Roadha Mihaaru
ފަރުވާއަށް ދޫކުރި މުނީޒް ޝަރުތާ ހިލާފުވުމުން ބަންދަށް

ބޭސްފަރުވާ އަށް ދޫކުރި މުނީޒް ޝަރުތާ ހިލާފުވުމުން އަލުން ބަންދަށް

27 އެޕްރީލް 2022

ޓެރަރިޒަމްގެ ބޮޑެތި ދައުވާތަކެއް އުފުލާފައިވާ އަލީ މުނީޒް ބޭސްފަރުވާ އަށް، ބަންދުން ދޫކޮށްފައި ވަނިކޮށް ޝަރުތުތަކާ ހިލާފު ވެފައިވާތީ އޭނާ އަލުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓެރަރިޒަމްގެ ބޮޑެތި ދައުވާތަކެއް އުފުލާފައިވާ އަލީ މުނީޒް ބޭސްފަރުވާ އަށް، ބަންދުން ދޫކޮށްފައި ވަނިކޮށް ޝަރުތުތަކާ ހިލާފު ވެފައިވާތީ އޭނާ އަލުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރަން ހިތްވަރު ދިނުމާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ލިޔުމެއް ގެންގުޅުމުގެ ޓެރަރިޒަމްގެ އުކުޅުތައް ދަސްކުރުމުގެ ދައުވާ އުފުލާފައިވާ ތ. ތިމަރަފުށީ ކެނެރީގޭ، މުނީޒް ޝަރީއަތް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ދޫކޮށްލީ ޝަރުތުތަކާ އެކު އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ޝަރުތުތަކާ ހިލާފަށް، މުނީޒް ގިނަ ވަގުތު ގެއިން ބޭރުގައި އުޅެ، ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހުންނާ އޭނާ ބައްދަލުކުރާ ކަމަށް ބުނެ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއް މިދިޔަ ހަފުތާގައި ލިބިފައިވާ ކަމަށެވެ. ރޭގަނޑު ވަގުތުތަކުގައި ބޭރުގައި ނޫޅުމަކީ އޭނާއަށް ކޯޓުން ކުރި ޝަރުތެކެވެ.

ދައުލަތުން ބުނިގޮތުގައި މުނީޒް ދޫކޮށްލީ ސިއްހީ ފަރުވާ އަށް ކަމަށް ވިޔަސް، އެކަށީގެންވާ ފަރުވާ އޭނާ މިހާރު ލިބިފައިވާތީ އާއި ބޭސްފަރުވާއަށް ބަންދުން ދޫނުކުރެވޭނެ ކަމަށް ހައި ކޯޓުން ދާދި ފަހުން ނިންމާފައިވާތީ އޭނާ އަލުން ބަންދުކުރަން ޖެހެ އެވެ. އަދި މުނީޒް ފަރާތުން މުޖްތަމައަށް ނުރައްކާ އެބައޮތް ކަމަށް ބުންޏެވެ.

މުނީޒްގެ ވަކީލް އާދަމް ޝަމީމް ވިދާޅުވީ މުނީޒުގެ ސިއްހީ ހާލަތާ ބެހޭގޮތުން ޑޮކްޓަރުން ދިން ލަފާ ބަދަލުވި ކަން އެނގެން ނެތުމުން ސިއްހީ ނުރައްކާ އަދިވެސް އެބައޮތް ކަމަށެވެ. އަދި ސިއްހީ ސަބަބަށްޓަކައި ބަންދުން ދޫނުކުރެވޭނެ ކަމަށް ހައި ކޯޓުން ދާދި ފަހުން ނިންމިޔަސް، އޭގެ ކުރީގެ ނިންމުންތަކުގައި އެކަން ކުރެވޭނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގިނައިން ގެއިން ބޭރުގައި އުޅުމާ ބެހޭގޮތުން އަދި ސިއްހީ ލިޔުންތައް ކޯޓަށް ފޮނުވާފައިވޭތޯ އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ސުވާލު ކުރެއްވި އެވެ.

މުނީޒް ބުނީ ރޭގަނޑު ގެއިން ބޭރަށް ގޮސްފައި އޮންނާނީ ސިއްހީ ކަމެއްގައި ނުވަތަ އާއިލީ ޒިންމާއެއް އަދާކުރަން ފުލުހުންގެ ހުއްދަ ލިބިގެން ކަމަށެވެ. ފުލުހުންގެ ހުއްދަ ލިބުނު ކަމުގެ ލިޔުންތައް އޭނާގެ އަތުގައި އެބަހުރި ކަމަށް އޭނާ ބުންޏެވެ.

ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ ބަޔަކާ ބައްދަލުކުރި ކަމަށް ބުނާ ބުނުން މުނީޒް ދޮގުކުރި އެވެ. އަދި ސިއްހީ ލިޔުންތައް ލިބެމުންދާ ވަރަކަށް ޕީޖީ އޮފީހަށް ފޮނުވަމުންދާ ކަމަށް އޭނާ ބުންޏެވެ.

ދައުލަތުން ބުނީ ފުރާނަ އަށް ނުރައްކާވާ ފަދަ ބައްޔެއް މުނީޒްގެ ކިބައިގައި ހުރި ގިނަ ވަގުތު ބޭރުގައި ނޫޅޭނެ ކަމަށެވެ. އަދި ސިއްހީ ހާލަތު ބަދަލުވެފައިވާތީ އާއި ހެއްކަށް ނުފޫޒު ފޯރުވައި އަދި މުޖްތަމައަށް ނުރައްކާވުމުގެ ފުރުސަތު އޮތުމުން އޭނާ އަލުން ބަންދުކުރަން ދައުލަތުން އެދުނެވެ.

ގާޒީ ނަދީމް ވިދާޅުވީ އިންޓެލިޖެންސް ރިޕޯޓުގައިވާ ކަންކަމަށް ބަލާއިރު، ކޯޓުގެ ޝަރުތުތަކާ ހިލާފުވެ އަދި ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހުންނާ މުނީޒް ބައްދަލު ކޮށްފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި އޭނާގެ ސިއްހީ ހާލަތު މިހާރު ބަދަލުވެފައި ވާތީ، އޭނާ ޝަރީއަތް ނިމެންދެން އަލުން ބަންދު ކުރަން ނިންމެވީ ކަމަށް ގާޒީ ވިދާޅުވި އެވެ.

މުނީޒް ހައްޔަރުކުރީ އައިއީޑީއެއް ގޮއްވާލަން އުޅުމުގެ ތުހުމަތުގައި 2020 ވަނަ އަހަރު އެވެ. އެ މައްސަލާގައި އިތުރު ބަޔަކަށް ވެސް ދައުލަތުން ދައުވާކުރެ އެވެ.