Roadha Mihaaru

އަމީންގެ ބަންދަށް 15 ދުވަސް

ރާއްޖޭގައި ފުޅާ ދާއިރާއެއެއްގައި ހަރުކަށި ފިކުރު ފަތުރަމުންދާ އަދި ރާއްޖެ އިން ބޭރުގައި ހިންގާ ހަނގުރާމަވެރި ޖަމާއަތަތްކަށް ދިވެހިން ފޮނުވާ ކަމުގެ ތުހުމަތުގައި އިއްޔެ ރޭ ހައްޔަރުކުރި "ޓެރަރިސްޓް" މުހައްމަދު އަމީން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން 15 ދުވަސް ދީފި އެވެ.

އަމީންގެ ބަންދަށް 15 ދުވަސް
އަހުމަދު ސާއިލް އަލީ
އަހުމަދު ސާއިލް އަލީ

25 އޮކްޓޯބަރ 2019

ރާއްޖޭގައި ފުޅާ ދާއިރާއެއެއްގައި ހަރުކަށި ފިކުރު ފަތުރަމުންދާ އަދި ރާއްޖެ އިން ބޭރުގައި ހިންގާ ހަނގުރާމަވެރި ޖަމާއަތަތްކަށް ދިވެހިން ފޮނުވާ ކަމުގެ ތުހުމަތުގައި އިއްޔެ ރޭ ހައްޔަރުކުރި "ޓެރަރިސްޓް" މުހައްމަދު އަމީން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން 15 ދުވަސް ދީފި އެވެ.

އުމުރުން 35 އަހަރުގެ އަމީންގެ ބަންދަށް 15 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުނުން ފިޔަވައި އޭނާއާ ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.

އަމީނަކީ އެމެރިކާ އިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެހި މީހާ އެވެ. އޭނާ އަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ) އިން އޭނާ އަށް މާލީ ދަތިކުރުމުގެ ފިޔަވަޅު އެޅީ މިދިޔަ އޯގަސްޓް މަހު އެވެ.

ފުލުހުން އޭނާ ހައްޔަރު ކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މާލެއިންނެވެ.

އަމީނަކީ ސަލްޓަން ޕާކް ބޮމުގެ ހަމަލާއާ ގުޅިގެން ވެސް ހައްޔަރުކުރަން އުޅުމުން ރާއްޖޭން ބޭރަށް ގޮސް ފިލައިގެން އުޅުނު މީހެކެވެ. އޭރު އޭނާ ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނުނެވެ. ނަމަވެސް 2011 ވަނަ އަހަރު ލަންކާ އިން ހައްޔަރުކޮށް ރާއްޖެ ގެނައުމަށް ފަހު ހުންނަނީ ދޫކޮށްލައިފަ އެވެ. އަމީން، އޭރު ލަންކާ އިން ހައްޔަރުކުރީ ވަގު ޕާސްޕޯޓެއް ގައި އެ ގައުމަށް އެތެރެވާން އުޅެނިކޮށެވެ. އޭނާ އަތުން ދިވެހި ޕާސްޕޯޓަކާއި ޕާކިސްތާންގެ ޕާސްޕޯޓެއް ފެނުނެވެ.

އެމެރިކާ އިން ބުނެފައި ވަނީ އަމީނަކީ އައިސިސްގެ އިރާގު ގޮފި (އައިސިސް-ކޭ) އަށް ހަނގުރާމަވެރިން ރެކްރޫޓްކުރާ މީހެއް ކަމަށެވެ. މިދިޔަ އޭޕްރީލް މަހާ ހަމައަށް ވެސް އަމީނަކީ އައިސިސް އަށް މީހުން ހޯދުމުގައި ހަރަކާތްތެރިވަމުން އައި މީހެއްކަން އެނގޭ ކަމަށް އެމެރިކާ އިން ވަނީ ބުނެފަ އެވެ. އޭނާގެ މި މަސައްކަތުގައި އެހެން މީހުން ވެސް ބައިވެރިކުރާ ކަމަށް އެމެރިކާ އިން ބުންޏެވެ. އަމީންގެ ބައިވެރިން ހަނގުރާމަވެރިން ހޯދަން ހަފުތާ އަކު 10 ވަރަކަށް ބައްދަލުވުން ބާއްވާ ކަމަށާއި އޭގެ ބައެއް ބައްދަލުވުންތައް އޭނާގެ ގޭގައި ވެސް ބާއްވާކަން އެމެރިކާ އިން ހާމަކޮށްފައިވެ އެވެ.

އެމެރިކާ އިން ބުނެފައިވާ ގޮތުގައި، އަމީނަކީ ސީރިއާ އާއި އަފްޣާނިސްތާނުގައި ވަރަށް އިސްކޮށަް، އައިސިސް އަށް މަސައްކަތް ކޮށްދޭ މީހެކެވެ. ކުރިން ސީރިއާ އަށް ހަނގުރާމަވެރިން ފޮނުވުމަށް ފަހު މިހާރު ފޮނުވަނީ އަފްޣާނިސްތާނަށް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް އެހީތެރިވާ ކަމަށް އެމެރިކާ އިން ބުނެ އެވެ.