Roadha Mihaaru
ޓެރަރިޒަމްގެ ކުށުގައި އަމީން 27 އަހަރަށް ޖަލަށް

ޓެރަރިޒަމްގެ ކުށުގައި އަމީން 27 އަހަރަށް ޖަލަށް

08 ނޮވެމްބަރ 2023

އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފަރާތުން ރާއްޖޭގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ ދައުލަތުން ކުރި މުހައްމަދު އަމީން 27 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޏ. ފުވައްމުލަކު ކަރިއްޔާވިލާ އަމީންގެ މައްޗަށް ދައުލަތުން ދައުވާކުރީ އިސްލާމިކް ސްޓޭޓް ޖަމާއަތާ ގުޅިގެން އުޅުމާއި ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާއަށް ދިވެހިން ފޮނުވި ކަމަށް ބުނެ އެވެ. އޭނާގެ މައްޗަށް ކުރީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ދައުވާ އެވެ.

އަމީންގެ ޝަރީއަތް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެން ކަމަށްވާތީ އެ ހުކުމުގެ ތަފްސީލެއް ނުލިބެ އެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރި ދެ ދައުވާ ވެސް ސާބިތުވެ، އޭނާ 27 އަހަރަށް ޖަލަށްލާން މިއަދު ހުކުމް ކުރިކަން ވަނީ ކަށަވަރުވެފަ އެވެ.

އަމީންގެ ޝަރީއަތް ހިންގީ އާންމުކޮށް ހުޅުވާނުލައި، ސިއްރުކޮށްގެންނެވެ.

އޭނާ 27 އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

އަމީނަކީ 2007 ވަނަ އަހަރު ސަލްޓަންޕާކްގެ ބޮމުގެ މައްސަލާގައި ވެސް ތުހުމަތު ކުރެވުނެވެ. އެ މައްސަލާގައި ރާއްޖެއިން ބޭރުގައި އޭނާ ހުއްޓާ އިންޓަޕޯލް ރެޑް ނޯޓިސްއެއްގެ ދަށުން އޭނާ ހައްޔަރުކޮށްގެން ރާއްޖެ ގެނައި ނަމަވެސް 2012 ވަނަ އަހަރު ފަހުން ވަނީ ދޫކޮށްލައިފަ އެވެ.

އަމީނަކީ އެމެރިކާއިން ނެރުނު ޓެރަރިސްޓުން ލިސްޓުގައި ވެސް ހިމެނޭ މީހެކެވެ.