Roadha Mihaaru
ޓެރަރިޒަމަށް ހިތްވަރުދީ، ފައިސާ ހޯދިކަން ސާބިތެއް ނުވި

ޓެރަރިޒަމަށް ހިތްވަރު ދީ އަދި ޓެރަރިޒަމަށް ފައިސާ ހޯދުމުގެ ދައުވާ ސާބިތެއް ނުވި

20 ފެބުރުއަރީ 2022

ސޯޝަލް މީޑިއާގައިި ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ އިތުރުން އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން އޮންނަ ކަމަށް ތުހުމަތުވާ ރާއްޖެ އިން ބޭރު ބައެއްގެ އަތުން ފައިސާ ހޯދި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރި މީހާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުށް ސާބިތު ނުވެ، ސަލާމަތްވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސޯޝަލް މީޑިއާގައިި ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ އިތުރުން އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން އޮންނަ ކަމަށް ތުހުމަތުވާ ރާއްޖެ އިން ބޭރު ބައެއްގެ އަތުން ފައިސާ ހޯދި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރި މީހާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުށް ސާބިތު ނުވެ، ސަލާމަތްވެއްޖެ އެވެ.

ހދ. ނޭކުރެންދޫ ޝާޒިން، މުހައްމަދު މުނާޒްގެ މައްޗަށް ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ ދައުވާ އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ދައުވާ ދައުލަތުން ކުރީ 2018 ވަނަ އަހަރުގެ ފަހުކޮޅު އޭނާ ފޭސްބުކްގައި ގެންގުޅުނު އަބޫ ޔޫސުފް އަދި އަބޫ މިޝްކާގެ އެކައުންޓުން ޓެރަރިޒަމަށް ހިތްވަރު ދީ، ޕޯސްޓް ކުރުމުގެ އިތުރުން އައިއެސްއާ ގުޅުން އޮންނަ އެމެރިކާގެ މީހަކާއި ޕާކިސްތާނު މީހެއްގެ އަތުން 2016 އާއި 2017 ވަނަ އަހަރު ފައިސާ ހޯދި ކަމަށް ތުހުމަތު ކޮށެވެ.

ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ ދައުވާ ސާބިތުނުވާ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ނިންމީ، އެެއީ މުނާޒްގެ އެކައުންޓްތަކަކަށް ވިޔަސް، އެ ދެ އެކައުންޓުން އެ ޕޯސްޓްތައް ކުރީ އޭނާ ކަން އެނގޭނެ ހެއްކެއް ނެތުމުންނެވެ. އަދި އެ ޕޯސްޓްތައް ކުރީ މުނާޒް ނޫން ކަމަށާއި ފަހުން އެ އެކައުންޓްތަކަށް ނުވަދެވޭ ކަމަށް އޭނާ ބުނެފައިވާތީ ކޯޓުގެ ހުކުމުގައިވަނީ އެ ޕޯސްޓްތައް ކުރީ މުނާޒްގެ ފޯނު ނުވަތަ ލެޕްޓޮޕް ބޭނުންކޮށްގެން ކަން ކަށަވަރުކުރަން ފުލުހުން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.

އެމެރިކާ އާއި އެފްބީއައިގެ ލިޔުންތަކުގައި ވެސް ހެއްކެއް ނެތް

އެ ދެ އެކައުންޓަކީ މުނާޒްގެ އެކައުންޓެއް ކަން ސާބިތުކުރަން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓްގެ ބައެއް ލިޔުންތަކާއި ބައެއް އިންޓެލިޖެންސް ރިޕޯޓްތައް ދައުލަތުން ކޯޓަށް ހުށަހެޅިޔަސް، ހުކުމުގައިވަނީ އިންޓެލިޖެންސް ރިޕޯޓަކީ ކަމެއް ސާބިތު ކުރަން ފުދޭ އެއްޗެއް ނޫން ކަމަށެވެ. އަދި ޖަސްޓިސް ޑިޕާޓްމެންޓުން ފޮނުވި ލިޔުންތަކުން ވެސް، އެ ޕޯސްޓްތައް ކުރީ މުނާޒް ކަން އެނގޭނެ ހެއްކެއް ނެތް ކަމަށް ހުކުމުގައި ވެ އެވެ.

ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ދައުވާގައި، މުނާޒަށް ފައިސާ ފޮނުވި ކަމަށް ދައުލަތުން ތުހުމަތު ކުރަނީ ޓެރަރިޒަމްގެ ތުހުމަތުގައި ޑިސެމްބަރު 2016 ގައި އެމެރިކާގައި ހައްޔަރުކުރި ލަޔަނަލް ވިލިއަމްސްގެ މައްޗަށެވެ. އެކަމާ ބެހޭގޮތުން އެމެރިކާގެ އެފްބީއައިގެ ލިޔުންތަކެއް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި އެވެ. އެކަމަކު ކޯޓުގެ ހުކުމުގައިވަނީ މުނާޒަށް ވިލިއަމްސް ފައިސާއެއް ފޮނުވި ކަމަށް އެފްބީއައިގެ ލިޔުންތަކުން އެނގެން ކަމަށެވެ.

ރާއްޖޭގެ ކުންފުންޏެއް މެދުވެރިކޮށް، މުނާޒް ހިންގި ފައިސާގެ މުއާމަލާތުތަކެއް ދައުލަތުން ކޯޓަށް ހުށަހެޅިޔަސް، ކޯޓުން ނިންމީ އެއީ ގާނޫނާ ޚިލާފަށް ހޯދި ހެއްކެއް ކަމަށެވެ. ސަބަބެއްގެ ގޮތުގައި ދެއްކީ ފުލުހުންގެ އެ ކުންފުނީގެ ލިޔުންތައް ހޯދީ ޖިނާއީ އިޖުރައާތުގެ ދަށުން ކަމަށް ވާއިރު، އެ ގާނޫނުގެ ދަށުން މާލީ މުއާމަލާތުތަކުގެ ހެކި ހޯދޭނީ ބޭންކްތަކުގެ ފަރާތުން އެކަނި ކަމަށް ބުނެ އެވެ. އަދި އެއީ ރާއްޖޭގައި ހިންގާ ބޭންކަކަށް ނުވާތީ، އެ ކުންފުނީގެ އަތުން އެފަދަ ހެކިތައް ހޯދުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ގާޒީ އިސްމާއިލް ޝަފީއު އިއްވެވި އެ ހުކުމުގައި ބުންޏެވެ.

ގާނޫނު އޮންނަ ގޮތުން ޓެރަރިޒަމަށް ފައިނޭންސް ކުރުން ކަމަށް ބެލެވެނީ ޓެރަރިޒަމްގެ އަމަލެއް ކުރަން ފައިސާ ހޯދުން ކަމަށާއި އެކަމަކު މުނާޒް ފައިސާ ހޯދީ އެފަދަ އަމަލެއް ކުރަން ކަމުގެ ހެއްކެއް ވެސް ނެތް ކަމަށް ހުކުމުގައި ވެ އެވެ.