Roadha Mihaaru
ފައިހުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ގްރޫޕް މާރާމާރީގައި މީހަކު މަރުވުމާ ގުޅިގެން ދައުވާކޮށްފައިވާ ފައިހްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

08 ނޮވެމްބަރ 2023

މީހަކު މަރުވި ގްރޫޕް މާރާމާރިއާ ގުޅިގެން ދައުވާކޮށްފައިވާ އިބްރާހިމް ފައިހް ނިޒާމުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިއްޔެ އިތުރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މީހަކު މަރުވި ގްރޫޕް މާރާމާރިއާ ގުޅިގެން ދައުވާކޮށްފައިވާ އިބްރާހިމް ފައިހް ނިޒާމުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިއްޔެ އިތުރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ވަނީ ފައިހު، 26، ގެ ބަންދުގެ މުއްދަތު އެކި ފަހަރު މަތިން އިތުރުކޮށްދީފަ އެވެ. މިފަހަރު ކޯޓުން ވަނީ އޭނާގެ ބަންދަށް 45 ދުވަސް ދީފަ އެވެ.

ފުލުހުން ކޯޓުގައި އެދުނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްދިނުމަށެވެ. ނަމަވެސް، ކޯޓުން އެގޮތަށް އެ އަމުރު ނެރެ ނުދިނެވެ. އޭގެ ސަބަބެއް ކަމަށްވާ ކޯޓު އަމުރުގައި ބަޔާންކޮށްފައި ވަނީ، މި މައްސަލާގެ ތަހުގީގު އަށް މަސްދުވަހަށް ދިގުދެމިގެން ގޮސްފައިވާއިރު، ނިމޭނެ މުއްދަތެއް ނޭނގި މިގޮތަށް ތަހުގީގު ދިގުލައިގެން ދިއުމުގެ އިހުތިމާލެއް އޮތުމުން، މި ކަހަލަ ހާލަތެއްގައި މުއްދަތެއް ނެތް ގޮތަށް ބަންދުކުރުމަކީ އިންސާފުވެރި ގޮތަކަށް ނުވެދާނެތީ ކަމަށެވެ.

ފައިހް ހައްޔަރުކުރީ މުރަނގަ މަގުގައި ހުންނަ ކްރާސާ ފިހާރާ ތެރޭގައި މި އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުގެ ރޭ ބަޔަކު މާރާމާރީ ހިންގައި، އެތަނުގައި ހުރި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރަލި މައްސަލާގަ އެވެ.

އެ މާރާމާރި އަށް ފަހު އޭނާ ދުވަސްކޮޅަކު ފިލައިގެން އުޅުމަށް ފަހު، ފުލުހަށް ހާޒިރުވީ އަމިއްލަ އަށެވެ.

ފުލުހުން ވަނީ ފައިހުގެ މައްޗަށް އަށް ދައުވާއެއް ކޮށްދޭން އެދި މިދިޔަ މެއި މަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފަ އެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ)ގެ ދަށުން ގައިގައި އަތްލުމާއި ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ (ހ)ގެ ދަށުން ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ދައުވާ އެވެ.

އޭނާ ފޮރުވައިގެން ގެންގުޅުނު މައްސަލައާ ގުޅިގެން ވެސް ދެ މީހަކަށް ދައުވާ ކުރި އެވެ. އެއީ ލ. ގަން، ތުނޑި، ނެވާކޯން، އަބްދުﷲ ޖުނައިދާއި ރ. ކަނދޮޅުދޫ، ފީރޯޒުގެ، މުހައްމަދު ޝަބީބްގެ މައްޗަށެވެ. އެ މީހުންނަށް ކުރީ ކުށެއް ކޮށްފައިވާ މީހަކު ހައްޔަރު ކުރިޔަ ނުދިނުމަށްޓަކާ، ކުށް ކޮށްފައިވާ މީހާ ތަނެއްގައި ބެހެއްޓުމުގެ ކުށުގެ ދައުވާ އެވެ.

ފައިހް އާއި ޖުނައިދާއި ޝަބީބްގެ އިތުރުން ދެ މީހެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރި އެވެ. އެއީ ހ. ދިއްގާމާގެ، އަލީ ފާރިޝް އާއި މއ. އާދިއްޕަރު، މާއިން މުހައްމަދު އަޒީމްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ)ގެ ދަށުން ކުރީ ގައިގައި އަތްލުމުގެ ކުށުގެ ދައުވާ އެވެ.