Roadha Mihaaru

ލަންކާ މީހަކު ރާއްޖޭގައި މަރާލި މައްސަލާގައި ދައުވާ ލިބުނު މީހާގެ މައްޗަށް ކުށް ސާބިތުނުވެ ސަލާމަތްވެއްޖެ

ރާއްޖޭގެ ރިސޯޓެއްގައި ސްރީ ލަންކާގެ ޝެފަކު މަރާލި މައްސަލާގެ ދައުވާ ލިބުނު އެ ގައުމުގެ މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހަ އަހަރު ފަހުން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ލަންކާ މީހަކު މަރާލި މައްސަލާގައި ކުށް ސާބިތުނުވި

ރާއްޖޭގެ ރިސޯޓެއްގައި ސްރީ ލަންކާގެ ޝެފަކު މަރާލި މައްސަލާގެ ދައުވާ ލިބުނު އެ ގައުމުގެ މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހަ އަހަރު ފަހުން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އެއްލައިދޫ ރިސޯޓުގައި 2019 ވަނަ އަހަރު ލަންކާގެ ޝެފަކަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ލަންކާގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން މި މަހުގެ 14 ވަނަ ދުވަހު ކުރި ހުކުމުގައި ވަނީ ޖަޔަލަތު ފަހުން ކުށަށް އިންކާރު ކޮށްފައިވާއިރު، އޭނާ ކުރިން ބަންދު މުއްދަތު މަޖިލީހުގައި، ހަމަލާދިން ކަމަށް އެއްބަސްވި ނަމަވެސް އެއީ ގަސްދުގައި ދިން ހަމަލާއެއް ނޫން ކަމަށާއި އެއީ ނަފްސުގެ ދިފާއުގައި ދިން ހަމަލާއެއް ކަމަށް ބުނެފައިވާ ކަމަށެވެ. އޭނާ ބަންދު މުއްދަތު މަޖިލީހުގައި ވާހަކަ ދައްކާފައިވަނީ ވަކީލެއްގެ އެހީތެރިކަން ނުލިބި އަދި އޭނާގެ އިއުތިރާފްގެ ނަތީޖާ އޭނާއަށް ބުނެދީފައި ނުވަނީސް ކަމަށް ހުކުމުގައިވެ އެވެ.

މީގެ އިތުރުން އެ ހާދިސާ ލޮލަށް ފެނުނު މީހުން ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުން އެ އިން އެއްވެސް މީހެއް ހެކިބަހެއް ލިބިފައި ނުވާ ކަމަށާއި އިއުތިރާފް ބަޔާން ނަގާފައި އޮތްގޮތުން އެ ބަޔާނަށް ބުރަދަން ނުދެވޭނެ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، ބަންދު މުއްދަތު މަޖިލީހުގައި ވެފައި އޮތް އިއުތިރާފަށް އެކަނި ބަލައިގެން އޭނާގެ މައްޗަށް އެ ކުށް ސާބިތު ނުކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އޭނާގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ހުކުމުގައިވެ އެވެ.

އެ މައްސަލާގައި މަންޒަރު ފެނުނު ހެކިން ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާތީ އެ މީހުން ހޯދައި، އެ މީހުންގެ ހެކިބަސް ނެގުމަށް އިންޓަޕޯލްގެ އެހީއަށް ވެސް ރާއްޖެއިން އެދުނެވެ. ނަމަވެސް އެ މީހުންގެ ހެކިބަހެއް މައްސަލަ ނިމުމާ ހަމައަށް ލިބިފައެއް ނުވެ އެވެ.