Roadha Mihaaru
ބޮމުގެ ހަމަލާ: ޝަރީއަތުގެ ކުރިއަށް ހެކީގެ މައްސަލަ

ބޮމުގެ ހަމަލާ: ޝަރީއަތުގެ ކުރިއަށް ހެއްކާބެހޭ ގިނަ މައްސަލަތަކެއް

04 ޖޫން 2022

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ޝަރީއަތުގެ މަރުހަލާ ފެށުމުގެ ކުރިން ސިއްރުން ހެކިބަސް ނެގުމާއި ސިއްރު ހެކިންނާ ގުޅޭގޮތުން ގިނަ މައްސަލަތައް ދައުވާލިބޭ މީހުންނާއި ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ފާހަގަކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ޝަރީއަތުގެ މަރުހަލާ ފެށުމުގެ ކުރިން ސިއްރުން ހެކިބަސް ނެގުމާއި ސިއްރު ހެކިންނާ ގުޅޭގޮތުން ގިނަ މައްސަލަތައް ދައުވާލިބޭ މީހުންނާއި ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ފާހަގަކޮށްފި އެވެ.

ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރުގޭ މޭ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާ ކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ، ކުދެހިގޭ އިސްހާގާއި އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ. ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި އަހުމަދު އަދުހަމްގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ކުރިން އޮތީ އިއްވައިފަ އެވެ.

މިއަދު އޮތީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ދެ ފަރާތުން ވާހަކަ ދެއްކުމެވެ. ހެނދުނު 11 އިން ފެށިގެން ފެށިގެން 10 ގަޑިއިރަށް ދިގު ދެމިގެންދިޔަ އެ އަޑުއެހުމުގައި މައިގަނޑު ގޮތެއްގައި ދެ ފަރާތުން ވެސް ހުށަހެޅީ ހެކިންނާ ގުޅޭ ހުށަހެޅުންތަކެވެ.

ދައުލަތުން ހުށަހެޅީ ސިއްރު ހެކިންގެ ބަޔާންތައް ސިއްރުކޮށް ދިނުމަށާއި އެ މީހުންގެ ހެކިބަސް ސިއްރުން ނެގޭނެ ގޮތް ހަމަޖައްސައި ދިނުމަށެވެ. އެއީ އެ މީހުންނަކީ ކޮން ބައެއްކަން އެނގިއްޖެ ނަމަ، އެ މީހުންގެ ފުރާނައަށް ނުރައްކާވެދާނެތީ ކަމަށް ބުނެ އެވެ.

ސިއްރު ހެކިންގެ މައްސަލަ

ދައުވާ ލިބޭ ނާޒިމްގެ ވަކީލް ހަމްޒާ ލަތީފް ވިދާޅުވީ ސިއްރު ހެކިންގެ ހެކިބަސް މިހާރު ގާނޫނު އޮތްގޮތުން ނުނެގޭނެ ކަމަށެވެ. ޖިނާއީ އިޖްރައާތުގެ ގާނޫނު ބުނާގޮތުން ސިއްރުން ހެކިބަސް ނެގޭނީ ހެއްކާބެހޭ ގާނޫނުގައި ބުނާ ހާލަތްތަކުގައި އެ ގާނޫނުގައިވާ ގޮތަށެވެ. އެކަމަކު ހެއްކާބެހޭ ގާނޫނުގައި އެފަދަ ވާހަކައެއް ނޯވެ އެވެ.

ހެއްކާބެހޭ ގާނޫނުގައި އެ ވާހަކަ ނެތަސް، ސިއްރުން ހެކިބަސް ނެގޭނެ ކަމަށް ސުޕްރީމް ކޯޓުން 2020 ވަނަ އަހަރު ނިންމާފައިވެ އެވެ. އެކަމާ ގުޅިގެން ހަމްޒާ ވިދާޅުވީ ސުޕްރީމް ކޯޓުގެ އެ ނިންމުމަކީ ދަށު ކޯޓުތަކުން ތަބާވުން ލާޒިމު ނުވާ ފަދަ ނިންމުމެއް ކަމަށެވެ.

ސަބަބެއްގެ ގޮތުގައި ހަމްޒާ ވިދާޅުވީ ސުޕްރީމް ކޯޓުގެ އެ ނިންމުމަކީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ޖަލަށްލި މައްސަލާގައި ހައި ކޯޓުން ކުރި ހުކުމުގައި މައުޟޫއިން ބޭރުން، ހަވާސާގައި ފާހަގަކުރި ކަމަކާ ގުޅިގެން ސުޕްރީމް ކޯޓުން ކުރި ހުކުމެއް ކަމަށް ވުމެވެ.

ހަމަލާގެ ދައުވާލިބޭ ދެ މީހުން

ހަމަލާގެ ދައުވާލިބޭ ދެ މީހުން

މަތީ ކޯޓުތަކުން ހުކުމުގެ ހަވާސާގައި ފާހަގަކުރާ ކަންކަމަކީ ދަށު ކޯޓުތަކުން ތަބާވާން ޖެހޭ ފަދަ ނިންމުންތަކެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ފަހުގެ ނިންމުމަކާ ހަވާލާދީ އޭނާ ވިދާޅުވި އެވެ. އަދި ގާނޫނުއަސާސީ އޮތްގޮތުން ޝަރީއަތް ކުރުމާބެހޭ އިޖުރައާތުތައް ކަނޑައެޅުމަކީ ހަމައެކަނި ގާނޫނަކުން ކުރެވޭނެ ކަމެއް ކަމަށާއި ކޯޓުތަކަށް އެކަން ނުކުރެވޭނެ ކަމަށް ހަމްޒާ ވިދާޅުވި އެވެ.

ރައްދުގައި ދައުލަތުން ބުނީ ސުޕްރީމް ކޯޓުގެ ނިންމުމަކީ ހަވާސާގައި ފާހަގަކުރި ކަމަކާ ގުޅޭ ހުކުމެއް ނޫން ކަމަށެވެ. އެއީ ވަރަށް ފަރުވާތެރިކަމާ އެކު އެ ކޯޓުން ނިންމާފައިވާ ރަނގަޅު ނިންމުމެއް ކަމަށް ދައުލަތުން ބުންޏެވެ. އަދި ސިއްރުން ހެކިބަސް ނުނެގޭ ނަމަ، ޖިނާއީ ބޮޑެތި ޝަރީއަތްތައް ކުރިއަށް ގެންދާނީ ކިހިނެތްތޯ ބުނެ، ދައުލަތުން ސުވާލު އުފެއްދި އެވެ.

ދައުލަތުން ކުރާ ދައުވާތައް

- ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުން - މުޖާޒް، ތަހުމީން، ހައިޝަމް، ނާޒިމް އަދި އިސްހާގުގެ މައްޗަށް

- ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން - ތަހުމީން، ހައިޝަމް، ފަހުމީ އަދި އިސްހާގުގެ މައްޗަށް

- ގޮވާތަކެތި އެހެން ތަނަކަށް ގެންދަން އެހީތެރިވުން - ތަހުމީން އަދި ހައިޝަމްގެ މައްޗަށް

- ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުން - އިސްހާހުގެ މައްޗަށްް

- ކުށެއް ކޮށްފައިވާ މީހަކު ފިލުމަށް އެހީވުން - މުޖާޒްގެ މައްޗަށް

- ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުން - ތަހުމީންގެ މައްޗަށް

ސިއްރު ހެކިންނާ ބެހޭގޮތުން ދެން އުފެދުނު މައްސަލައަކީ ބައެއް ހެކިންގެ ހެކިބަސް ބަލައިގަތުމުގެ މައްސަލަ އެވެ. ފަހުމީ އާއި ނާޒިމްގެ ފަރާތުން އެދުނީ ގާނޫނުގައި ބަޔާން ނުކުރާ އެއްވެސް ލުޔެއް ސިއްރު ހެއްކަކަށް ދޭ ނަމަ، އެ މީހުންގެ ހެކިބަސް ބަލައިނުގަތުމަށެވެ.

ދައުވާލިބޭ ދެ މީހެއް

ދައުވާލިބޭ ދެ މީހެއް

ސިއްރު ހެކިންނަކީ ޖަލުގައި ހުރި މީހަކަށް ވިޔަސް ނުވަތަ ތުހުމަތު ކުރުމަށް ފަހު ދައުވާ ނުކޮށް ހުރި މީހަކަށް ވިޔަސް، އެކަން ކޯޓުން ކަށަވަރު ކުރަން ވަކީލުން އެދުނެވެ.

ދައުލަތުން ބުނިގޮތުގައި ވަކި ކަމެއް ކުރުމަށް ޝަރުތުކޮށް، ހާއްސަ ލުޔެއް އެއްވެސް ހެކިވެރިއަކަށް ދީފައެއް ނުވާނެ އެވެ. އެކަމަކު ފަހުމީ އާއި ނާޒިމްގެ ވަކީލުން ބުނީ ދައުލަތުން ބުނެލާ ބުނެލުމަކުން އެކަނި ނުފުދޭނެ ކަމަށެވެ. އަދި ހެކިވެރިން ތިބި ތަނެއް ބެލުމަށް ފަހު އެ މީހުންނަށް އެއްވެސް ހާއްސަ އިނާޔަތެއް އޮވޭތޯ ކޯޓުން ބަލަން ވަކީލުން އެދުނެވެ.

ވީޑިއޯ އާއި ޑީއެންއޭ ގޯސްކޮށް ހޯދިކަމުގެ ތުހުމަތު

ފަހުމީ އާއި ނާޒިމާއި އިސްހާގުގެ ފަރާތުން ދިފާއީ ވަކީލުން އެދުނީ އަމިއްލަ މީސްމީހުންގެ ތަންތަނުން ފުލުހުން ހޯދާފައިވާ ވީޑިއޯތައް ބަލައިނުގަތުމަށެވެ. ސަބަބެއްގެ ގޮތުގައި ވަކީލުން ބުނީ އެއީ ކޯޓު އަމުރެއް ނެތި ހޯދާފައިވާ ވީޑިއޯތަކަކަށް ވާތީ އާއި އެ ވީޑިއޯ ލިބުނީ ގޭގެ ވެރިފަރާތުން އަމިއްލަ އަށް ކަން އެނގޭނެ ލިޔުންތަކެއް ހުށަހަޅާފައި ނެތުމުންނެވެ.

ދައުލަތުން ބުނީ އެ ވީޑިއޯތައް ހޯދީ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރާ އުސޫލުން ނޫން ކަމަށެވެ. ގޭގެ ވެރިފަރާތްތަކުގެ ކިބައިން ފުލުހުން އެދުމުން އެ ތަކެތި ފޯރުކޮށްދިނީ ކަމަށާއި އެހެންވެ، ކޯޓު އަމުރެއް އޮތުން ލާޒިމުނުވާ ކަމަށް ދައުލަތުން ބުންޏެވެ. ދައުލަތުން ގާތްގަނޑަށް 1،000 ގަޑިއިރުގެ ވީޑިއޯ ހޯދި އެވެ.

ހަމަލާ ދިން ތަނުގައި ފުލުހުންގެ ތަހުގީގު ޓީމެއް ހެކި ހޯދަން ހަރަކާތްތެރިވަނީ -- ފޮޓޯ/މިހާރު

ހަމަލާ ދިން ތަނުގައި ފުލުހުންގެ ތަހުގީގު ޓީމެއް ހެކި ހޯދަން ހަރަކާތްތެރިވަނީ -- ފޮޓޯ/މިހާރު

ރައްދުގައި ދިފާއީ ވަކީލުން ބުނީ ވެރިފަރާތުން އަމިއްލަ އަށް އެ ތަކެތި ދިން ނަމަ، އެކަން އެނގޭނެ ލިޔުމެއް އޮންނަން ޖެހޭނެ ކަމަށެވެ. އެކަމަކު އެފަދަ ލިޔުމެއް ހުށަހަޅާފައެއް ނެތެވެ.

ހައިޝަމްގެ ވަކީލް އަހުމަދު ޝާފިއު ނެންގެވި އަނެއް މައްސަލައަކީ ކޯޓު އަމުރެއް ނެތި އަދި ވަކީލަކު އައްޔަން ނުކުރެވެނީސް އޭނާގެ ޑީއެންއޭ ސާމްޕަލް ފުލުހުން ނަގާފައިވާ މައްސަލަ އެވެ. އެކަމާބެހޭ އެއްވެސް ކަމެއް ލިޔުންތަކުން ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު ދައުލަތުން ބުނިގޮތުގައި ޑީއެންއޭ ސާމްޕަލް ނެގީ އެ ކަމަށް ހުއްދަދޭ ލިޔުމެއްގައި ހައިޝަމް ސޮއި ކުރުމުންނެވެ.

ހައިޝަމަށް ދައުވާކުރީ ދައުވާ ކުރުމުގެ މުއްދަތު ހަމަވި ފަހުން ކަމަށް ވެސް އޭނާގެ ވަކީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހައިޝަމް ފުރަތަމަ ހައްޔަރުކުރީ ދީނީ އެއްބައިވަންތަކަން ނަގާލުމާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ކަމަށް ތުހުމަތުކޮށް ކަމަށް ވިޔަސް، އެ ތުހުމަތުގައި އޭނާ ބަންދުގައި ބެހެއްޓުމަށް ފަހު ބަންދުން ދޫކޮށްލި ދުވަހު ޓެރަރިޒަމްގެ ތުހުމަތުގައި އަނެއްކާވެސް ހައްޔަރުކުރީ ކަމަށެވެ.

ދެވަނަ ފަހަރަށް ހައްޔަރު ކުރުމަށް ފަހު ދައުވާ ކުރިއިރު، ފުރަތަމަ މައްސަލާގައި ހޯދިި ހެކިތައް ދެވަނަ މައްސަލާގެ ދައުވާގައި ވެސް ދައުލަތުން ބޭނުންކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކި ތުހުމަތުގައި އެކި ގާނޫނުގެ ދަށުން ބަންދު ކުރެވޭނެ ނަމަ، އެތައް ދުވަހެއް ވަންދެން މީހުން ބަންދުގައި ހިފެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްހާގުގެ ވަކީލް އަހުމަދު ޔާމީން ވެސް އެ މައްސަލަ ނެންގެވި އެވެ. އިސްހާގު ދެ ފަހަރަށް ހައްޔަރުކުރި އެވެ. އިސްހާގަށް ދައުވާކުރީ ފުރަތަމަ ފަހަރު ހައްޔަރު ކުރިތާ 65 ދުވަސް ފަހުން ކަަމަށް އޭނާ ވިދާޅުވި އެވެ.

ރައްދުގައި ދައުލަތުން ބުނީ ބަންދުކުރާ މީހަކު ދޫކޮށްލުމަށް ފަހު، އެހެން ތުހުމަތެއްގައި ހައްޔަރުކުރަން ހުރަހެއް ނެތް ކަމަށް ހައި ކޯޓުން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ އިސްހާގު ދެވަނަ ފަހަރަށް ހައްޔަރުކުރި މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުންނެވެ.

ތަހުގީގުގައި ހަނު ތިބެފައި ދިފާއީ ހެކިން ހުށަހެޅި މައްސަލަ

ނާޒިމާއި މުޖާޒާއި ފަހުމީ އާއި އިސްހާގުގެ އިތުރުން ހައިޝަމްގެ ފަރާތުން ހުށަހެޅި ދިފާއީ ބައެއް ހެކިތައް ބަލައިނުގަތުމަށް ދައުލަތުން ހުށަހެޅި އެވެ. މުޖާޒް ފިޔަވައި ދެން ތިބި މީހުން ދިފާއުގައި ހެކިން ހުށަހެޅީ ކުށްކުރި ތަނުގައި އެ މީހުން ނުތިބޭނެ ކަމަށް ބުނެ އެވެ.

ދައުލަތުން ނެގި މައްސަލައަކީ ތަހުގީގުގައި އެ މީހުން އެކަން ފާހަގަ ނުކުރާތީ ކަމަށް ބުނެ އެވެ.

ނާޒިމްގެ ވަކީލް ހަމްޒާ ވިދާޅުވިގޮތުގައި، ތަހުގީގުގައި އެ ހެކިންގެ ވާހަކަ ނާޒިމް ބުނެފައެއް ނުވެ އެވެ. އެ މީހުން ހާޒިރުކޮށް، އެކަން ކަށަވަރު ކުރުމުގެ ޒިންމާ އޮންނާނީ ފުލުހުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ފަހުމީގެ ވަކީލް މުހައްމަދު ޝިފާޒް ވިދާޅުވީ ފަހުމީ ތަހުގީގުގައި ހަނު ހުރުމަކީ އޭނާއަށް ލިބެންޖެހޭ ދިފާއުވުމުގެ ހައްގު ގެއްލޭނެ ސަބަބެއް ނޫން ކަމަށެވެ. އަދި ތަހުގީގުގައި އެކަން ފާހަގަ ނުކުރިޔަސް، އަދުލު އިންސާފު ގާއިމް ކުރުމަށްޓަކައި އެ ހެކިން ބަލައިގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުވާލިބޭ މުޖާޒް ހައްޔަރުކޮށްގެން ގެންދަނީ -- ފޮޓޯ/މިހާރު

ދައުވާލިބޭ މުޖާޒް ހައްޔަރުކޮށްގެން ގެންދަނީ -- ފޮޓޯ/މިހާރު

ހައިޝަމްގެ ވަކީލް ޝާފިއު ވިދާޅުވީ ތަހުގީގުގައި ސުވާލުކުރީ މިދިޔަ އަހަރުގެ މޭ މަހުގެ ފަސް ވަނަ ދުވަހާއި ހަތަރު ވަނަ ދުވަހު ހައިޝަމް ކުރި ކަންކަމާއި އުޅުނު ތަންތަނާ ބެހޭގޮތުން ކަމަށެވެ. އެކަމަކު ދައުވާކުރީ މެއި ތިން ވަނަ ދުވަހު ކުރި ކަމަށް ބުނާ ކަމަކާ ގުޅޭގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.

ތަހުގީގުގައި މެއި މަހުގެ ތިން ވަނަ ދުވަހާ ގުޅޭގޮތުން ސުވާލު ނުކުރަނީސް، އެ ކަންކަން ތަހުގީގުގައި ފާހަގަ ކުރާނެ ގޮތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ތަހުގީގުގައި އެކަން ފާހަގަ ނުކުރީ ކަމަށް ބުނެވޭނެ ގޮތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްހާގުގެ ވަކީލް ޔާމީން ވިދާޅުވިގޮތުގައި ތަހުގީގުގައި އިސްހާގު ހަނު ހުއްޓަސް، ސުވާލު ކުރުމުގެ ފުރުސަތު ފުލުހުންނަށް އޮންނާނެ އެވެ. އެކަމަކު ޭމ މަހުގެ ހަ ވަނަ ދުވަހާ ގުޅޭގޮތުން ސުވާލު ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުޖާޒްގެ ފަރާތުން ދިފާއީ ހެކިން ހުށަހެޅީ ދައުވާއާ ނުގުޅޭ ކަންތައްތަކެއް ސާބިތުކުރަން ކަމަށް ވާތީ އޭނާގެ ބައެއް ދިފާއީ ހެކިން ބަލައިނުގަތުމަށް ދައުލަތުން އެދުނެވެ.

މުޖާޒްގެ ވަކީލުން ވިދާޅުވީ ހެކިން ހުށަހެޅީ 2020 ވަނަ އަހަރުން ފެށިގެން ބޮމުގެ ހަމަލާ ރާވަމުންދިޔަ ކަމަށް ބުނާއިރު، އޭރު މުޖާޒް ދިރިއުޅުނީ މާލޭގައި ނޫންކަން ސާބިތުކުރަން ކަމަށެވެ. އެއީ ދައުވާއާ ގުޅޭ ކަމެއް ކަމަށް ވަކީލުން ބުންޏެވެ.

ދިފާއީ ވަކީލުން ދެން މައިގަނޑު ގޮތެއްގައި ފާހަގަކުރި މައްސަލައަކީ ބައެއް ލިޔުންތައް ސިއްރު ކޮށްފައި އޮތުމުން ދިފާއުވާން ހުރަސް އެޅޭ މައްސަލަ އެވެ. އެހެންވެ، ނަންތައް އުނިކުރުމަށް ފަހު ވިޔަސް، ސިއްރު ހެކިންގެ ބަޔާންތައް ބެލުމުގެ ފުރުސަތު ދޭން ވަކީލުން އެދުނެވެ.

ދައުލަތުން އެދިގެން ބައެއް ހެކިތައް ސިއްރު ކޮށްފައިވާއިރު، އަނެއް ބައި ލިޔުންތައް ކޯޓުގައި ތިބެގެން ބެލޭ ގޮތަށް ހަމަޖައްސަން އެދިފައިވާތީ އެކަމާ މެދު ބައެއް ވަކީލުން ސުވާލު އުފެއްދި އެވެ.

ދައުލަތުން ބުނީ ނަންތައް އުނިކުރިޔަސް، އެ ބަޔާންތަކުން ސިއްރު ހެކިންނަކީ ކޮން ބައެއްކަން އެނގިދާނެ ކަމަށެވެ.

ދެ ފަރާތުގެ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމާނީ މި މަހުގެ ނުވަ ވަނަ ދުވަހު ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ. ގާޒީ އާދަމް މުހައްމަދު ރިޔާސަތު ބަލަހައްޓަވާ ބެންޗުގައި ދެން ތިއްބަވަނީ ގާޒީ މުހައްމަަދު މިސްބާހު އަދި ގާޒީ ސޮފްވަތު ހަބީބެވެ.