Roadha Mihaaru
ހައި ކޯޓުން ދޫކޮށްލިތާ 24 ގަޑިއިރު ނުވަނީސް ބަންދަށް

ޓެރަރިޒަމްގެ އޮޕަރޭޝަން: ހައި ކޯޓުން ދޫކޮށްލިތާ 24 ގަޑިއިރު ނުވަނީސް އަލުން ބަންދަށް!

12 ޑިސެމްބަރ 2022

ގޮވާ އެއްޗެއް ބޭނުންކޮށްގެން ގިނަ ބަޔަކު މަރާލަން ރޭވި ކަމަށް ބުނާ މައްސަލައެއްގައި ފުލުހުން އައްޑޫއިން ހައްޔަރު ކުރި މީހަކު ހައި ކޯޓުން ދޫކޮށްލިތާ 24 ގަޑިއިރު ނުވަނީސް ފުލުހުން އާ ހެކިތަކެއްގެ މައްޗަށް އޭނާ އަނެއްކާ ވެސް ހައްޔަރުކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ގޮވާ އެއްޗެއް ބޭނުންކޮށްގެން ގިނަ ބަޔަކު މަރާލަން ރޭވި ކަމަށް ބުނާ މައްސަލައެއްގައި ފުލުހުން އައްޑޫއިން ހައްޔަރު ކުރި މީހަކު ހައި ކޯޓުން ދޫކޮށްލިތާ 24 ގަޑިއިރު ނުވަނީސް ފުލުހުން އާ ހެކިތަކެއްގެ މައްޗަށް އޭނާ އަނެއްކާ ވެސް ހައްޔަރުކޮށްފި އެވެ.

ނޮވެމްބަރު 11 އިން ފެށިގެން މާލެ އާއި އައްޑޫ އަދި ކ. ގުރައިދޫގައި ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަންގައި 14 މީހަކު ހައްޔަރުކުރި އެވެ. ފުލުހުން ތުހުމަތުކުރާ ގޮތުން އެ މީހުން އުޅުނީ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް ދީ ގިނަ ބަޔަކު މަރައިލާށެވެ.

އެ މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދު ކުރި މީހުންގެ ތެރެއިން ސ. މަރަދޫ-ފޭދޫ، ޣައްޒާ، މުހައްމަދު ގައިސް، 30، އޭނާގެ ބަންދު އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އިއްޔެ ހައި ކޯޓުން ހުކުމްކޮށްފައި ވަނީ އޭނާ ބަންދުކުރީ ގޯސްކޮށް ކަމަށެވެ. އަދި އޭނާ ބަންދުން ދޫކޮށްލަން އެންގި އެވެ.

އެކަމާ ގުޅިގެން ފުލުހުން މިއަދު "މިހާރު"އަށް ބުނީ ގައިސް އެންމެ ފުރަތަމަ ޝަރީއަތް ނިމެންދެން ބަންދު ކުރި އިރު، އެ މަރުހަލާގައި ފުލުހުން ހުށަހަޅާފައި އޮތީ އެ މައްސަލައިގައި އޭނާ ބައިވެރިވުން އޮތް މިންވަރު ހާމަކޮށްދޭ އިންޓެލިޖެންސް ރިޕޯޓެއް ކަމަށެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރި އިރު ވެސް އޭނާ ދިރިއުޅުނު ގެ ބަލައިފާސްކޮށް، މައްސަލައާ ގުޅޭ ތަކެތި ނަގާފައިވާ ނަމަވެސް، އެ ތަކެތި އޭރު ތަހުލީލުކޮށް ނުނިމޭތީ އެކަމާ ގުޅޭ ރިޕޯޓު އޭރު ކޯޓަށް ހުށަނޭޅޭ ކަމަށް ފުލުހުން ބުންޏެވެ.

ހައި ކޯޓުން ގައިސް ދޫކޮށްލި މައިގަނޑު ސަބަބަކީ ވެސް އޭނާއާ ދެކޮޅަށް އިންޓެލިޖެންސް ރިޕޯޓެއް ހުށަހެޅުން ފިޔަވައި އިތުރު ހެއްކެއް ފުލުހުން ހުށަހަޅާފައި ނެތުމެވެ. އިންޓެލިޖެންސް ރިޕޯޓުގައި ހުރި ވާހަކަތަކަށް ބުރަދަނެއް ލިބޭ އިތުރު ހެއްކެއް ނެތްކަން އެ ކޯޓުން ފާހަގަ ކުރި އެވެ.

ފުލުހުން ބުނީ އިއްޔެ ހައި ކޯޓުން ކުރި އެ ހުކުމާ އެކު ގައިސް އިއްޔެ ބަންދުން ދޫކުރި ކަމަށެވެ.

އެހެންނަމަވެސް، އޭނާ ދޫވެފައި ހުރެއްޖެ ނަމަ މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެތީ ކްރިމިނަލް ކޯޓުގެ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި އޭނާ އަލުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުން އޭނާ އަލުން ބަންދުކޮށްފައި ވަނީ ފުލުހުން އިތުރު ހެކިތަކެއް ހުށަހެޅުމުންނެވެ.

ޓެރަރިސްޓު ހަމަލާއެއް ނާކާމިޔާބުކޮށްލި ކަމަށް ފުލުހުން ބުނެފައިވާއިރު، މީގެ ކުރިން ވެސް ރާވަމުން ދިޔަ ހަމަލާތައްއް ހުއްޓުވައި ބަޔަކަށް ދައުވާކޮށްފައިވެ އެވެ.

އޭގެ އިތުރުން، މިދިޔަ އަހަރު މާލޭގައި ބޮމެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މަސައްކަތް ކުރި ކަމަށް ބުނާ މީހުން ހައްޔަރުކޮށް އެ މީހުންގެ ޝަރީއަތް ވެސް ދަނީ ހިންގަމުންނެވެ.