13 މާޗް 2023
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލަ ބަލާ ބެންޗް އުވާލިޔަސް، މައްސަލަ އަލުން ފަށައިގެން ކުރިއަށް ނުގެންދަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލަ ބަލާ ބެންޗް އުވާލިޔަސް، މައްސަލަ އަލުން ފަށައިގެން ކުރިއަށް ނުގެންދަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
މެއި، 2021 ގައި ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލި މައްސަލާގައި ދައުވާ ކުރަނީ ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ. ކުދެހިގޭ އިސްހާގު އަދި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.
ތަހުމީނާއި ހައިޝަމާއި މުޖާޒްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އާއި އެފަދަ އަމަލެއް ރޭވުމުގެ ދައުވާ ކުރެ އެވެ. އަދި ތަހުމީނާއި ހައިޝަމްގެ މައްޗަށް ގޮވާތަކެތި އެހެން ތަނަކަށް ގެންދަން އެހީތެރިވުމުގެ ދައުވާއެއް ކުރާއިރު، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާއެއް ވެސް ތަހުމީންގެ މައްޗަށް ކުރެ އެވެ. އަދި ކުށެއް ކުރި މީހަކު ފިލުމަށް އެހީތެރިވުމުގެ ދައުވާ މުޖާޒްގެ މައްޗަށް ކުރެ އެވެ.
ފަހުމީގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ ކުރާއިރު، ނާޒިމްގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ދައުވާ އެވެ. އަދި އިސްހާގުގެ މައްޗަށް އެ ދެ ދައުވާ ކުރުމުގެ އިތުރުން ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާ ވެސް ކުރެ އެވެ.
އެ މައްސަލަ ބެލުމަށް ތިން ފަނޑިޔާރުންގެ ބެންޗެއް ކްރިމިނަލް ކޯޓުން ކުރިން އެކުލަވާލިޔަސް، އެކިފަހަރު މަތިން ބެންޗު ބަދަލުވުމަށްފަހު މިހާރު ވަނީ ބެންޗް އުވާލައިފަ އެވެ. މިހާރު އެ މައްސަލަ ބައްލަވަނީ ގާޒީ ސޮފްވަތު ހަބީބް އެކަންޏެވެ.
ގިނަ ދުވަސްތަކަކަށް ފަހު މިއަދު ބޭއްވި އަޑުއެހުމުގައި ދިފާއީ ވަކީލުން އެދިވަޑައިގަތީ ބެންޗް އުވިފައި އޮތުމުން ކުރީގެ ބައެއް މަރުހަލާތައް އަލުން ކުރިއަށް ގެންދިއުމަށެވެ.
ތަހުމީންގެ ވަކީލުން ވިދާޅުވީ އޭނާގެ ފަރާތުން ދިފާއީ ހެކި ހުށަހަޅަން މަސައްކަތް ކުރުމުން، އޭނާގެ ވަކީލެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި ވަކީލު އަމަލުކުރި ގޮތުން އެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ. އެހެންވެ، ތަހުމީނަށް އެ ފުރުސަތު އަލުން ދޭން ވަކީލުން އެދުނެވެ.
ބެންޗް ބަދަލުވެފައިވާތީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް އަލުން ހުށަހެޅުމުގެ ފުރުސަތު ދޭން ދެން ތިބި މީހުންގެ ވަކީލުން ވެސް އެދުނެވެ.
އެކަމަކު އެކަމަށް ދައުލަތުން ދެކޮޅު ހެދި އެވެ. ދައުލަތުން ބުނީ މައްސަލަ ކުރިން ގޮސްފައި އޮތް ހިސާބުން ފެށިގެން މައްސަލަ ކުރިއަށް ގެންދިޔަޔަސް، އިންސާފަށް ހުރަސް އެޅޭ ސަބަބެއް ދިފާއީ ވަކީލުންނަށް ބުނެ ނުދެވޭ ކަމަށެވެ.
އެ މައްސަލާގައި ދައުވާލިބޭ މީހުން މިއަދުގެ އަޑުއެހުމުގައި
ގާޒީ ސޮފްވަތު ނިންމެވީ އަލުން އެ މަރުހަލާތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ގާޒީ ވިދާޅުވީ ކުރިން ބެންޗުން މައްސަލަ ބެލިއިރު ނިންމުންތައް ނިންމާފައި ހުރީ ފަނޑިޔާރުންގެ އިއްތިފާގުން ކަމަށެވެ. އަދި ތަހުމީނަށް ހެކި ހުށަހެޅުމުގެ ފުރުސަތު ދޭ ނަމަ، ހަމަހަމަކަން ގެއްލޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެ މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ދުރާލާ ކަނޑައެޅުން މުހިންމު ވިޔަސް، ކޯޓުގެ ޖާގަ އާއި ވަސީލަތް ހުރިގޮތުން އެކަން ދުރާލާ ކަނޑައެޅުން ދަތި ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި މައްސަލަ އަވަހަށް ކުރިއަށް ގެންދިއުމަށްޓަކައި ހޮނިހިރު ދުވަސްތަކުގައި ޝަރީއަތް ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އެހެން ނަމަވެސް ބައެއް ދިފާއީ ވަކީލުން ވަނީ ހޮނިހިރު ދުވަހު ޝަރީއަތުގައި ބައިވެރިވާން އުނދަގޫ ކަމަށް ބުނެފަ އެވެ. އަދި އަނިޔާ ލިބުނު ފަރާތަކީ ނަޝީދު ކަމަށްވާތީ އެމަނިކުފާނުގެ މަސްލަހަތު އޮތް މައްސަލައެއް މާ އަވަހަށް ގެންދިއުމުން ކޯޓަށް ފާޑުކިޔުން އަމާޒުވެދާނެ ކަމަށް ބައެއް ވަކީލުން ފާހަގަ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ ޝަރީއަތްތައް ކުރިއަށް ގެންދަނީ ވަކި މަގާމެއްގައި ހުންނަވާ ބޭފުޅެއް ނުވަތަ އާދައިގެ މީހެއްގެ މަސްލަހަތު ހިމެނޭ މައްސަލައެއްތޯ ބެލުމެއް ނެތި އަދި ތަފާތު ކުރުމެއް ނެތި ކަމަށެވެ.
މައްސަލަ ލަސްވާތީ ބަންދަށް ލުޔެއް ދޭން މުޖާޒާއި ފަހުމީ އާއި ނާޒިމް އެދުނެވެ. އަދި ބަންދުގައި ހުންނައިރު އެހެން މީހުންނާ އެކަށީގެންވާ ވަރަށް ބައްދަލު ކުރުމުގެ ފުރުސަތު ނުލިބޭ ކަމަށާއި އެ މީހުންނާ މެދު އަމަލު ކުރަނީ ކުށް ސާބިތުވެގެން ހުކުމް ތަންފީޒުކުރާ ގައިދީންނެކޭ އެއްގޮތަށް ކަމަށް ހައިޝަމް ބުންޏެވެ.
އެ މައްސަލާގައި ދެން އޮންނާނީ އިފްތިތާހީ ބަޔާން ހުށަހެޅުމާއި ޝަރީއަތުގެ މަރުހަލާ ފެށުމެވެ. އެ އަޑުއެހުން ބާއްވާނެ ދުވަސް މި ހަފުތާ ނިމުމުގެ ކުރިން އަންގާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ބޮމުގެ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދު މައްޗަށް ކުށް ސާބިތުވެ، އޭނާ 23 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ.
ތަހުމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން އަންގައިފި
މޭ 6 ގެ ހަމަލަށް ދެ އަހަރު، އިންސާފު ނުލިބުނު!
ބޮމުގެ ހަމަލާ: ހެކި ސިއްރު،ދިފާއީ ހެކިތަކެއް ބޭރު
ބޮމުގެ ހަމަލާ: ޝަރީއަތުގެ ކުރިއަށް ހެކީގެ މައްސަލަ
ނަޝީދަށް ދިން ހަމަލާއާ ގުޅޭ އިތުރު 2 މީހަކަށް ދައުވާ
ދައުވާކުރި ހަތަރު މީހުންގެ ބަންދު ދަމަހައްޓައިފި
ބޮމުގެ ހަމަލާގެ މައްސަލަ ބަލަން ތިން ފަނޑިޔާރުން
"ނަޝީދުގެ ހަމަލައާ ގުޅުން ހުރި މީހަކު ދުލެއް ނުކުރޭ"
ތިން މީހުންގެ ބަންދަށް އަނެއްކާވެސް 15 ދުވަސް
ފަރުވާދެނިކޮށް ނަޝީދުގެ ވިންދު ހުއްޓުނު: ޑރ.ނިޔާފް