. ބާސެލޯނާ، ސެވިއްޔާ އަދި އެތުލެޓިކޯ މެޑްރިޑަށް ވެސް ލިބިފައި ވަނީ 60 ޕޮއިންޓެވެ. ރެއާލް އަށް 75 ޕޮއިންޓެވެ. ލީގު ކާމިޔާބު ކުރުމަށް އިތުރު ހަރުފަތަކާ ކައިރިއަށް ރެއާލް ވަނީ ޖެހިލައިފަ އެވެ.

މެތެމެޓިކަލީ ބަލާއިރު ލީގު ކާމިޔާބު ކުރުމަށް އެޓީމަށް ދެން ބޭނުން ވަނީ 10 ޕޮއިންޓެވެ.