Roadha Mihaaru
އެތުލެޓިކޯ ބަލިކޮށް ރެއާލް ހުއްޓުމެއް ނެތި ކުރިއަށް

އެތުލެޓިކޯ ބަލިކޮށް ރެއާލް ހުއްޓުމެއް ނެތި ކުރިއަށް

19 ސެޕްޓެމްބަރ 2022

މެޑްރިޑް (ސެޕްޓެމްބަރު 19) - އެތުލެޓިކޯ މެޑްރިޑްގެ ދަނޑުގައި އެ ޓީމާ ވާދަކޮށް 2-1 އިން މެޗު ކާމިޔާބުކޮށް ޗެމްޕިއަން ރެއާލް މެޑްރިޑުން މި ސީޒަނުގައި މޮޅުވަމުން އަންނަ ރެކޯޑް ދަމަހައްޓައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެޑްރިޑް (ސެޕްޓެމްބަރު 19) - އެތުލެޓިކޯ މެޑްރިޑްގެ ދަނޑުގައި އެ ޓީމާ ވާދަކޮށް 2-1 އިން މެޗު ކާމިޔާބުކޮށް ޗެމްޕިއަން ރެއާލް މެޑްރިޑުން މި ސީޒަނުގައި މޮޅުވަމުން އަންނަ ރެކޯޑް ދަމަހައްޓައިފި އެވެ.

އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މެޑްރިޑް ޑާބީ މެޗުގައި ރެއާލް މެޑްރިޑުން ޖެހި ދެ ލަނޑު ވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގަ އެވެ.

މެޗުގެ 18 ވަނަ މިނިޓުގައި ރެއާލް އިން ލީޑު ނެގީ އޮރޭލިއަން ޗުއަމެނީ މަތިން ދިން ބޯޅައެއް އެއްފަހަރުން ޖަހައި ބްރެޒިލްގެ ފޯވާޑް ރޮޑްރިގޯ ކާމިޔާބުކުރި ލަނޑުންނެވެ. ކެޕްޓަން ކަރީމް ބެންޒެމާއަށް އަނިޔާވެގެން ކުޅުމާ ދުރުގައި ހުރި އިރު، ރޮޑްރިގޯ އަންނަނީ ރެއާލްގެ އެޓޭކުގައި މުހިއްމު ދައުރެއް އަދާ ކުރަމުންނެވެ.

"އަހަރެންނަށް އަބަދުވެސް އިތުބާރު އޮވޭ، މިދިޔަ ސީޒަނުގައި ފަހުކޮޅު އަހަރެންނަށް ގޯލު ޖެހެން ފެށުނީ، އެކަމަކު މި ސީޒަނުގެ ކުރީކޮޅު މިހާތަނަށް ވެސް ގިނަ ގޯލުތަކެއް ޖެހިއްޖެ. މިގޮތުގައި ކުރިއަށް ދާން ބޭނުމީ، އެއީ އަހަރެން އަދި ދަސްކުރަން ޖެހޭ ބައިވަރު ކަންކަން އެބަހުރި،" މެޗަށް ފަހު ރޮޑްރިގޯ ބުންޏެވެ.

"ބެންޒެމާގެ މަގާމު ފޫބެއްދުމަކީ ވާނެ ކަމެއް ނޫން، އެކަމަކު އަހަރެން މަސައްކަތް ކުރަން، އަދި ގަބޫލު ކުރެވޭ އަހަރެންގެ މަސައްކަތް ރަނގަޅަށް ކުރިއަށް ދާކަން ވެސް. އަހަރެން މަސައްކަތް ކުރަނީ އޭނާ ކުރާ ގޮތާ ތަފާތު ކޮށް، އަހަރެމެން ކުޅުމުގެ ވައްޓަފާޅި ބަދަލު ކޮށްލައިފިން."

ރޮޑްރިގޯ ރެއާލް އަށް ލީޑު ނަގައިދިނުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ރޮޑްރިގޯ ރެއާލް އަށް ލީޑު ނަގައިދިނުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ރޮޑްރިގޯގެ ލަނޑުން ރެއާލް އިން ލީޑު ނެގިތާ 18 މިނިޓު ފަހުން ވިނީޝިއުސް ޖޫނިއާ ފޮނުވާލި ހަމަލާއެއް ގޯލު ދަނޑީގައި ޖެހިފައި އައި ވަގުތު ބޯޅަ ގޯލަށް ފޮނުވާލައިގެން ރެއާލްގެ ދެ ވަނަ ލަނޑު ޖަހައިދިނީ ފެޑެރީކޯ ވެލްވާޑޭ އެވެ. ވެލްވާޑޭ ވަނީ ރެއާލް އިން އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ.

އެތުލެޓިކޯ އަށް ލޯނު އުސޫލުން ކުޅެމުން އަންނަ ބާސެލޯނާގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ވަނީ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފަ އެވެ. ފުރަތަމަ ހާފުގައި އޭނާ އަށް ލަނޑު ޖަހަން ލިބުނު ފުރުސަތުގައި ފޮނުވާލި ހަމަލާ ދިފާއު ކުރީ ކީޕަރު ތިބައު ކޯޓުއާ އެވެ.

ދެ ވަނަ ހާފުގައި ވެސް އެތުލެޓިކޯ މެޑްރިޑުން ލަނޑު ޖަހަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ރެއާލްގެ ކުޅުންތެރިން ވަނީ އެތުލެޓިކޯގެ އެޓޭކްތައް ހުށިޔާރުކަމާ އެކު ހުއްޓުވައިފަ އެވެ. އެތުލެޓިކޯގެ ކުޅުން ހުއްޓުވުމުގައި ރެއާލް އިން އަލަށް ގެނައި ފްރާންސްގެ ޒުވާން މިޑްފީލްޑަރު ޗުއަމެނީ، 22، ވަނީ މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.

އެތުލެޓިކޯގެ ހާމޯސޯ، ރެއާލްގެ ސެބާޔޯސް އަށް ފައުލް ކޮށްގެން ހިނގި ހަމަނުޖެހުމުގެ ތެރެއިން. -- ފޮޓޯ: އޭއެފްޕީ

އެތުލެޓިކޯގެ ހާމޯސޯ، ރެއާލްގެ ސެބާޔޯސް އަށް ފައުލް ކޮށްގެން ހިނގި ހަމަނުޖެހުމުގެ ތެރެއިން. -- ފޮޓޯ: އޭއެފްޕީ

އެތުލެޓިކޯ އަށް ލަނޑު ޖަހައިދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައި ވަނިކޮށް، ދެ ވަނަ ހާފުގައި ކުޅެން އެރި ޑިގެންޑަރު މާރިއޯ ހާމޯސޯ އެވެ. އޭނާ މި ލަނޑު ޖެހީ، ގްރީޒްމަން ނެގި ކޯނަރަކަށް ފުންމައިގެން އެރައި އޭނާގެ ކޮނޑުން ގޯލްގެ ތެރެއަށް ފޮނުވައިލައިގެންނެވެ. ބޯޅަ ދިފާއުކުރަން ކީޕަރު ކޯޓުއާ އަށް މާ ރަނގަޅަށް އަތް ނުޖެއްސުނެވެ.

ނަމަވެސް އިތުރު ވަގުތުގައި އެތުލެޓިކޯ އިން ކޯނަރެއް ނެގި ވަގުތު ހާމޯސޯ، ރެއާލްގެ ކުޅުންތެރިއަކު ކޮއްޕައި ވައްޓާލި ކަމަށް ބަލައި ރެފްރީ ވަނީ އޭނާއަށް ދެ ވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.

މި ނަތީޖާއާ އެކު ރެއާލް މެޑްރިޑް ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު ނުވަ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ލީގުގެ އެއް ވަނައިގައި ރެއާލް އޮތީ ކުޅުނު ހަ މެޗުން ހޯދި ފުރިހަމަ 18 ޕޮއިންޓާ އެކު އެވެ.

މެޗަށް ފަހު ރެއާލްގެ ކުޅުންތެރިން އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

މެޗަށް ފަހު ރެއާލްގެ ކުޅުންތެރިން އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

މެޗަށް ފަހު ކޯޗު ކާލޯ އަންޗެލޮޓީ ވަނީ، ހިތްހަމަޖެހޭ ލީޑެއް ލިބުމުން ދެ ވަނަ ހާފުގައި ލީޑު ހިފަހައްޓަން މަސައްކަތް ކުރި ކަމަށް ބުނެފަ އެވެ. އަދި ގޯލު ޖެހި ރޮޑްރިގޯ އާއި ވެލްވާޑޭ އަށް ވެސް އެންޗެލޮޓީ ވަނީ ތައުރީފު ކޮށްފަ އެވެ.

"މެޗު ފެށިއިރު އަހަރެމެން ފުދޭވަރަކަށް ރަނގަޅަށް ޑެފްންސް ކުރަމުން ދިޔައީ. ދެން ދެ ގޯލުގެ ލީޑެއް ލިބުމާ އެކު ދެވަނަ ހާފުގައި ނިންމީ (ލީޑު ދިފާއުކުރަން މަސައްކަތް ކޮށްފައި) އިތުރަށް ލަނޑުޖަހަން މަސައްކަތް ނުކުރަން. އެކަމަކު އެތުލެޓިކޯ އިން ފަހުވަގުތު ވިއްދައިގެން އަހަރެމެންނަށް އޭގެ އަސަރު ފޯރި،" އަންޗެލޮޓީ ބުންޏެވެ.

"ދެ ކުޅުންތެރިންނަކީ ވެސް (ރޮޑްރިގޯ އާއި ވެލްވާޑޭ) ވަރަށް ހާއްސަ ދެ ކުޅުންތެރިން، އެއީ ޒަމާނީ ކުޅުންތެރިންގެ މިސާލެއް. ތަފާތު މަގާމުތަކަށް ކުޅެވޭ، ފިޒިކަލީ އަދި ޓެކްނިކަލީ ވެސް ރަނގަޅު. ދެ ކުޅުންތެރިން ވެސް ބޮޑެތި ކުރިއެތުން ހޯދައިފި، އެއީ ވަރަށް ހިތްހަމަޖެހޭ ކަމެއް."

ލީގުގެ ދެ ވަނައިގައި އޮތީ 16 ޕޮއިންޓް ހޯދާފައިވާ ވާދަވެރި ބާސެލޯނާ އެވެ. ބާސެލޯނާ ވެސް މިހާތަނަށް ލީގުގައި ބަލި ނުވާއިރު، އެޓީމަށް ޕޮއިންޓު ގެއްލުނީ ލީގުގެ ފުރަތަމަ މެޗު އެއްވަރު ވުމުންނެވެ.

ބާސާގެ ފަހަތުގައި، 15 ޕޮއިންޓާ އެކު އޮތީ ރެއާލް ބެޓިސް އެވެ. ބެޓިސް ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ގިރޯނާ ބަލިކޮށްފަ އެވެ. އަދި 13 ޕޮއިންޓާ އެކު ހަތަރުވަނައިގައި އޮތީ 3-2 އިން ރަޔޯ ވަޔެކާނޯ ބަލިކުރި އެތުލެޓިކް ބިލްބާއޯ އެވެ.

އެތުލެޓިކޯ ވަނީ ލިބުނު 10 ޕޮއިންޓާ އެކު ހަތްވަނައަށް ވެއްޓިފަ އެވެ. އެތުލެޓިކޯ އާއެކު އަށްވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް ވެސް ލިބިފައި ވަނީ 10 ޕޮއިންޓެވެ. ސޮސިއެޑާޑުން ވަނީ 2-1 އިން އަމިއްލަ ދަނޑުގައި އެސްޕަނިޔޯލް ބަލިކޮށްފަ އެވެ.

ވިޔަރެއާލާއި ސެވިއްޔާ ކުޅުނު މެޗު 1-1 އިން އެއްވަރު ވިއިރު، 11 ޕޮއިންޓާ އެކު ވިޔަރެއާލް އޮތީ ހަ ވަނައިގަ އެވެ. އަދި 12 ޕޮއިންޓާ އެކު ފަސްވަނައިގައި އޮތީ، ގެޓާފޭ އަތުން 2-0 އިން ބަލިވި އޮސަސޫނާ އެވެ.