Roadha Mihaaru
އެތުލެޓިކޯ އަތުން ބަލިވުމުން ޒިންމާ ނެގީ އަންޗެލޮޓީ

ބެލިންގްހަމަކަށް ވެސް ނުވި، އެތުލެޓިކޯ އަތުން ބަލިވުމުން ޒިންމާ ނެގީ އަންޗެލޮޓީ

25 ސެޕްޓެމްބަރ 2023

މެޑްރިޑް (ސެޕްޓެމްބަރު 25) - މި ސީޒަންގެ ފުރަތަމަ މެޑްރިޑް ޑާބީ މެޗުގައި އެތުލެޓިކޯ މެޑްރިޑް އަތުން 3-1 އިން ބަލިވުމުން ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ޒިންމާ ނަގައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެޑްރިޑް (ސެޕްޓެމްބަރު 25) - މި ސީޒަންގެ ފުރަތަމަ މެޑްރިޑް ޑާބީ މެޗުގައި އެތުލެޓިކޯ މެޑްރިޑް އަތުން 3-1 އިން ބަލިވުމުން ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ޒިންމާ ނަގައިފި އެވެ.

މެޗުގެ ހަތަރުވަނަ މިނިޓުގައި އެތުލެޓިކޯ އަށް ލީޑު ނަގައިދިނީ ރެއާލްގެ އެކަޑަމީން ތަމްރީނުކުރި ފޯވާޑް އަލްވަރޯ މޮރާޓާ އެވެ. އަދި 18 ވަނަ މިނިޓުގައި އެންޓުވާން ގްރީޒްމަން ވަނީ އެތުލެޓިކޯ އަށް ލީޑު ފުޅާ ކޮށްދީފަ އެވެ.

ފުރަތަމަ ހާފު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް ޓޯނީ ކްރޫސް ގޯލެއް ޖަހައި ރެއާލަށް ފަރަގު ކުޑަ ކޮށްދިން ނަމަވެސް، ދެވަނަ ހާފު ފެށިގެން މިނިޓެއް ނުވަނީސް މޮރާޓާ ވަނީ އެތުލެޓިކޯ އަށް އަލުން ދެ ގޯލުގެ ލީޑު ހޯދައިދީފަ އެވެ.

ރެއާލްގެ ކޯޗު އަންޗެލޮޓީ، އޭނާ ވަނީ އެތުލެޓިކޯ އަތުން ބަލިވުމުގެ ޒިންމާ ނަގައިފަ.-- ފޮޓޯ: އޭއެފްޕީ

ރެއާލްގެ ކޯޗު އަންޗެލޮޓީ، އޭނާ ވަނީ އެތުލެޓިކޯ އަތުން ބަލިވުމުގެ ޒިންމާ ނަގައިފަ.-- ފޮޓޯ: އޭއެފްޕީ

"އަހަރެމެންގެ ފެށުން ވެސް ރަނގަޅެއް ނޫން، ޑިފެންސް ވެސް ދަށް. އެތުލެޓިކޯ ކުޅުނީ އެމީހުން ބޭނުންވި ގޭމް. އަހަރެމެންގެ ސިސްޓަމް ގޯހެއް ނޫން، އެކަމު ޑިފެންސް ތަންކޮޅެއް ބަލިކަށި. އޭގެ ފައިދާ އިދިކޮޅުން ނެގީ،" މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުން އަންޗެލޮޓީ ބުންޏެވެ.

"ޓީމަށް ހަވާލު ކުރެވުނު މަސައްކަތް އެންމެ ފުރިހަމައަށް އަދާ ނުކުރެވުމުން އޭގެ ޒިންމާ އަހަރެން ނަގަން."

ރެއާލް ވަނީ ލީގުގައި ފުރަތަމަ ކުޅުނު ފަސް މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. އެތުލެޓިކޯ އަތުން ވީ ބައްޔާ އެކު، 15 ޕޮއިންޓް ހޯދާފައި އޮތް ރެއާލް ވަނީ ތިންވަނައަށް ވެއްޓިފަ އެވެ. ޓޭބަލްގެ ކުރީގައި އޮތީ 16 ޕޮއިންޓް ހޯދާފައިވާ ބާސެލޯނާ އާއި ޖިރޯނާ އެވެ.

ރެއާލަށް ކުޅޭ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް އަށް ރޭގެ މެޗުގައި އެޓީމަށް ޕޮއިންޓެއް ހޯދައިދޭން މާ ބޮޑު ކަމެއް ނުކުރެވުނެވެ. މިހާތަނަށް ހަ ގޯލު ޖަހައިފައިވާ ބެލިންގްހަމް ވަނީ ލީގުގައި އެ ޓީމު ކުޅުނު ފުރަތަމަ ފަސް މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ.