Roadha Mihaaru
ޓެރަރިޒަމްގެ އޮޕަރޭޝަނެއްގައި 7 މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ކުރިއަށް ގެންދާ ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަންގައި ހަތް މީހަކު ހައްޔަރުކޮށްފި

15 މެއި 2021

ފުލުހުންނާއި ސިފައިން ގުޅިގެން އައްޑޫގައި ކުރިއަށް ގެންދާ ޓެރަރިޒަމާ ދެކޮޅު ބޮޑު އޮޕަރޭޝަނެއްގައި ހަތް މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފުލުހުންނާއި ސިފައިން ގުޅިގެން އައްޑޫގައި ކުރިއަށް ގެންދާ ޓެރަރިޒަމާ ދެކޮޅު ބޮޑު އޮޕަރޭޝަނެއްގައި ހަތް މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

އައްޑޫން ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވި ނަމަވެސް އެކަމުގެ ތަފުސީލެއް އަދި ނުދެއްވަ އެވެ.

އެނގިފައިވާ ގޮތުގައި މިއީ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ މާލޭގައި ދިން ޓެރަރިސްޓް ހަމަލާއާ އަށް ފަހު، ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދާ ޓެރަރިޒަމާ ދެކޮޅު ހަރަކާތެކެވެ.

މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ވެސް ފުލުހުންނާއި ސިފައިން ހަތިޔާރާއެކު ފޯރިމަރަމުން އަންނަ ކަމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ނަޝީދަށް ހަމަލާ ދިނީ ގެކޮޅު ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ 8:30 ހާއިރު އައިއީޑީއެއް ގޮއްވާލައިގެންނެވެ. ހަމަލާގައި ނަޝީދަށް ލިބުނު ސީރިއަސް ޒަހަމްތަކާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި ބޮޑެތި ސާޖަރީތަކެއް ހެދުމަށް ފަހު މިހާރު ވަނީ އިތުރު ފަރުވާ އަށް ޖަރުމަނަށް ވަޑައިގެންފަ އެވެ.

ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލައި ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށް، އެކަމާ ގުޅޭ ގިނަ މައުލޫމާތުތަކެއް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އަދި ތަހުގީގަށް ބަންދުގައި ބައިތިއްބަން ވަނީ ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.