Roadha Mihaaru
ހަރުކަށި ފިކުރާ ދެކޮޅު އޮޕަރޭޝަނެއް ޖަލުގައި ފަށައިފި

ނަޝީދަށް ދިން ހަމަލަ އާއި ހަރުކަށި ފިކުރާ ދެކޮޅަށް ޖަލުގައި ސިފައިން/ފުލުހުންގެ އޮޕަރޭޝަނެއް

12 ޖޫން 2021

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓު ހަމަލަ އާއި ހަރުކަށި ފިކުރާ ދެކޮޅު އޮޕަރޭޝަނެއް ސިފައިންނާއި ފުލުހުން މާފުށީ ޖަލުގައި މިއަދު ފަށައިފި އެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓު ހަމަލަ އާއި ހަރުކަށި ފިކުރާ ދެކޮޅު އޮޕަރޭޝަނެއް ސިފައިންނާއި ފުލުހުން މާފުށީ ޖަލުގައި މިއަދު ފަށައިފި އެވެ.

ޖަލުތައް ބަލަަހައްޓާ އިދާރާ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މި އޮޕަރޭޝަންގައި ސިފައިންނާއި ފުލުހުންގެ އިތުރުން ކަރެކްޝަނަލް ސާވިސް އިން ވެސް ބައިވެރިވާ ކަމަށެވެ.

މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފުސީލެއް އަދި ނުދެ އެވެ.

ނަޝީދަށް ދިން ޓެރަރިސްޓް ހަމަލަ އަށް އެއް މަސް ފުރުމާ ދިމާކޮށް، މިދިޔަ އާދިއްތަ ދުވަހު ފުލުހުން ބޭއްވި މީޑިއާ ބްރީފިންގައި ބުނެފައި ވަނީ، ހައްޔަރުކުރި ފަސް މީހުންގެ ތެރޭގައި ހަރުކަށި ފިކުރުގެ މީހަކު ހިމެނޭ ކަމަށެވެ. އެކަމަކު އެއީ ކާކު ކަމެއް ނުބުނެ އެވެ.

ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެއީ ނަޝީދަށް ބޮޑެތި ޒަހަމްތަކެއް ލިބުނު އެ ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު މީހެކެވެ.

ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ފުލުހުން މިހާތަނަށް މައުލޫމާތު ހާމަކޮށްފައިވާ މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ އެވެ.

ނަޝީދަށް ދިން ހަމަލަ އަށް ފަހު، ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ވަނީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ ބަޔަކު ހައްޔަރުކޮށްފަ އެވެ. ނަމަވެސް ކޯޓު މަރުހަލާގެ ތެރެއިން ބައެއް މީހުން ވަނީ ދޫވެފަ އެވެ.

ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ބުނެފައިވާ ގޮތުގައި ހަރުކަށި ފިކުރު ފަތުރަން މަސައްކަތް ކުރާ އެއް ތަނަކީ ވެސް ޖަލެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ރައްޔިތުންގެ މަޖިލީހުގައި ދާދި ފަހުން ވިދާޅުވެފައި ވަނީ ޖަލަށް ލާފައިވާ ހަރުކަށި ފިކުރުގެ މީހުން، ޖަލުތަކުގައި އެ ފިކުރު ފަތުރަން މަސައްކަތް ކުރާ ކަމަށެވެ. އަދި އެ ކަން ހައްލު ކުރަން މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.