Roadha Mihaaru
ހަމަލާއަކީ އިސްލާމްދީނާ ގުޅޭ ކަމެއް ނޫން: ޕީޖީ ޝަމީމް

ނަޝީދަށް ދިން ހަމަލާއަކީ އިސްލާމްދީނާ ގުޅޭ ކަމެއް ނޫން: ޕީޖީ ޝަމީމް

03 އޯގަސްޓް 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަކީ އިސްލާމްދީނާ ގުޅުންހުރި ކަމެއް ނޫން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަކީ އިސްލާމްދީނާ ގުޅުންހުރި ކަމެއް ނޫން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެެއްޖެ އެވެ.

ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހު އެއްޗެއް ގޮއްވާލައި، ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުލަތުން މިއަދު ވަނީ ދައުވާކުރަން ކޯޓަށް ފޮނުވައިފަ އެވެ. ނަޝީދަށް އެ ހަމަލާދިނީ އެމަނިކުފާނަކީ ކާފަރެއް ކަމަށް ނިންމައިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ ޓެރަރިޒަމްގެ އަމަލުތަކަކީ އެއްގޮތަކަށް ވެސް އިސްލާމްދީނާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި އެފަދަ ކަންކަން ކުރާ މީހުން ދައްކާ ވާހަކަތަކަކީ ވެެސް ދީނާ ގުޅުންހުރި ކަމެއް ނޫން ކަމަށެވެ. އަދި އިސްލާމްދީނަކީ އެއްވެސް ގޮތަކަށް ހަރުކަށި ދީނެއް ނޫން ކަން ފާހަގަ ކުރައްވައި، ޓެރަރިޒަމްގެ އަމަލުތައް އިސްލާމްދީނާ ނުގުޅުވޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"މީސްމީހުންނާއި ތަންތަނަށް ހަމަލާދިނުން މިއީ އިސްލާމްދީނާ ގުޅޭ ކަމެއް ނޫން. އެހެންވީމަ މިއީ އެއްވެސް ގޮތަކަށް އިސްލާމްދީނާ ގުޅިގެން ދައްކާ ވާހަކައެއް ނުވަތަ ކުރާ ކަމެއް ނޫން. މިއީ ހަމަ ޖިނާއީ އަމަލެއް. ނުރައްކާތެރި ޖަރީމާއެއް މިއީ. ދީނާ ގުޅޭ ކަމެއް ގޮތަކަށް އަޅުގަނޑުމެން ނުބަލަން މިކަމެއް. ދެން ދީނީ ގޮތުން ހަރުކަށި ވިސްނުން އެބަހުރި. އެއީ އިސްލާމްދީނާ ގުޅުންހުރި ކަމެއް ނޫން،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ މީހުން މެރުމާއި މީސްމީހުންނަށް ހަމަލާ ދިނުމަކީ އިސްލާމްދީނުގައި އޮންނަ ކަމެއް ނޫން ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ނަޝީދަށް ހަމަލާދިނުމުގައި ބައިިވެރިވި މީހުން ގަބޫލުކުރާ ގޮތުން ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެކެވެ. އަދި މަޖިލީހުން ފާސްކުރި ބައެއް ކަންކަމާ ގުޅިގެން ނަޝީދަކީ މަރާލަންޖެހޭ ބޭފުޅެއް ކަމަށް ނިންމައި، އެކިފަހަރު މަތިން ހަމަލާދޭން ރާވާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނާއި އިތުރު ބަޔަކަށް އަނިޔާވެ، ނަޝީދު މިހާރު ގެންދަވަނީ ރާއްޖެއިން ބޭރުގައި އިތުރު ފަރުވާ ހޯއްދަވަމުންނެވެ. އެ މައްސަލާގައި ހަތަރު މީހަކަށް ދައުވާ ކުރިއިރު، އިތުރު ބައެއްގެ މައްޗަށް ވެސް ތަހުގީގު ދަނީ ހިންގަމުންނެވެ.