Roadha Mihaaru

އިންޓަޕޯލް ނޯޓިސް ނެރެގެން ހޯދަމުން ދިޔަ ތިން މީހަކު ރާއްޖެ އައުމުން ހައްޔަރުކޮށްފި

މިދިޔަ އަހަރު ހިންގި މާރާމާރީއަކާ ގުޅިގެން އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ފުލުހުން ހޯދަމުން އައި ތިން ދިވެއްސަކު ރާއްޖެ އައުމާ އެކު އަތުލައިގަނެފި އެވެ.

ރެޑް ނޯޓިސް ނެރެގެން ހޯދި ތިން މީހުން ހައްޔަރު

މިދިޔަ އަހަރު ހިންގި މާރާމާރީއަކާ ގުޅިގެން އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ފުލުހުން ހޯދަމުން އައި ތިން ދިވެއްސަކު ރާއްޖެ އައުމާ އެކު އަތުލައިގަނެފި އެވެ.

ފުލުހުން މިރޭ ބުނީ އެ ތިން މީހުން ހޯދަމުން ދިޔައީ މާލޭގައި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މީހަކާ މެދުގައި މާރާމާރީ ހިންގާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ހިންގި މާރާމާރީއެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ތިން މީހުން ވެސް ރޭ ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އެ ތިން މީހުން ހައްޔަރުކުރީ ތައިލެންޑުން ރާއްޖެ އައުމުން ކަމަށެވެ. އެތަނުން އެކަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު ކަމަށާއި އަނެއް ދެމީހުން ހައްޔަރުކުރީ އިއްޔެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ؛

• މުހައްމަދު ސިބްޠު އަބްދުﷲ، 19، މ. މަސްކޮތަންގޭ

• މުހައްމަދު އަހްސަމް، 26، ހ. ދޮންތުނޑި

• އަސްވާން މުހައްމަދު، 28، މޫރިތި، ލ. ގަން މުކުރިމަގު

"މި ތިން މީހުން ހޯދުމަށް ވެސް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވޭ. ތިން މީހުން ވެސް ރާއްޖެ އައިސްފައި ވަނީ ފިލައިގެން އުޅެނިކޮށް ތައިލެންޑުން ޑީޕޯޓްކޮށްލުމުން،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ތިން މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އަސްވާން ބަންދުން ދޫކޮށް، ދެން ތިބި ދެމީހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ކޮށްފައިވާ ކަމަށެވެ.