Roadha Mihaaru
އެމްބާޕޭއާ މެދު އަންޗެލޮޓީގެ ޝަކުވާއެއް ނެތް

އެމްބާޕޭއަށް ލަނޑެއް ނުޖެހޭ، އަންޗެލޮޓީ ބުނީީ ޝަކުވާއެއް ނެތް ކަމަށް

01 ސެޕްޓެމްބަރ 2024

މެޑްރިޑް (ސެޕްޓެމްބަރު 1) – ރެއާލް މެޑްރިޑްގެ ފޯވާޑް ކިލިޔަން އެމްބާޕޭ އަށް ލަލީގާގައި ލަނޑެއް ނުޖެހުނަސް ޝަކުވާއެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެޑްރިޑް (ސެޕްޓެމްބަރު 1) – ރެއާލް މެޑްރިޑްގެ ފޯވާޑް ކިލިޔަން އެމްބާޕޭ އަށް ލަލީގާގައި ލަނޑެއް ނުޖެހުނަސް ޝަކުވާއެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ޕީއެސްޖީ ދޫކޮށް ހިލޭ ޓްރާންސްފާގައި ރެއާލަށް މި ސީޒަނުގައި ބަދަލުވި އެމްބާޕޭ އަށް ލީގުގައި ކުޅުނު ތިން މެޗުގައި ވެސް ލަނޑެއް ނުޖެހެ އެވެ.

އެކަމަކު އަންޗެލޮޓީ ބުނީ ފްރާންސްގެ ކެޕްޓަނަށް ލަނޑު ނުޖެހުމަކީ މައްސަލައެއް ނޫން ކަމަށެވެ.

ވާތު ވިންގަށް ކުޅޭ ވިނީޝިއުސް ޖޫނިއާގެ ކުރިމަތިން ސެންޓަ ފޯވާޑަކަށް ކުޅޭ އެމްބާޕޭ އަށް ލަނޑު ނުޖެހޭތީ، ރެއާލްގެ ނަތީޖާ އަށް ވެސް ވަނީ އަސަރުކޮށްފަ އެވެ. މަޔޯކާ އާއި ލަސްޕަލަމްސްއާ ދެކޮޅަށް ކުޅުނު މެޗުތަކުން ރެއާލް އަށް ލިބުނީ ދެ ޕޮއިންޓެވެ.

"(އެމްބާޕޭ) ލަނޑެއް ނުޖެހުނަސް އޭނާ ދަނީ ވަރަށް ރަނގަޅަށް ކުޅެމުން. އޭނާގެ ނުފޫޒުގެ ސަބަބުން ނުރައްކާވޭ. ޓީމަށް ހޭނެން އޭނާ ދަނީ މަސައްކަތް ކުރަމުން. (ލަނޑެއް ނުޖެހުން) އެއީ މައްސަލައެއް ނޫން،" އެމްބާޕޭ ބުންޏެވެ.

މިދިޔަ ސީޒަނުގައި ރެއާލަށް ލަލީގާ އާއި ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ދިން ކޯޗު ބުނީ ވިނީޝިއުސް އާއި އެމްބާޕޭ ގުޅިގެން ހަމަލާ އުފެއްދުމުގައި ރަނގަޅު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ކޮންމެ މެޗެއްގައި ވެސް ރެއާލުން ލަނޑު ޖަހަމުންދާތީ އެ ދެ ކުޅުންތެރިންނަށް ކޮންމެ މެޗެއްގައި ލަނޑު ނުޖެހުނަސް، އެއީ މައްސަލައެއް ނޫން ކަމަށް އަންޗެލޮޓީ ބުންޏެވެ.

"ވަގުތު ނަގައިގެން ރަނގަޅު ގުޅުމެއް ދަނޑުމަތީގައި އުފެދޭނެ. އެމްބާޕޭ އާއި ވިނީއާ ދެ ކުޅުންތެރިންގެ މެދުގައި އެކަންޏެއް ނޫން. އެމްބާޕޭ އާއި މިޑްފީލްޑަރުންނާ ދެމެދު ވެސް އެ ގުޅުން އުފެދޭނެ. އޮފެންސިވް ގޭމްގައި އަހަރެމެންގެ އެއްވެސް މައްސަލައެއް ނެތް. މިދިޔަ އަހަރު ޓީމުގައި ރަނގަޅު ސްޓައިކަރެއް ނެތް. އެކަމަކު މިހާރު ރަނގަޅު ސްޓައިކަރުން އެބަތިބި،" ރެއާލް ބެޓިސްއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި އަންޗެލޮޓީ ބުންޏެވެ.