Roadha Mihaaru
"ބާރުގަދަ ގޮއްވުންތަކަށް ބޭނުންކުރާ ކެމިކަލެއް ފެނުނު"

ހައްޔަރުކުރި މީހެއްގެ ގެއިން ބާރުގަދަ ގޮއްވުންތަކަށް ބޭނުންކުރާ ކެމިކަލެއް ފެނުނު: ފުލުހުން

22 ނޮވެމްބަރ 2022

މި މަހުގެ 11 އިން ފެށިގެން މާލެ އާއި އައްޑޫ އަދި ކ. ގުރައިދޫގައި ސަލާމަތީ ބާރުތަކުން ހިންގާ ޓެރަރިޒަމާ ދެކޮޅު ބޮޑު އޮޕަރޭޝަންގައި ހައްޔަރުކުރި މީހެއްގެ ގެއަކުން ބާރުގަދަ ގޮއްވުންތަކަށް ބޭނުންކުރާ ކެމިކަލްގެ ބާވަތެއް ފެނިފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި މަހުގެ 11 އިން ފެށިގެން މާލެ އާއި އައްޑޫ އަދި ކ. ގުރައިދޫގައި ސަލާމަތީ ބާރުތަކުން ހިންގާ ޓެރަރިޒަމާ ދެކޮޅު ބޮޑު އޮޕަރޭޝަންގައި ހައްޔަރުކުރި މީހެއްގެ ގެއަކުން ބާރުގަދަ ގޮއްވުންތަކަށް ބޭނުންކުރާ ކެމިކަލްގެ ބާވަތެއް ފެނިފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފުލުހުންގެ ނޫސްބަޔާނެއްގައި ބުނީ އެ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ގެތަކުންނާއި އެ މީހުން ބޭނުންކުރަމުންދާ ބައެއް ގެތަކާއި ބައެއް ވެހިކަލްތަކާއި ޑިންގީއެއް ބަލައި ފާސްކޮށް، މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ހޯދާފައިވާ ކަމަށެވެ. އަދި އެ ތަކެތި ތަހުލީލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ހައްޔަރުކުރި މީހަކު ދިރިއުޅޭ ގެއެއް ބަލައި ފާސްކޮށް ނެގި އެކްސްޕްލޯސިވް [ގޮއްވަން ބޭނުންކުރާ] ކެމިކަލް ކަމަށް ޝައްކު ކުރެވޭ ތިން ބާވަތެއްގެ ސާމްޕަލް، އެމްއެންޑީއެފްގެ އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ)ގެ ފަރާތުން ޗެކްކުރިއިރު، އެ ސާމްޕަލްތަކުގައި ހައި އެކްސްޕްލޯސިވް [ބޮޑެތި ގޮއްވުންތަކަށް ބޭނުންކުރާ] މާއްދާއެއް ހިމެނޭކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"ސާމްޕަލްތަކުން ފެނުނު އެކްސްޕްލޯސިވްގެ ބާވަތްތަކަކީ މައިގަނޑު ގޮތެއްގައި ބާރުގަދަ ގޮއްވުންތަކަށް ބޭނުންކުރާ ހައި އެކްސްޕްލޯސިވް ވައްތަރެއް ކަމާއި، މި ވައްތަރުގެ އެކްސްޕްލޯސިވްގެ މަދު މިންވަރަކުން އިންސާނުންގެ ފުރާނަ އާއި މުއްދަލަށް ބޮޑެތި ގެއްލުން ވެދާނެ ކަމަށް އެމްއެންޑީއެފް އީއޯޑީގެ ފަރާތުން ފާހަގަކުރައްވާފައިވެ އެވެ،" އެ ބަޔާނުގައިވެ އެވެ.

އެ އެއްޗެހީގެ ސާމްޕަލްތައް ރާއްޖެ އާއި ރާއްޖެއިން ބޭރުން އިތުރަށް ތަހުލީލުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތް، އައިސިސްއާ ގުޅިގެން ތަންތަން ގޮއްވަން އުޅުނު ކަމުގެ ތުހުމަތުގައި 14 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވެ އެވެ. އެއީ އައްޑޫން 10 މީހަކާއި މާލެ އިން އެކަކާ އަދި ގުރައިދޫން ދެ މީހެކެވެ. އެއީ މުޅިން ވެސް އައްޑޫ މީހުންނެވެ. އެ މީހުންގެ ތެރެއިން ފަސް މީހަކު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އޭގެ ތެރެއިން ހަތަރު މީހަކު 30 ދުވަހަށް ބަންދުކޮށްފައިވާއިރު، ފަސް މީހަކު ބަންދުކުރީ 15 ދުވަހަށެވެ.

އެ 14 މީހުންގެ ތެރެއިން ނުވަ މީހަކު މީގެ ކުރިން ވެސް ޓެރަރިޒަމްގެ ކުށުގައި ހައްޔަރުކުރި އެވެ. އެ މީހުން ކުރިން ހައްޔަރުކުރީ، ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވުން ނުވަތަ އެކަމުގައި ބައިވެރިވުން ނުވަތަ އެފަދަ ކަމަކަށް ތާއީދުކުރުމުގެ ތުހުމަތުގަ އެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ އެ މީހުން އުޅުނީ "ގިނަ ބަޔަކު މަރުވާ ގޮތަށް އެއްޗެއް ގޮއްވާލަން" ކަމަށެވެ. ގޮއްވާލަން އުޅުނީ ކޮން ތަނެއްތޯ އާއި އޭގެ އިތުރު ތަފުސީލަށް އެދުމުން ފުލުހުން ބުނީ އޭގެ މައުލޫމާތުތައް މި ވަގުތު ހާމަކުރެވެން ނެތް ކަމަށާއި ތަހުގީގު ކުރިއަށް ގެންދާ ކަމަށެވެ.

އެ އޮޕަރޭޝަނާ ގުޅިގެން އައްޑޫގެ 11 ގެ އަކާއި މާލޭގެ ހަތަރު ގެއެއެއް ބަލައި ފާސްކުރި އެވެ.