Roadha Mihaaru
ބޮން "ހަރުކުރި" ހައިޝަމަށް ދައުވާކުރަން ފޮނުވައިފި

ބޮން ހަރުކުރި ކަމަށް ބުނާ ހައިޝަމަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވައިފި

29 ޖުލައި 2021

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ އަލީ ހައިޝަމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ އަލީ ހައިޝަމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މިދިޔަ މޭ ހަ ވަނަ ދުވަހުގެ ރޭ ނަޝީދު ކާރުކޮޅަށް އަރުއްވަނިކޮށް، ސައިކަލެއްގައި ހަރުކޮށްފައިވާ ބޮމެއް އައިއީޑިއެއް ގޮވާލި މައްސަލައިގެ ތުހުމަތުގައި ނ. މަނަދޫ، ނޫރީގޭ އަލީ ހައިޝަމާއެކު 10 މީހަކު ހައްޔަރުކޮށްފައިވެ އެވެ.

އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ކުރިން ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު، އިތުރު މީހެއްގެ މައްޗަށް ދައުވާ ކުރަން މިއަދު ވެސް ފޮނުވާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފަ އެވެ.

ޝަމީމް "މިހާރު" އަށް ވިދާޅުވިގޮތުގައި ދައުވާ ކޮށްދިނުމަށް އެދި ފުލުހުން އެންމެ ފަހުން ޕީޖީ އޮފީހަށް ފޮނުވީ ހައިޝަމްގެ މައްޗަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައި ވަނީ ހައިޝަމަކީ ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު އެކަކު ކަމަށާއި އޭނާ ކުރި ކަމަކީ ސައިކަލުގައި ބޮން ހަރުކުރުން ކަމަށެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ހައިޝަމާއި އޭނާގެ ގުރޫޕްގެ މީހުން ބޮން ހަރުކުރީ ހުޅުމާލޭގައި މީހުން ދިރިއުޅޭ ފްލެޓެއްގެ ބޭރުގައި ސައިކަލު ބަހައްޓައިގެންނެވެ.

ނަޝީދު އަވަހާރަ ކޮށްލަން ބޮން ގޮއްވި މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ކުރިން ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ މައްޗަށެވެ.

މި މައްސަލައިގެ ތުހުމަތުގައި އަދިވެސް ތަހުގީގު ކުރިއަށް ގެންދަނީ މ. އުދެހިގޭ އިސްހާގާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީ އާއި އއ. މާޅޮހު އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި ހަމަލަ ދިނުމަށް އިރުޝާދު ދިން ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމްގެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައި ވެ އެވެ.

ހައިޝަމްގެ އިތުރުން، ހަމަލަ ދިނުމަށް ރާވައި ހިންގުމުގައި އިސްދައުރެއް އަދާކޮށްފައިވަނީ ތަސްލީމާއި އިސްހާގް ކަމަށް ފުލުހުން ބުނެފައި ވެ އެވެ.