Roadha Mihaaru
ބޮޑު އޮޕަރޭޝަންގައި ހައްޔަރުކުރި އެންމެން ބަންދަށް

ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަނުން ހައްޔަރުކުރި އެންމެންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

16 މެއި 2021

ޓެރަރިޒަމާ ދެކޮޅަށް އައްޑޫގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ކޯޓުން މިއަދު އިތުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓެރަރިޒަމާ ދެކޮޅަށް އައްޑޫގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ކޯޓުން މިއަދު އިތުރުކޮށްފި އެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް އައްޑޫގައި ހިންގި އޮޕަރޭޝަންގައި ހަތް މީހަކު އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި އެއީ ދީނީ ގޮތުން ހަރުކަށި ފިކުރަށް ތާއީދުކުރާ ބައެކެވެ.

ފުލުހުން ބުނިގޮތުގައި ހައްޔަރުކުރި ހަތް މީހުންގެ ތެރެއިން ތިން މީހަކު 15 ދުވަހަށް އަދި ބާކީ ތިބި ހަތަރު މީހުން 7 ދުވަހަށް ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ޓެރަރިޒަމާ ދެކޮޅަށް ފުލުހުންނާއި ސިފައިން އޮޕަރޭޝަނެއް ހިންގަން ފެށީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މި މަހުގެ ހަ ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއަށް ފަހު އެވެ. އެ މައްސަލާގައި ތިން މީހަކު ހައްޔަރު ކޮށްފައިވެ އެވެ. ނަމަވެސް އެއީ ނަޝީދަށް ދިން ޓެރަރިސްޓް ހަމަލައާ ގުޅުން ހުރި ބައެއް ނޫން ކަމަށް ވެ އެވެ.

އެ ހަމަލާގައި ނަޝީދަށް ލިބިވަޑައިގަތް އަނިޔާތަކަށް އިތުރު ފަރުވާއަށް ޖަރުމަނަށް އެ މަނިކުފާނު ވަނީ ވަޑައިގެންފަ އެވެ. އެ ހަމަލާގައި ނަޝީދުގެ ބޮޑީގާޑުންނާއި އާންމުންނަށް ވެސް އެކިވަރުގެ އަނިޔާތަކެއް ލިބުނެވެ.