Roadha Mihaaru

ގޭންގް ކުށްތަކާއި ނުރައްކާތެރި ކުށްތަކުގެ އާ ގާނޫނުގެ ދަށުން ބަޔަކު ހައްޔަރުކޮށްފި

ގޭންގް ކުށްތަކާއި ނުރައްކާތެރި ކުށްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް މިދިޔަ މަހު އަމަލުކުރަން ފެށި އާ ގާނޫނުގެ ދަށުން، ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

ގޭންގް ކުށްތަކާބެހޭ އާ ގާނޫނުގެ ދަށުން ބަޔަކު ހައްޔަރު

ގޭންގް ކުށްތަކާއި ނުރައްކާތެރި ކުށްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް މިދިޔަ މަހު އަމަލުކުރަން ފެށި އާ ގާނޫނުގެ ދަށުން، ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

ގޭންގް ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން މާލެއިން ހައްޔަރުކުރި މީހުން ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ނެރެފައިވާ އަމުރުގައިވާ ގޮތުން އެ މީހުން ހައްޔަރުކުރީ ދެ ވަޅި ގެންގުޅުމުގެ ތުހުމަތުގަ އެވެ.

އެ މީހުންނަކީ މއ.މޯނިން ވިއު އިބްރާހީމް ޒައިދާން، ހަމަ އެ ގޭ އަހުމަދު ނަވާޒް އަދި ލ.މާބައިދޫ، ބަށިމާގެ މުހައްމަދު ޝިދާދު އެވެ.

ބަންދު އަމުރުތަކުގައިވާ ގޮތުން ހާދިސާގެ ރިޕޯޓާއި އިންޓެލިޖެންސް ރިޕޯޓް އަދި ކުށުގެ ވެށިން ފެނުނު ދެ ވަޅީގެ ފޮޓޯ، ހެކީގެ ގޮތުގައި ފުލުހުން ކޯޓަށް ހުށަހެޅި އެވެ.

މިދިޔަ މަހު އަމަލުކުރަން ފެށި ގޭންގް ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ހައްޔަރުކުރި އެ ތިން މީހުންގެ ތެރެއިން އެކަކުގެ ބަންދަށް 30 ދުވަސް އަދި ދެން ތިބި ދެ މީހުން 15 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ނަމަވެސް އެ ތިން މީހުން ހައްޔަރު ކުރުމާ ގުޅޭ ތަފްސީލުތައް ފުލުހުން އަދި ހާމައެއް ނުުކުރެ އެވެ.

ކުރިން އަމަލުކުރި ގޭންގް ކުށްތަކާ ބެހޭ ގާނޫނުގައި ހުރި ގާނޫނީ ހުރަސްތަކާ ހެދި އެ ގާނޫނު އުވާލުމަށްފަހު އަމަލުކުރަން ފެށި އާ ގާނޫނުގައި، ގޭންގްތަކާއި ގޭންގްތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތަކަށް ބޮޑެތި އަދަބު ދީ އަދި ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް ހިމަނާފައިވެ އެވެ.