28 ނޮވެމްބަރ 2024
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދެނިކޮށް ނަޝީދުގެ ވިންދު ވެސް ހުއްޓުނު ކަމަށް އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރު އަބްދުﷲ ނިޔާފް ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދެނިކޮށް ނަޝީދުގެ ވިންދު ވެސް ހުއްޓުނު ކަމަށް އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރު އަބްދުﷲ ނިޔާފް ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
މެއި، 2021 ގައި ކެނެރީގެއިން ނަޝީދު ނުކުމެވަޑައިގެން ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލައިގެން ދިން ހަމަލާގައި ނަޝީދަށް ވަރަށް ބޮޑެތި ޒަހަމްތައް ލިބުނެވެ. އެގޮތުން، ހަމަލާދޭން ބޭނުންކުރި އައިއީޑީގައި ބޭނުންކޮށްފައި ހުރި ރޭޒާ ފުއްތަކާއި ގެއްލުންދޭ ޒާތުގެ އެހެން މައުދަންތައް ނަޝީދު ހަށިގަނޑުގެ އެތެރެއަށް ވަދެފައިވާތީ އެ ތަކެތި ނަގަން 16 ގަޑިއިރުގެ އޮޕަރޭޝަނެއް އޭޑީކޭގައި ކުރަން ޖެހުނެވެ.
އެ ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ހަ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ހިންގާ ޝަރީއަތުގައި، ނަޝީދަށް ލިބުނު އަނިޔާތަކާ ގުޅޭގޮތުން މެޑިކަލް ރިޕޯޓް ތައްޔާރު ކުރެއްވި ޑޮކްޓަރު ނިޔާފްގެ ހެކިބަސް ކޯޓުން މިއަދު ނެގި އެވެ. ހެކިބަސް ދެމުން ނިޔާފް ވަނީ ނަޝީދަށް ލިބުނު ޒަހަމްތަކާއި ކުރަން ޖެހުނު ސާޖަރީތަކުގެ ތަފުސީލް ކިޔައިދެއްވައިފަ އެވެ.
ނިޔާފް ވިދާޅުވި ގޮތުގައި އެމެޖެންސީ ރޫމަށް ނަޝީދު ގެނައިރު ގަމީހުގެ އެއް ފަޅި އާއި ފަޓުލޫނުގެ އެއް ފަޅީގައި ގިނަ އަދަދަކަށް ލޭ ހުއްޓެވެ. އަދި ހަށިގަނޑުގެ އެކި ތަންތަނުގައި ގިނަ ޒަހަމްތަކެއް ހުރެ ލޭ އޮހޮރެމުންދިޔަ ކަމަށް ނިޔާފު ވިދާޅުވި އެވެ. އަދި ގަމީހުގައި ލޯވަޅުތައް ވެސް ހުރި ކަމަށް ވިދާޅުވި އެވެ. އޭނާ ފުރަތަމަ ހީކުރީ އެއީ ވަޅީގެ ހަމަލާތަކެއް އަމާޒުވެގެން ގެނައި މީހެއް ކަމަށެވެ.
އެހާ ގިނަ ޒަހަމްތަކާ އެކު ވެސް ނަޝީދުގެ ހޭވެރިކަން ހުރި ކަމަށާއި ވާހަކަ ވެސް ދައްކަވަމުންދިޔަ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އަދި ވަރަށް ބޮޑަށް ތަދުވާ ކަމަށް އެ ވަގުތު ނަޝީދު ވިދާޅުވި ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ވަގުތު ނަޝީދަށް އިތުރު ހަމަލާއެއް އަތުވެދާނެ ކަމުގެ ނުރައްކާ އޮތުމާއި އެމެޖެންސީ ރޫމްގައި ތިބި އެހެން ބަލި މީހުންގެ ރައްކަލަށްޓަކައި އެމަނިކުފާނު ބަދަލުކުރީ މަތީގައި ހުންނަ ތިއޭޓަރައަކަށް ކަމަށެވެ.
ނަޝީދުގެ ސާޖަރީއަށް ފަހު ނަގާފައިވާ ފޮޓޯއެއް
އެ ތަނުގައި ނަޝީދުގެ ގިނަ ސާޖަރީތަކެއް ހެދި ކަމަށް ނިޔާފް ވިދާޅުވި އެވެ. އެމަނިކުފާނުގެ ހަށިގަނޑުގެ ސީޓީސްކޭން ހެދުމުން އެތެރޭގައި ދަގަނޑުގެ އެތިކޮޅުތައް ހުރި ކަމަށް ދައްކާތީ ފުރާނައަށް ނުރައްކާވެދާނެތީ ސާޖަރީތައް ވަގުތުން ފެށި ކަމަށް ނިޔާފު ވިދާޅުވި އެވެ. އެމަނިކުފާނުގެ ހަށިގަނޑުން 10 ރޭޒާފުށް ނެގި ކަމަށާއި ޕްލާސްޓިކް ކޮޅުތަކެއް ވެސް ނަގަން ޖެހުނު ކަމަށް ނިޔާފް ވިދާޅުވި އެވެ.
ނަޝީދަށް ލިބުނު ޒަހަމްތަކުގެ ތަފުސީލު ދެއްވަމުން ނިޔާފް ވިދާޅުވީ:
- ނަޝީދުގެ ވާތުފުއްޕާމެއަށް ވައި ނުވަދެ އެއްކޮށް ހިނދިފައި ކަމަށާއި މޭކަށިގަނޑު ފޫއަޅުވާލައި ރޭޒާފުށްތައް ފުއްޕާމެއަށް ވަދެފައިވާ ކަމަށް. އަދި ފުއްޕާމޭ ފޫއަޅުވާލި ރޭޒާ ފުށްތައް ނަގައި އެ ތަން ބައްދަން ސާޖަރީއެއް ހެދުން.
- ރޭޒާފުށްތަކުން ގޮހޮރު ފޫއަޅުވާލާފައި ހުރި ކަމަށާއި ގުނަވަންތަކުގެ ބޭރުގައި ލޭ ޖަމާވެފައި ހުރި ކަމަށް. ބޮޑު ގޮހޮރަށް ވަދެފައިވާ ރޭޒާފުށްތައް ނެގުމަށް ބަނޑުގެ ބޮޑު ބައެއް ކަފާލައިގެން ސާޖަރީއެއް ހަދަން ޖެހުން.
- އަތާއި ފައިގައި ހުރި ޒަހަމްތަކުން ލޭ މަނާނުވާތީ އެ ތަންތަނުގެ ސާޖަރީ އަވަސްކުރި. ފައިގެ ފަލަމަސްގަނޑުގެ ދެ ތަނަކުން ރޭޒާފުށްތައް ނަގަން ޖެހުނު ކަމަށާއި ފައިގެ ކަށިގަނޑުގެ ތެރެއަށް ވަދެފައި އިން ރޭޒާފުކަކާއި ކަކުލާ ދިމާ ކަށިގަނޑުގައި އިން ރޭޒާފުކެއް ވެސް ނަގަން ޖެހުނު ކަމަށް.
- އަތުގައި ޒަހަމްވެފައި ހުރި ތަންތަން ސާފުކޮށް ޕްލާސްޓިކް އެތިކޮޅުތަކެއް ނެގުމަށް ފަހު، ލޭ ހޮޅިތައް ފަހަން ޖެހުނު ކަމަށާއި އަދި ބޮލުގެ ނާށިގަނޑު ކައިރިން ވަދެފައި އިން ރޭޒާ ފުށް ވެސް ނަގައި އެ ތަން ފެހި ކަމަށް.
- ލިވާ ފޫއަޅުވާލާފައި ގޮސް މައި ލޭ ހޮޅި ތެރެއަށް ވެސް ރޭޒާފުކެއް ވަދެފައިވާ ކަމަށާއި އެ ރޭޒާފުށް ނަގަން ވަރަށް ގިނަ ވަގުތު ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށް.
- ނަޝީދު ކެތުލެބަށް ބަދަލުކޮށް، ގައިން ހިލަ ނަގަން ބޭނުންކުރާ ޕްރޮސީޗާ ބޭނުންކޮށްގެން އުކުޅުވަޅާ ދިމާލުން ރޭޒާ ފުށް ނެގި ކަމަށް.
ނިޔާފް ވިދާޅުވި ގޮތުގައި މައި ލޭހޮޅި ތެރޭގައި ރޭޒާފުށް އޮތުމަކީ ފުރާނައަށް ވަރަށް ނުރައްކާވި ކަމެއް ކަމަށާއި އެ ނެގުމަށް މަސައްކަތް ކުރިއިރު ނަޝީދުގެ ވިންދު ވެސް ހުއްޓުނު ކަމަށެވެ. ނަމަވެސް، ސީޕީއާރް ދީގެން ކުރި މަސައްކަތުން އަލުން ވިންދު އައި ކަމަށް ވިދާޅުވި އެވެ.
ނަޝީދަށް ހަމަލާދިނުމުގެ އިރުކޮޅެއް ކުރިން އެމަނިކުފާނު ކެނެރީގެ ގޯޅިން ނުކުމެވަޑައިގަންނަވަނީ
ނަޝީދަށް ލިބުނު އަނިޔާތައް ސާބިތުކޮށްދޭން ދައުލަތުން ހުށަހެޅި ނިޔާފްގެ ހެކިބަހާ ބެހޭގޮތުން ދައުވާ ލިބޭ އެއްވެސް ފަރާތަކުން ސުވާލެއް ނުކުރެ އެވެ. ދައުވާ ލިބޭ ފަރާތްތަކުގެ ވަކީލުން ވިދާޅުވި ގޮތުގައި އެ ދުވަހު ހިނގި ކަންތަކުގައި ނަޝީދަށް އަނިޔާވެފައިވާ ކަމަކީ އެ ފަރާތްތަކުން ދެކޮޅު ހަދާ ކަމެއް ނޫނެވެ. އެހެންވެ، އެ އަނިޔާތައް ސާބިތުކޮށްދޭން ދައުލަތުން ހުށަހަޅާފައިވާ ހެކިން ހާޒިރު ނުކުރިޔަސް، އިއުތިރާޒެއް ނެތް ކަމަށް ވަކީލުން ވިދާޅުވި އެވެ.
ދައުލަތުގެ ފަރާތުން މި މައްސަލާގައި 111 ހެކި ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ނަޝީދަށް ފަރުވާދިން ގިނަ ޑޮކްޓަރުން ހިމެނެ އެވެ. މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބު މިއަދު ވިދާޅުވީ ދައުލަތުން ގެންނަ ހެކިންނާ ސުވާލު ކުރަން ދައުވާލިބޭ ފަރާތްތަކުން ބޭނުން ނުވާ ނަމަ، އެކަން ބަޔާން ކުރުމަކީ ވަގުތު ސަލާމަތްވާނެ ކަމެއް ކަމަށެވެ.
މައްސަލާގައި ހިމެނޭ ހުރިހާ ހެކިން ހާޒިރުކޮށްގެން ކުރިއަށް ގެންދާ ނަމަ، މި މައްސަލާގެ ޝަރީއަތް ކުރިއަށް އޮތް ދެ އަހަރު ތެރޭ ވެސް ނުނިމޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ. ނަޝީދާއި އެ ހަމަލާގައި ދެން އަނިޔާ ލިބުނު މީހުންނަށް ލިބުނު އަނިޔާތަކާއާ ގުޅޭ މައުލޫމާތު ދޭން ހުށަހަޅާފައިވާ ހެކިތައް ހާޒިރު ނުކުރިޔަސް، އެންމެ ރަނގަޅު ކަމަށް ދައުވާލިބޭ ފަރާތްތަކުން މިއަދު ބުނެފައިވާތީ އޭގެ ސަބަބުން 15 އަޑުއެހުން ބާއްވަން ނުޖެހި، ވަގުތުތަކެއް ސަލާމަތްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ގާޒީ ވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރެއިން ދެން ވެސް އިއުތިރާޒު ނުކުރާ ހެކިންނަކީ ކޮބައިކަން ދައުވާ ލިބޭ ފަރާތްތަކުގެ ވަކީލުން ދެން އޮންނަ އަޑުއެހުމެއްގައި ސާފުކޮށް ބަޔާން ކުރަން އެދިވަޑައިގެންފަ އެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ދައުވާ އުފުލާ ހަ މީހުންގެ ތެރެއިން ފަސް މީހަކު މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި
ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ، އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ، ފަހުމީ އަލީގެ އިތުރުން މ، ކުދެހިގޭ އިސްހާގާއި އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.
ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި އަހުމަދު އަދުހަމްގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ކުރިން އޮތީ އިއްވައިފަ އެވެ.
"ނަޝީދުގެ ހަމަލައާ ގުޅުން ހުރި މީހަކު ދުލެއް ނުކުރޭ"
ނަޝީދަށް ދިން ހަމަލައާ ސިޔާސީ ގުޅުމެއް ނެތް: އައްބާސް
ޓެރަރިޒަމްގެ މައްސަލާގައި އަލިމަނިކު 5 އަހަރަށް ޖަލަށް
ތަހުމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން އަންގައިފި
ބޮމުގެ ހަމަލާ: ހެކީގެ ފުރުސަތު އެކަކަށް އަލުން ދެނީ
މޭ 6 ގެ ހަމަލަށް ދެ އަހަރު، އިންސާފު ނުލިބުނު!
ބޮމުގެ ހަމަލާގެ ޝަރީއަތް އޮގަސްޓް މަހު ނިންމަނީ
ބޮމުގެ ހަމަލާ: ބެންޗް އުވުނަސް ޝަރީއަތް އަލުންނުފަށާނެ
ބޮމުގެ ހަމަލާގެ މައްސަލަ ބަލާ ބެންޗަށް ގާޒީ ދީބާނާޒް
ބޮމުގެ ހަމަލާ: ހެކި ސިއްރު،ދިފާއީ ހެކިތަކެއް ބޭރު