Roadha Mihaaru

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ގޮއްވާލަންޖެހޭ ކަމަށް ބުނި މީހާ ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ގޮއްވާލަން ޖެހޭ ކަމަށް ބުނެ ކޮމެންޓް ކުރި މީހާ ބަންދުން ދޫކޮށްލައިފި އެވެ.

މަޖިލީހުގެ އިދާރާ ގޮއްވާލަން ބުނި މީހާ ދޫކޮށްލައިފި
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

02 ޖުލައި 2021

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ގޮއްވާލަން ޖެހޭ ކަމަށް ބުނެ ކޮމެންޓް ކުރި މީހާ ބަންދުން ދޫކޮށްލައިފި އެވެ.

ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ އިދާރާ ގޮއްވައިލަން ޖެހޭ ކަމަށް ބުނެ ފޭސްބުކްގައި ކޮމެންޓްކުރި މައްސަލާގައި މިދިޔަ މަހު ހައްޔަރުކުރީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދު މުއްދަތު ކޯޓުން ކުރިން އިތުރުކޮށްދިނެވެ.

ފުލުހުން މިރޭ ބުނީ މިދިޔަ ހަފުތާގައި އެ މީހާ ބަންދުން ދޫކޮށްލީ ތަހުގީގު ނިމިފައިވާތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

މަޖިލީހުގެ އިދާރާ ގޮއްވާލަން ޖެހޭ ކަމަށް ބުނެ ދިން އިންޒާރާ އެކު، އެ އިދާރާގެ ސަލާމަތީ ކަންކަން އޭރު ވަރުގަދަ ކުރި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހު 6 ގައި އެއްޗެއް ގޮއްވާލި މައްސަލާގައި ވެސް ބަޔަކު ހައްޔަރުކޮށް، ތަހުުގީގު ދަނީ ކުރިއަށެވެ. އެ ހަމަލާގައި ނަޝީދަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދެއްވުުމަށް އެ މަނިކުފާނު މިހާރު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގޮވައްވައިލާނެ ކަމުގެ އިންޒާރު ވެސް ޓުވިޓާގައި ރޭ މީހަކު ދިނެވެ. ކާކުކަން ނޭނގޭ މީހާގެ އެ އެކައުންޓު ޓުވިޓާ އިން ފަހުން ސަސްޕެންޑް ކޮށްފައިވާއިރު، އިންޑިއާ ހައި ކޮމިޝަނުގެ ސަލާމަތީ ކަންކަން ދިވެހި ސަރުކާރުން މިހާރު ވަނީ ވަރުގަދަ ކޮށްފަ އެވެ.